އެމްޑީޕީ ބޮޑު ވޯޓަކަށް: ދެ ރައީސުންގެ އެކުވެރިކަން ނިމެނީ!؟

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުން މަޖިލީހުގެ ރައީސްގެ ވޯޓްގެ ވާދަވެރިކަން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ގަދަވެ ފޯރި ހިއްޕާލާފައިވާ އިރު، އެތައް އާ ވާހަކައެއް އަންނަނީ ފެންމަތިވަމުން އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމެއް ނެތި، މަޖިލީހުގެ ރައީސް ކަމަށް ވަކި ބޭފުޅަކު ގެންނަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފެއްޓިވި ހިސާބުން ދެ ބޭފުޅުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. އަަދި ހަމަ އެއާ އެކު ނަޝީދުގެ ވިސްނުމާ ދެކޮޅަށް މަޖިލީހުގެ ރައީސްގެ ވޯޓްގައި ރައީސް ސޯލިހު މަސައްކަތް ފެއްޓެވުމުން އެއް ބަޔަކަށް އެކަން މޭރުން ވަނީ މިއީ "ނަޝީދު ނޫން ގޮތެއް" ހޯއްދަވަން ކުޅޭ ކުޅިގަނޑެއް ކަމަށެވެ. އެ ވާހަކަ ނަޝީދުގެ އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރިން ފާޅުގައި މި ވަނީ ގޮވަން ފަށައިފި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ ސިޔާސީ މައިދާނުގައި މިހާތަނަށް ހުންނެވީ މުޅިން ވެސް އެއްފަޅިއެއްގަ އެވެ. އެކަމަކު މިފަހަރު ދެ ބޭފުޅުން މި ތިއްބަވަން ޖެހިވަޑައިގަތީ ދެފަޅީގަ އެވެ. ނަޝީދު ބޭނުންފުޅު ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން ބޭނުން ނަމަވެސް، ރައީސް ސޯލިހު ހުންނެވީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު އަފީފް މަޖިލިސް ރައީސްގެ ގޮނޑީގައި ބައިންދަވާށެވެ.

އެމްޑީޕީ މަޖިލިސް މެންބަރުންގެ ބަހުން ނަމަ، ރައީސް ސޯލިހު މޮޅުވުމަށް އެމަނިކުފާނު ހެސް ކިޔާފައި މަސައްކަތް ކުރައްވަ އެވެ. އަދި ނަޝީދު ވެސް އެހާ ވަރަށް މަސައްކަތް ކުރައްވަ އެވެ. އެއާ އެކު ރައީސް ސޯލިހާއި ނަޝީދުގެ ދެމެދުގައި އޮންނަ އެކުވެރިކަން ކުރިން އޮތް ގޮތަށް އޮންނާނެ ހެއްޔެވެ؟ މިއީ އެތައް ބައެއްގެ އެންމެ ބޮޑު ސުވާލެވެ.

މަޖިލިސް ރައީސް އިންތިހާބު ކުރުމަށް ކުރިއަށްދާ ކެމްޕެއިނުގައި ވެސް އަފީފާއި އަސްލަމުގެ ވާދަވެރި ކަމަށް ވުރެ ބޮޑަށް މި ފެންނަނީ ރައީސް ނަޝީދު އަދި ރައީސް ސޯލިހުގެ މެދުގައި އޮތް ވާދަވެރި ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގެ ތެރެއިން ---

"ވެރިކަން ބޭނުންވީމާ ރައީސް ނަޝީދު. މަޖިލިސް ބޭނުންވީމާ ރައީސް ނަޝީދު ދެން އެނބުރިލާފާ ކަރަށް ފައިން." ރައީސް ނަޝީދުގެ ސަޕޯޓަރަކު ޓްވިޓާގައި ލިޔެފައިވެ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރެއިން ގިނަ މީހުން ވެސް މަޖިލިސް ރައީސް ކެމްޕެއިނުގައި ނަގަނީ ރައީސް ނަޝީދުގެ ކޮޅެވެ. އެހެން މީހަކު ބުނި ގޮތުން ރައީސް ނަޝީދާއި އެމީހުންނާއި އޮތީ ހިތާ ހިތުގެ ގުޅުމެކެވެ. އެ ގުޅުން ރައީސް ސޯލިހަށް ވެސް ބަދަލެއް ނުކުރެވޭނެ އެވެ.

ސަރުކާރުން މެމްބަރުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު

ރައީސް ސޯލިހު އަފީފަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމާއި ސަރުކާރުގެ ބައެއް ވަޒީރުން އަފީފު ކޮޅުގައި ތިއްބެވުމުން އެމްޑީޕީގެ ބައެެއް އިސް ފަރާތްތަކުންނާއި ބައެއް އާންމު މެމްބަރުން ސަރުކާރާއި ވަޒީރު ބޭފުޅުންނަށް ފާޅުގައި ފާޑު ކިޔަން ވަނީ ފަށާފަ އެވެ. މަޖިލިސް ރައީސްގެ ރޭހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުންނެވީ ރައީސް ނަޝީދުގެ ފަޅީގަ އެވެ. ވޯޓު ދެއްވާނީ އަސްލަމަށް ކަމަށް ވިދާޅުވި އެވެ. އީވާ ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް އަދި ވަޒީރުންނަށް ވަނީ ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފަ އެވެ.

"ތަރައްގީގެ މަޝްރޫއު ހިންގަނީ ވަޒީރު، ސަރުކާރު ބުނާ ގޮތަށް ވޯޓު ދިނީމައޭ އެމްޕީން ކައިރި ބުނީމާ ހަޑި. ވެރިކަން ބަދަލު ކުރީ މި އަޑު ނާހަން. މިގޮތް ކަމު ނުދިޔައިމަ. މަޖިލިސް މެމްބަރުން ސިހޭކަށް ނުޖެހޭ." އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ ސައްތާރު ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުން ރައީސް ނަޝީދު ބޭނުން ކުރައްވަނީ، ބައެއް ބޭބޭފުޅުން މަގާމަށް އަނަން ބޭނުން ކުރާ ޓޫލެއްގެ ގޮތުގަ އެވެ.

ބައެއް މީހުން ބުނާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދުގެ އެދުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަން ހުށަހެޅުއްވީ އަސްލަމް އެވެ. އެހެންވީމަ އަސްލަމަށް ނަޝީދު ބޭނުންފުޅުވާ ގޮތަށް ރައީސް ސޯލިހަށް ތާއީދު ނުކުރެއްވުމަކީ ބޭފަވާތެރިވުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ޒަމާންވީ އެކުވެރިކަމަށް ބުރޫ އަރާނެ؟!

"އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ނަސޭހަތް ދިނުމަށް ވުރެ މާ ގާތްކޮށް އުޅޭ ދެމީހުން. އެކަކަށް އަނެކަކު ކުރަން ބޭނުން ވަނީ ކޮން ކަމެއްކަން މާ ކުރިން އިހުސާސްކުރެވޭ. އަޅުގަނޑަށް އެނގޭ ރައީސް ނަޝީދުގެ ވިސްނުން ކަމެއްގައި ހުންނާނެ ގޮތް. ހަމަ އެފަދައިން ރައީސް ނަޝީދަށް ވެސް އަޅުގަނޑުގެ ވިސްނުން އެނގިވަޑައިގަންނަވާނެ،" ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ރައީސް ސޯލިހު 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ސޯލިހުގެ އެވާހަކަފުޅުން މޭރުން ވަނީ ދެ ބޭފޫޅުންގެ އެކުވެރިކަން އޮތްލެއް ބޮޑު ކަމެވެ. ބައެއް މީހުން އޭރު ބުނާ ގޮތުން، ރައީސް ނަޝީދު އަދި ރައީސް ސޯލިހު ވަތްކެއް ނުކުރެވޭނެ އެވެ. އެ ހާލަތެއް ނުވެސް އަންނާނެ އެވެ. އެކަމަކު މައިދާން ބަދަލުވަމުން މި ދަނީ އެ ހަގީގަތް މުޅިން ބަދަލުވުމާ ދިމާލަކަށެވެ. މިހާރު ސުވާލަކީ، ދެ ބޭފުޅުންގެ ދެމެދުގައި ކުރިން އޮތް އެކުވެރިކަން އެބަ އޮތް ހެއްޔެވެ؟

ރައީސް ނަޝީދުގެ ޖަޒުބާތުތައް އާންމުކޮށް ބަންޑުން ކުރާ، ނަޝީދުގެ ސިއްރު އެކައުންޓް "އެލެކްސް އަހުމަދު" މިއަދު ވަނީ ޅެން ބައިތެއް ޓްވީޓް ކުރައްވައި މި ހާލަތުގައި ކަންވަމުން އަންނަ ގޮތުން ހިތަށް އަރައި ފައިބަމުން އަންނަ ޝުއޫރުތައް ބޭރުކޮށްލައިފަ އެވެ.

އެލެކްސް ދޫކޮށްލި ޅެން ބައިތުގައި ބުނަނީ؛ "ހިތާމޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ، ފިތާ ހިތުގެ ހިތި ނާތުލާ ނުވިހޭ،" ޝަރަހަ: ތިމަންނާ އަތުގައި ހުރިއްޔާ ހުރި އެއްޗެއް ވަނީ ދީފަ އެވެ. ދެން ބާކީ އޮތް އެތިކޮޅު ވެސް ތި އުޅެނީ އަތުލަންށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ފޮނުވާ ނަމެއް ކަނޑައެޅުން އޮތީ މާދަމާ ރެ އެވެ. މިއީ މިފަހުން އެމްޑީޕީ އަށް އަންނަ އަނެއްކާ ވެސް ބޮޑު ވޯޓެކެވެ. ހަމަ ޔަގީނުން ވެސް ފޯރި ކުޑަ ވޯޓަކަށް މި ވޯޓެއް ނުވާނެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީގެ އެތެރެ ހޫނުވީ ކޯލިޝަނާ އެކު މަޖިލީހުގެ އިންތިހާބަށް ވާދަކުރުމާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގަ އެވެ. އެފަހަރު ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް އެމްޑީޕީ ނުކުތީ އެކަނިމާ އެކަންޏެވެ. ރައީސް ސޯލިހު ފަހުން ދޫދެއްވީ އެވެ. އަދި ވެރިކަމަށް އައުމަށް ކޯލިޝަންގެ ޕާޓީތަކާ އެކު ކުރި އެއްބަސްވުމާ ހިލާފު ނަމަވެސް، ނަޝީދުގެ ވިސްނުމާ އެއްގޮތަށް ރައީސް ސޯލިހު އެ ފަހަރު މަސައްކަތް ކުރެއްވީ އެވެ. އެކަމަކު މިފަހަރު ނަޝީދު ރައީސް ސޯލިހުގެ ވިސްނުމަށް ދީލައިލާނެ ހެއްޔެވެ؟ އެެހެން ނުވެއްޖެ ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ބޮޑު ވޯޓާ އެކު ފެންމަތިވަނީ މި ސުވާލުތަކެވެ.

މެންބަރު އަސްލަމު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ރައީސް ނަޝީދު ވަކާލާތު ކުރައްވަން ފެއްޓެވީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަކާ ނުލައި ކަމަށް ބެލެވެ އެވެ. އަދި އެޖެންޑާ 19ގެ ފަހަތުގައި ފޮރުވިފައިވާ ރޭވުންތަކެއް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ތުހުމަތުތައް ވެސް އެބަ އޮތެވެ.

މާދަމާ ރޭ 9:30ގައި ދަރުބާރުގޭގައި ބާއްވާ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ ވޯޓުން މަޖިލިސް ރައީސަކަށް އަންނާނެ ބޭފުޅަކު ގާތްގަނޑަކަށް އެ ކަށަވަރުވީ އެވެ. އަސްލަމާއި އަފީފު ވެސް ތިއްބެވީ ޔަގީން ކަމުގަ އެވެ. އެ ވޯޓުން ދެން ސާފުވާނެ އަނެއް ކަމަކީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޒަމާންވީ އެކުވެރިކަމަށް ދެން ވާނެ ގޮތެެވެ. އެއަށް ފަހު ދެން ސިޔާސީ މައިދާން ފުރޮޅިގެން އައިސް ބުރަވާނެ ކޮޅެއް އެނގި މުޅި މަންޒަރު ސާފުވީ އެވެ.

comment ކޮމެންޓް