އެންޓި ކެމްޕެއިން ކުރި މީހުންނާ މެދު ފިޔަވަޅުއަޅަން ގޮވާލައިފި

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވިދާޅުވީ، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ އިސް މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް އެހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ކެންޑިޑޭޓުގެ ފަހަތަށް އަރައި ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕެއިން ކުރި ގައުމީ މަޖިލިސް އަދި ޕާޓީގެ މަގާމްތަކުގައި ތިބި މީހުނަށް އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ބުނި ޓުވިޓާގައި މީހަކު ސުވާލު ކުރުމުންނެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވަން ހަސަން ލަތީފް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޕާޓީގެ މަގާމެއްގައި ހުރެ ޕާޓީގެ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އަދި އެ ބޭފުޅުންނާ މެދު ޕާޓީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް،" ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން، ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި ނިލަންދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ކެންޑިޑޭޓުން ނެރުނެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި ނިކުއިން ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް އެ ޕާޓީގެ ބައެއް އިސްވެރިން ކެމްޕެއިން ކޮށްދިން މަންޒަރު ވެސް ވަނީ ފެނިފަ އެވެ.

އަދި ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިހާބްގައި ވާދަކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމްޑީޕީގެ ދަފްތަރުގައި ތިބި ބައެއް މެންބަރުން މަޖިލިސް އިންތިހާބްގައި ވާދަކުރެއްވި އިރު އަނެއްބައި މެންބަރުން ވަނީ ޕާޓީން ވަކިވެވަޑައިގަތް އިންތިހާބްގައި ވާދަކޮށްފައެވެ.

އެގޮތުން ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީން ބަލިވެވަޑައިގަތް އެ ދާއިރާގެ ކުރީގެ މެންބަރު އަބަދުﷲ ޖާބީރު ވަނީ އަމިއްލަ ގޮތުން ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް އިންތިހާބް ކާމިޔާބް ކުރައްވާފަ އެވެ. ނަމަވެސް ޖާބިރުއާ މެދު މިހާތަނަށް އެ ޕާޓީން ފިޔަވަޅެއް އެޅިކަމެއް އަދި އެނގިފައެއް ނެތެވެ.

comment ކޮމެންޓް