މަޖިލިސް އިންތިހާބަކީ ބޭ އިންސާފު ތާކުންތާކު ނުޖެހޭ އިންތިހާބެއް: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ތާކުން ތާކު ނުޖެހޭ އިންތިހާބެއް ކަމަށް އެ އިންތިހާބުން ނާކާމިޔާބަކާ ކުރިމަތިވި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ފަލާހު ވާދަ ކުރެއްވި އެވެ. ނަމަވެސް އޭނާއަށް ނާކާމިޔާބުވީ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަހުމަދާއި ވާދަކޮށް 89 ވޯޓުގެ ތަފާތުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ވާދަކުރި ކެންޑިޑޭޓާ ދެމެދު ހުރީ ވަރަށް ކުޑަ ކުޑަ ފަރަގެއް ކަމަށެވެ.

"އަޅުގަނޑަށް ގުނާފައިއޮތް ވޯޓުގެ 49 ވޯޓު އޮތްއިރުގައި. އަޅުގަނޑުމެން ދޭތެރޭގައި ފަރަގު އުޅެނީ 60 ހަކަށް ވޯޓު. އެހެން ނަމަވެސް ވޯޓުގެ ނަތީޖާ އަލުން ގުނައިދިނުމަށް އަޅުގަނޑު ތަކުރާރުކޮށް އެދުމުންވެސް އެކަން ވަނީ ނުކޮށްދީފައި،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ "ވަރަށް ބޭއިންސާފު ވަރަށް ތާކުންތާކު ނުޖެހޭ އިންތިހާބެއް" ކަމަށެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފަލާހަށް ލިބިވަޑައިގެން ޖުމްލަ ވޯޓުގެ އަދަދަކީ 949 އެކެވެ. އެދާއިރާ ކާމިޔާބު ކުރެއްވި ހަސަން އަހުމަދު (ހަސަންޓޭ) އަށް 1038 ވޯޓު ލިބިވަޑައިގަތެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރި އިރު ޕީޕީއެމްއަށް ކާމިޔާބުވީ ފަސް ގޮނޑި އެވެ. އަދި ޕީއެންސީއަށް ދެ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި ކާމިޔާބު ކުރެވުނު އިރު އެމްޑީއޭއަށް ދެ ގޮނޑި އަދި އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުން ހަތް ގޮނޑީ ކާމިޔާބު ކުރެއްވި އެވެ.

comment ކޮމެންޓް