ދެން ސަރުކާރު ހިންގާނީ 19 ވަނަ މަޖިލީހުން!؟

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެޖެންޑާ 19ގެ ކެމްޕޭނެއްގެ ދަށުން އެމްޑީޕީ އިން އެކަނި ނުކުމެ މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކޮށް 65 ގޮނޑި އެ ޕާޓީ އިން މި ވަނީ ނަގައިފަ އެވެ. އެއީ އެހެން ޕާޓީއެއްގެ އެހީއެއް ނެތި، އެ ޕާޓީ އިން ވާދަކުރި ގޮނޑިތަކުގެ 75 ޕަސެންޓެވެ. އެއާ އެކު ކުރީގެ ރައީސް އަދި 19 ވަނަ މަޖިލީހުގެ މައްޗަންގޮޅި މެދު ތަމްސީލު ކުރައްވާނެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް މި ވަނީ ބޮޑެތި ބާރުތަކެއް އެކީ އެއްފަހަރާ ޖަމާވެފަ އެވެ. ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް އެމަނިކުފާނު ދެކޭ ހުވަފެނާ ގާތަށް ވަޑައިގަތުމުގެ މިއީ ފުރަތަމަ ފިޔަވަޅެވެ. ހަގީގަތުގައި ރިޔާސީ ނިޒާމެއްގެ ވާހަކަ ގާނޫނު އަސާސީގައި ލިޔެފައި އޮތަސް މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ބެހުނު ގޮތުން ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގާ ބޭރު އެކުވެ، ބަރުލަމާނީ ނިޒާމެއްގެ ސިފަ މިދަނީ ޖެހެމުން އެވެ. އެއް ޕާޓީއަކަށް ލިބުނު ސުޕަ މެޖޯރިޓީއާ އެކު، ދައުލަތުގެ މައްޗަށް އަމުރު މައުރޫފު ހިންގާނެ އެންމެ ބާރުގަދަ މުއައްސަސާއަކަށް ވާނީ ރައްޔިތުންގެ މަޖިލީހެވެ.

އެމްޑީޕީގެ ޕީޖީގެ ލީޑަރަކީ ބޮޑުވަޒީރު!

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ނަޝީދު އެއްގޮތަކަށް ވެސް ޝައުގުވެރިވެ ވަޑައިނުގަންނަވަ އެވެ. އެމަނިކުފާނު އަބަދު ވެސް ވިދާޅުވަނީ މަޖިލިސް ރައީސްކަން ބޭނުންނުވެ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް ލީޑް ކުރައްވަން ބޭނުންފުޅު ކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ކޮންޓްރޯލް ކުރައްވާނެ ބޭފުޅަކަށް ހުންނަވަން ބޭނުންފުޅު ވަނީ އެމަނިކުފާނެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟

އެމްޑީޕީގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ނަޝީދު ހުންނަވަން ބޭނުންފުޅު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގައިޑް ކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް ވެދާނެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގެ ނަޝީދުގެ ބަސް ވިދާޅުވުން އޮންނަން އެމަނިކުފާނު ބޭނުންފުޅުވުމަކީ މަގުސަދަކަށް ވެދާނެ އެވެ. އަދި ނަޝީދު ގަބޫލު ކުރައްވަނީ ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނައުމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑުކަމުން، އެ ސަރުކާރު ދެމެހެއްޓުމަކީ އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ ނަޝީދު ގަބޫލު ކުރައްވަނީ، މެންބަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެޖެންޑާ އެމަނިކުފާނު ސެޓްކުރައްވައިގެން އެވެ. ނަޝީދު ބޭނުންފުޅުވަނީ ސަރުކާރުގެ ތެރެއަށް އެމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލް ބޭއްވުން ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް މަޖިލީހުގައި ތަޖުރިބާ ހުރި އެ މެންބަރުން ވިދާޅުވި އެވެ.

"މިހާރު މިސްރާބު މިހިރަ ގޮތަކީ ނަޝީދުގެ އަޅުގަނޑަށް ގަބޫލު ކުރެވެނީ، ބޭނުންފުޅުވޭ ކޮންމެ ގޮތެއް ހައްދަވައިގެން ވެސް ސަރުކާރުގެ ތެރޭގައި އެމަނިކުފާނު ފުރިހަމަ ސޭ [ބަސްބުނުން] ބާއްވަން. މަޖިލީހުން ނިންމާ ބިލްތަކަށް ސަރުކާރުން އަމަލު ކުރުން އެބަވޭ ލާޒިމް ކަމަކަށް. ޕީޖީ ލީޑަރު ވެއްޖިއްޔާ ނޫންތޯ ބިލްތައް ނިންމާނެ ގޮތާއި ހުށަހަޅާނެ ބިލްތަކާ އެއްޗިހި ނިންމާނީ. ފްލޯގައި ކަންކަމަށް ލޮބީ ކޮށް ވިޕްއަޅާ ހުރިހާ ކަމެއް ކުރާނީ. އެ ހިސާބުން ނަޝީދު އެވީ ރައީސްއަށް ވުރެ ވެސް ބާރު ހުރި ބޭފުޅަކަށް ނޫންތޯ؟ އެ މަންޒަރުގައި ކުރެހި ކުލަ ޖެހެމުން އަންނަތަން މި ފެންނަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން އެ މެންބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމާއި ނައިބު ކަމަށް އެމްޑީޕީ އިން އެންޑޯސްކުރާނެ ބޭފުޅަކު ނިންމުމުގައި ވޯޓް ނަގާނެ ގޮތަކާ މެދުވެސް އެމްޑީޕީގެ އެތެރޭގައި ބޮޑު ހިޔާލުތަފާތުވުމާއި އަރައިރުން އެބަ އޮތެވެ. ސިއްރުން ވޯޓް ނެގުމަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި، ސިއްރު ވޯޓް ނަގަން ޖެހެނީ ގިނަ ބޭފުޅުން މަޖިލިސް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ޝައުގުވެރިވެފައިވާ އިރު، ނަޝީދު ވަކި ފަޅިއަކަށް އަރައިގެން ހުންނަވަނިކޮށް އެމަނިކުފާނާ ދެކޮޅަށް ފާޅުގައި ވޯޓުދޭން ޖެހިލުންވާނެތީ އެވެ. އެ ސަބަބުތައް ހުރުމުން އެންމެ ރަނގަޅު ގޮތަކީ ސިއްރު ވޯޓަކަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްރު ވޯޓަކަށް ދާން ޖެހެނީ އެއްޗެއްގައި އެހެން ލިޔެފައި އޮތީމައެއް ނޫން. އެއީ ރަނގަޅު ގޮތަކީ އެގޮތް ކަމަށް ވާތީ. މެންބަރުންނަށް މިނިވަންކަމާ އެކު ވޯޓްލެވޭނެ ގޮތަކަށް ވާތީ. އެކަމަކު ނަޝީދުގެ ބޭފުޅުން ވޮއިސް ކުރައްވަނީ ވޯޓް ސިއްރު ނުކުރާން،" މެންބަރު ވިދާޅުވި އެވެ.

ޕީޖީ ގްރޫޕް ރައީސް ސޯލިހުގެ ފުރިހަމަ ބާރުގައި!

އެމްޑީޕީގެ މާ ސިންގާ ޕީޖީ ގްރޫޕްގެ ތެރޭގައި ކަންކަން ނިންމާނެ ގޮތްތައް ސީދާ ނަޝީދު ވަކި ގޮތަކަށް މިސްރާބު ކުރުވަން އުޅޭ ކަމުގެ ތުހުމަތާ އެކު ހެލުންގަނޑެއްގެ ކޮޅުމަތި ފެންނަމުން ދާއިރު، މަޖިލީހަށް އިންތިހާބުވި އަމިއްލަ މެންބަރަކު ވިދާޅުވި ގޮތުގައި ބައިބައިވުމެއް އުފެދުނަސް އެކަމުގެ ތެރެއިން ކާމިޔާބު ހޯއްދަވާނީ ރައީސް ސޯލިހެވެ. ރައީސް ސޯލިހާ ވެސް ގުޅުން ބާއްވަވާ އެ އިންތިހާބީ މެންބަރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ވިއްސަކަށް މެންބަރަކު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ތިއްބަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ރައީސްއަކަށް ސޯލިހު ހުންވުމުން އެމަނިކުފާނަށް މެންބަރުންނަށް ލޮބީ ކުރައްވަން ފަސޭހަވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރައީސް ސޯލިހަކީ ވަރަށް މޮޅު ލޮބީސްޓެއް. އެމަނިކުފާނު ރައީސްއަކަށް ހުންނެވީމާ ވެސް ވަރަށް ބޮޑެތި އެޑްވާންޓޭޖް ހުންނާނެ. ދާއިރާއަށް ކަންކަން ގެންގޮސް ދިނުމާ މިހެން ގޮސް ހުރިހާ ކަންކަމެއް މި އިންނަނީ ރައީސްއަށް. އެހެން ވީމާ ހަގީގަތަކީ ރައީސް ސޯލިހުގެ ކޮޅު ހިޔާލު ތަފާތުވުމެއްގައި ވެސް މޮޅުވާނެކަން. އެ ޔަގީންކަމުގައި ރައީސް ހުންނެވީ،" އެ މެންބަރު ވިދާޅުވި އެވެ.

މަޖިލިސް 19 ފެށުމާ އެކު ރައީސް ސޯލިހު އާއި އެމްޑީޕީގެ ޕީޖީ ލީޑަރު ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތް ކަމަށް، ބުނެވެނީ ނަޝީދުގެ ނުފޫޒާއި ބާރު ޕީޖީ ގްރޫޕްގެ ތެރޭގައި ފަތުރާލުމަށް އެމަނިކުފާނު މިހާރު ވެސް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތަކުން އެވެ. އެކަމަކު ސުވާލަކީ ހަގީގީ މަންޒަރަކީ އެއީ ހެއްޔެވެ؟

މިއީ ސިޔާސީ ގޭމަކަށް ވެސް ވެދާނެ!

މީގެ ކުރިން ސިޔާސީ ދާއިރާގައި ވެސް ގިނަ ދުވަހު އުޅުއްވުމަށް ފަހު އެމްޑީޕީއިން މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރަކު ވިދާޅުވަނީ، ރިފްޓެއް އުފެދުމުގެ ފުރުސަތު އޮތް ކަމަށް ނުފެންނަ ކަމަށެވެ. ރިފްޓެއް އުފެދުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ބުރަވާ ސަބަބަކީ، އެޖެންޑާ 19ގައި ހިމެނޭ ފަސް ދާއިރާއެއްގެ ކަންކަން ހާސިލްކުރަން މިހާރު ވެސް ފަސް ކޮމިޓީއެއް ޕީޖީ ގްރޫޕްގައި އެކުލަވާލައި މަސައްކަތް ފަށާފައި ވާތީ އެވެ. އަދި އެ މަސައްކަތުގެ ތެރޭގައި ސަރުކާރާ ދެމެދު ދެބަސްވުމެއް އުފެދިދާނެތީ އެ ކޮމިޓީތަކުގައި ސަރުކާރުގެ މިނިސްޓަރުން ވެސް ވަނީ ހިމަނާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މިހާރު ފެންމަތިވެގެން މި އުޅޭ ހުރިހާ ވާހަކަތަކަކީ ވާދަވެރި ސިޔާސީ ފަރާތްތަކުން އަސްލު މަންޒަރު އޮޅުވާލުމަށް ދައްކާ ވާހަކަ އެވެ.

"މިހާތަނަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި އޮތީ ގުޅިގެން މަސައްކަތް ކުރައްވަން. އެއްވެސް ގޮތަކަށް ވަކިން ޕީޖީ ގްރޫޕް މަސައްކަތް ކުރުމުގެ އިންސްޓްރަކްޝަނެއް ނެތް. މި މަސައްކަތުގެ ތެރޭގައި ވެސް ނަޝީދާއި ރައީސް ސޯލިހު އަޅުގަނޑުމެންނަނަށް ފެންނަނީ އެކުގައި ތިއްބާ،" އެ މެންބަރު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ހަގީގީ މަންޒަރު އޮތަސް، ކުރިއަށް މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން ދާނީ ހަގީގަތުގައި ސަރުކާރު ހިންގާނެ މަޖިލީހަކަށެވެ. އެމްޑީޕީގެ ސުޕް މެޖޯރިޓީއާ އެކު، ސަރުކާރުގެ ސިޔާސަތުތައް ނިންމާނީ ސީދާ އެމްޑީޕީގެ ވިސްނުމުން އެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރައްވާ ލީޑަރަކަށް ވެވަޑައިގަންނަވާނީ ނަޝީދެވެ. އެމަނިކުފާނު ވެގެން ދާނީ މަޖިލީހާއި ސަރުކާރާ ދެމެދުގައި އަޅާލެވޭ ފާލަމަކަށެވެ. އެއީ ސަރުކާރުގެ ތެރެއަށް ނަޝީދުގެ ސީދާ ބާރު ފޯރުވަން އެއްވެސް ހުރަހެއް ނެތް ފާލަމަކަށް 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނެ އެވެ.

comment ކޮމެންޓް