މަރު ކޮމިޝަނަށް ބާރުދޭ ބިލު ފާސްކުރުން އަވަސްކުރަން ގޮވާލައިފި

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް ބާރުދޭ ބިލުގެ މަސައްކަތް އަވަސްކުރުމަށް ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާ އިންނާއި، ނޫސްވެރިޔާ އަހުމަދު ރިލްވަނުގެ އާއިލާ އިން ގޮވާލައިފިއެވެ.

ރިލްވާނާއި ޔާމީންގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިލްވާނު ވަގަށް ނަގާ، ގެއްލުވާލާފައިވާ ފަސް އަހަރު ވާން ގާތްވެފައިވާ ކަމަށާއި ޔާމީންގެ މަރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރިލްވާނާއި ޔާމީންގެ އާއިލާގެ އިތުރުން ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ އާއިލާތަކުން އިންސާފު ލިބުމަށް އެދި ކެތްތެރިކަމާއި، ކެތްތެރިކަމާއެކު އިންތިޒާރުގައި އެބަތިބި ކަމަށެވެ.

ބަޔާނުގައި ބުނީ މަރުގެ މައްސަލަތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަ ނުކުރެވުމާއި، ކުށް ކުރުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ ކޮންމެވެސްކަހަލަ ބައިވެރިވުމެއް އޮތްކަމަށް ޝައްކުކުރެވޭފަދަ ހާލަތްތައް މެދުވެރިވުމާއި، ކޯޓުތަކުގައި މައްސަލަތައް ލަސްވެ، ދައުލަތުން ކޯޓަށް ހުށައަޅާ ލިޔުންތަކުގައި ހިމަނަންޖެހޭ ތަކެތި މަދުވުމާއި، ކޯޓުތަކުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވުމާއި ފަނޑިޔާރުންނަށް ކުރެވޭ އިތުބާރު ގެއްލިފައިވުމާއި އަދި މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަނަށް ބާރުދޭ ޤާނޫނު ފާސްކުރުމަށް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާފައިވުމަކީ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދުމަށް އެޅިފައިވާ ހުރަހެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފެށިގެންދާއިރު، އާއިލާގެ މެންބަރެއް ގެއްލުވާލުމާއި، މަރާލުމުގެ މައްސަލާގައި އިންސާފަށް އެދިގެންތިބި އެތައް އާއިލާތަކެއް ތިބިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަނދުމަކޮށް އަރުވައި، މައްސަލަރައް ތަހުގީގުކުރާ ކޮމިޝަނަށް ބާރުދޭ ބިލު ލަސްނުކޮށް ފާސްކޮށްދެއްވުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާހެން، މިފަދަ އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ ސަރުކާރުން އިސްކަންދޭންޖެހޭނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

"އަދި މިގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައި ބުނީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.

ދައުލަތަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، އިންސާފުވެރި ދައުލަތަކަށް ހެދުމަށް މުއައްސަސާތަކުގެ ކިބައިން ރިލުވަނާއި ޔާމީންގެ އާއިލާގެ ފަރާތުން އެދޭކަމަށްވެސް އެދެއާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަހްމަދު ރިލްވާން އަބްދުﷲ އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގެ އަޑީގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް ހަމަ ޔަގީން އިންސާފު ހޯދައިދެވޭނެ ކަމަށް. އަޅުގަނޑަށް މިހާރު ލިބިފައިހުރި މައުލޫމާތުތަކުގެ އަލީގައި އިންސާފު އެ އާއިލާތަކަށް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ސުއޫދު މީގެކުރިން ވިދާޅުވި އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭ ބިލު ނިމިގެންދިޔަ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

comment ކޮމެންޓް