މި އަހަރުގެ ހައްޖު މޫސުމުގައި މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދީފައި ނުވުމުން އެކުންފުނިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރާ ދައުވާގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާ ފަށައިފި އެވެ.
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެނީ އެ ކުންފުނިން ހަދާ އިވެލުއޭޝަނަކަށް ފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ކުންފުނިތަކަށެވެ. އެ އިވެލުއޭޝަންގައި މި އަހަރު ހަތް ވަނަ އަށް ދިޔަ ސިސިލްފަރަށް ހުއްދަ ދީފައި ނުވެއެވެ.
ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީއިން ކުންފުނިތަކަށް ޕޮއިންޓު ދީފައި ވަނީ ޕޮއިންޓު ދޭން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ. އަދި މިނިސްޓްރީއިން ކުންފުނިތައް ހޮވާފައި ވަނީ ކުންފުނިތައް ހޮވުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ.
އެ ކުންފުނިން އެދިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ އިވެލުއޭޝަން އަކީ ބާާތިލު އިވެލުއޭޝަނެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
އެ މައްސަލައިގައި ސުލްވެރި ހައްލަކަށް ވާސިލުވެވޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާ މިއަދު ފެށާފައިވާ އިރު މިއަދު ދައުލަތުން އެދުނީ ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށެވެ. އެހެންކަމުން އެކަމަށް އެއް ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.
ސިސިލްފަރަކީ ހައްޖަށް މީހުން ގެންދިޔުމުގައި 35 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެހެން ނަމަވެސް މިނިސްޓްރީން ހެދި އިވެލުއޭޝަންގައި އެ ކުންފުންޏަށް ދީފައި ވަނީ ތަޖުރިބާއަށް ދޭ ފަސް ޕަސެންޓުގެ ތެރެއިން 0.722 ޕަސެންޓެވެ. އެއީވެސް އެ ކުންފުނިން ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ.
މި އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައި ވަނީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕް އާއި މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.