ހެޔޮނުވާނެ! ނުކުޅެދޭ މީހުންނަށް ކުރާ އަނިޔާ ހުއްޓުވާ

ނުކުޅެދުންތެރިކަން ހުންނަ މީހަކު މަގުބައްތިއެއްގައި އައްސައިފައި--- ފޮޓޯ: މީސް މީޑިއާ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންމެންގެވެސް އަޅާލުމާ ލޯބި އޮންނަން ޖެހެ އެވެ. ނުކުޅެދުންތެރިކަން ހުއްޓަސް އެމީހުންނަކީ ކުޅެދޭ މީހުން ފަދައިން ދިރިއުޅުމުގެ ފޮނި މީރުކަން ކަށަވަރުވާން އެބަ ޖެހެ އެވެ. އެކަމަކު އެ ވިސްނުން ބަދަލުވާ ކަހަލަ މަންޒަރުތައް ފެންނަން ފަށައިފި އެވެ.

ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ 45 އަހަރުގެ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅައި މަގުބައްތިއެއްގައި އައްސާފައިހުރި މައްސަލައަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ހައްދުގެ ކޮޅާ ކޮޅުނެތް ލާއިންސާނީ އަނިޔާއެކެވެ.

ފަސް ކުދިން ތިބޭ އެ އަންހެންމީހާއަކީ ސިކުނޑީގެ މައްސަލަތަކެއް ވެސް ހުންނަ އަންހެނެކެވެ. އެމީހާއަށް ރައްކާތެރި ކަމެއް ނެތި އެފަދަ ބޮޑު އަނިޔާއެއް ލިބުނީ ކީއްވެ ހެއްޔެވެ؟

ހާއްސައެހީއަށް ބޭނުންވާ މީހުންނަށް އަނިޔާތައް ދިނުން ގިނަ

ހާއްސަ އެހީއަށް ބޭނުންވާ ފޭދޫގެ އަންހެންމީހާއަށް އިހާނެތިކޮށް ހިތައި، އަނިޔާވެރިކަން އިސްކުރި ހާދިސާއަކީ އާ މައްސަލައެއް ނޫނެވެ. އެފަދަ ކިތަންމެ ހާދިސާއެއް މިއަހަރުވެސް ފެނިގެން ގޮސްފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި އުމުރުން ދުވަސްވީ އަދި ސިކުނޑީގައި މައްސަލަ ހުންނަ ކަމަށް ބުނާ މީހެއްގެ ގަޔަށް ކުޅުޖެހި މައްސަލައެއް މިއަހަރު ފެބްރުއަރީ މަހު ފެންމަތިވިއިރު، އޯޓިޒަމް ހުންނަ ކުއްޖެއްގެ ގައިގައި އިސްތިރިން ޖައްސައި ފިއްސާލި މައްސަލަވެސް ފެންމަތިވި އެވެ.

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ޒަރޫރީ ހައްގުތަކަށް އަރައިގަތުމުގެ ހާދިސާއެއް މި އަހަރުގެ ޖެނުއަރީ މަހު ހިނގައިފައި ވެއެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައި ހުރި ޕާކިންގް ޒޯނުގައި ޕާކް ކޮށްފައި ހުރި ވީލް ޗެއާ އެއް ވަގަށް ނެގި މައްސަލަ ފާހަނގަކޮށްލެވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަފާތު ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވެސް ވަކި މަދެއް ނޫނެވެ. ހާއްސަ އެހީއަށް ބޭނުންވާ ޖަމާއަތްތަކާއެކު މަސައްކަތްކުރާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އާކްގެ މެނޭޖިން ޑިރެކްޓާ މުރުތަލާ މޫސާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގައި އެފަދަ މީހުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

"މިސާލަކަށް ލޯފަން މީހަކަށް ބުނާކަށް ނޭނގޭނެ ކާކުކަމެއް އޭނާއާ ބެހުނީކީ. އެފަދަ މައްސަލަތަކުގައި ގިނަ ފަހަރު ހެކި ހޯދުމުގައިވެސް ދަތިވޭ." މުރުތަލާ ވިދާޅުވި އެވެ.

މައްސަލަތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅޭތަ؟

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައްސަލަތަކަށް ޖެންޑާ މިނިސްޓްރީ އިން ހާއްސަ ސަމާލުކަމެއް އަބަދުވެސްދެ އެވެ. އެކަމަކު އެފަދަ ކޮންމެ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު ޖެންޑާ މިނިސްޓްރީން ފިޔަވަޅު އަޅާނެކަމަށް ބުނެ އެވެ. ނަމަވެސް ގިނަ ފަހަރު އެޅީ ކޮން ފިޔަވަޅެއް ކަމެއް މިިނިސްޓްރީން ހާމަނުކުރާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދަ އެވެ.

" އަޅުގަނޑުމެންނަށް ވަގަށް ނެގި ވީލްޗެއާ ފެނުނީ މުޅި މާލޭގައި ދުއްވައިގެން. ނީލަން ފިހާރަ ކައިރި 100 ރުފިޔާއަށް ވިއްކަން ބަހައްޓާފައި ހުއްޓައި އެ ފެނުނީ. މުޅި މާލޭގައި ކެމެރާތައް ހަރުކޮށްފައި ހުންނަ އިރުވެސް ފުލުހުންނަށްވެސް އެ ނުހޯދުނު" ވީލް ޗެއާ ވަގަށް ނެގި ހާދިސާއާ ބެހޭގޮތުން އާއިލާގެ މީހަކު ކިޔައިދިނެވެ.

އޯޓިޒަމް ހުންނަ ކުއްޖެއްގެ ގައިގައި އިސްތިރި ޖެހުނު ހާދިސާއާ ބެހޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލައިގައި އިހުމާލުވެފައިވާކަން ފާހަނގަވެފައި ނުވާ ކަމަށެވެ. އަދި މިނިސްޓްރީން ކުރި ތަހުގީގުތަކުން އެ ކުއްޖާއަށް ރަނގަޅަށް އަޅާލާހަދާކަން އެނގިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ކުރިން ފާހަނގަކުރި އެހެނިހެން ހާދިސާތަކުގައި އެޅި ފިޔަވަޅުތަކާމެދު މިިނިސްޓްރީއިން އަމަލުކުރި ގޮތެއް ސާފެއް ނުވެ އެވެ.

ކުރިންވެސް ވާހަކަ ދެއްކެވި އާކްގެ މެނޭޖިން ޑިރެކްޓާ މުރުތަލާ ވިދާޅުވީ މިހާރުވެސް ހަދައިފައިވާ ޕީނަލް ކޯޑުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގޯނާކުރުމަކީ ވަކިން ބޮޑެތި އަދަދުތަކެއް ލިބޭ ކުށެެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

" ނަމަވެސް 2010 ވަނަ ކަނޑައަޅާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ގާނޫނުގެ ދަށުން ޖޫރިމަނާކުރުން ފަދަ އަދަބުތައް ދެވޭ. ނަމަވެސް ވަރަށް ކުޑަ އަދަބުތަކަކުން މި ޖޫރިމަނާ ކުރެވިފައި މި ހުންނަނީ" މުރުތަލާ ވިދާޅުވިއެވެެ.

ހައްލަކީ ކޮބާ؟

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަފާތު ގޯނާތައް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަން އާކްގެ މެނޭޖިން ޑިރެކްޓަރ މުރުތަލާ ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަންކަން ހައްލުކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ގޮންޖެހުންތައް ހުރިކަން އޭނާވެސް އެއްބަސްވެލައްވަ އެވެ.

"ވަރަށް ގިނަ ފަހަރު އެބަ ފެނިފަހުރޭ ޓެކްސީފަދަ ވެހިކަލްތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭރުކޮށްލާފަ ހުންނަ މައްސަލަވެސް. ނަމަވެސް ގިނަ ފަހަރު އެބަ ސަމާލުކަމެއް ނުދެވޭ އެފަދަ މައްސަލަތަކަކަށް. އެންމެ ބޮޑަށް ސަމާލުކަން ދެވެނީ އެންމެ އަސާސީ ކަންތައްތަކަށް. ކުދި ކުދި ކަންތައްތަކޭ ކިޔާފައި މިއޮންނަނީ ދޫކޮށްލެވިފައި." މުރުތަލާ ވިދާޅުވިއެވެ.

ހެންވޭރު ފުޓުބޯޅަ ދަނޑުގައި 8 ނޮވެމްބަރު 2017ގައި ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާ ބެހޭގޮތުން މުރުތަލާ ވިދާޅުވީ އެފަދަ މައްސަލަތައް ރިޕޯޓްކުރުން ކުރިއަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

"އެފަދަ މީހުންނާ މެދު އެބަ ޖެހޭ ވަރަށް ބޮޑަށް ބަލައިގެން އުޅެން. މިސާލަކަށް އިތުބާރުކުރެވޭ މީހުންނާއެކީ ނޫނީ ތަންތަނަށް ނުފޮނުވުން. އަދި އެމީހުން އެކަހަލަ ސިޓުއޭޝަނަކަށް ދާނެ ފަދަ ކަންކަމަށް ބަލައި އެމީހުން އެކްސްޕޯސްކުރުނަް މަދުކުރަން ޖެހޭ" މުރުތަލާ ވިދާޅުވިއެވެ.

ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ޖެއްސުންކޮށް އަނިޔާކޮށް ހެދުމަކީ މުޖުތަމައު ވެއްޓިފައި އޮތް ދަށު ދަރަޖަ ބުނެދޭ ކަމެކެވެ. މިކަމަށް ނިމުމެއް އަންނަން ޖެހިއްޖެ އެވެ.

comment ކޮމެންޓް