ބޭނުންވި ސުޕަމެޖޯރިޓީ ލިބިއްޖެ، ދެން ވާނީ ކިހިނެއް؟

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއްގައި ކުއްލިއަކަށް ވެއްޓުމާ އެކު ޖެހިގެން އައި ދުވަހު ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ރައީސް ނަޝީދުު ހަރުއަޑުން ވިދާޅުވީ، އެމްޑީޕީއެއް ނުފެތޭނެ ކަމަށާއި ވެއްޓުމާ އެކު އެހާމެ އަވަހަށް ތެދުވެ ދުއްވައިގަނެ ގަދަކޮށް އެ ޕާޓީ އެނބުރި އަންނާނެ ކަމަށެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ނަތީޖާއިން ސާފުކޮށްދިން އެންމެ ކުލަ ގަދަ މަންޒަރަކީ އެމްޑީޕީގެ އެނބުރި އައުމެވެ.

މީގެ ފަސް އަހަރު ކުރިން 2014 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި އެމްޑީޕީއަކީ އިދިކޮޅު ހަމަ އެކަނި ޕާޓީ އެވެ. ފަސް އަހަރު ފަހުން މި މަހު ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބާ ކުރިމަތިލި އިރު، އެމްޑީޕީއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެވެ. އެއް އިރެއްގައި ނިކަމެތި ވެފައި އޮތް އެމްޑީޕީ އޮތީ އޭގެ ފުރިހަމަ ބާރުގަ އެވެ.

އެމްޑީޕީ މިވަނީ އެނބުރި އައިސް، ވެއްޓުމުން ތެދުވެ އިހަށް ވުރެ ބާރަށް ދުއްވައިގެންފި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ އެންމެ 26 ގޮނޑި އެވެ. ރައްޔިތުން އޭރު މެޖޯރިޓީ ދިނީ އޭރުގެ ސަރުކާރު ކޯލިޝަނަށެވެ.

ނަމަވެސް އޭގެ ފަސް އަހަރު ފަހުން، އެމްޑީޕީން މިވަނީ، އެއް ޕާޓީއަކަށް މިހާތަނަށް މަޖިލީހުގައި ލިބުނު އެންމެ ގިނަ ގޮނޑިއާ އެކު ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އެމްޑީޕީ މި ވަނީ އެކަނިމާ އެކަނި ނިކުމެ، 65 ގޮނޑީގެ އާދަޔާހިލާފު ސުޕަ މެޖޯރިޓީއަކާ އެކު ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. މިއީ އެޕާޓީގެ ވެރިން ހެއްދެވި ހިސާބަށް ވުރެވެސް އެތައް ގުނަ ބޮޑު ކާމިޔާބެކެވެ.

މަޖިލިސް އިންތިހާބު 2019 ގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައި، އެހެނިހެން ޕާޓީތަކަށް ލިބުނީ 15 ގޮނޑި -- ސަން އިފޯގްރެފިކްސް/ މުސްތަފާ މުހައްމަދު ރަޝީދު

އަށާވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި 19 ވަނަ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާއާ އަޅާ ބަލާ އިރު، އެމްޑީޕީން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މި ކާމިޔާބީ ސިޔާސީ ގޮތުން ތަފްސީލް ކުރާނީ ކިހިނެއް ހެއްޔެވެ؟

އެމްޑީޕީއަށް އާދަޔާ ހިލާފު ކާމިޔާބެއް!

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން އެއްވެސް އަތޮޅަކުން އަދި ސިޓީއަކުން ސާފު އަގުލަބިއްޔަތެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މިފަހަރު އިންތިހާބުގައި އެމްޑީޕީން ވަނީ ދެ އަތޮޅަކާއި ސިޓީތަކުން ސާފު އަގުލަބިއްޔަތު ހޯދައިފަ އެވެ.

އެމްޑީޕީއިން އަގުލަބިއްޔަތު ނެގި އަތޮޅުތަކާއި ސިޓީތައް:

  • ހއ. އަތޮޅު؛ 51.99 ޕަސަންޓް (7،226 ވޯޓު)
  • އއ. އަތޮޅު؛ 53.45 ޕަސަންޓް ( 2،418 ވޯޓު)
  • ފުވައްމުލައް ސިޓީ؛ 53 ޕަސަންޓް ( 4،084 ވޯޓު)
  • އައްޑޫ ސިޓީ؛ 55.18 ޕަސަންޓް (10،129 ވޯޓު)
  • މާލޭ ސިޓީ؛ 50.34 ޕަސަންޓް (15،669 ވޯޓު)

މަޖިލިސް އިންތިހާބު 2014 އަދި 2019 ގައި އެމްޑީޕީން އަށް ލިބުނު ވޯޓުގެ ތަފާތު އަތޮޅުތަކުން: ތިން އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކުން އެމްޑިޕީން ވަނީ ކުރިއެރުން ހޯދާފައި -- ސަން އިފޯގްރެފިކްސް/ މުސްތަފާ މުހައްމަދު ރަޝީދު

ފުވައްމުލަކު ސިޓީގެ ތިން ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރި އިރު، މިއީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހުން އެމްޑީޕީއަށް އެ ސިޓީގެ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ހއ. އަތޮޅުގެ ފަސް ގޮނޑި ވެސް މިފަހަރު އިންތިހާބުގައި އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު، 17 ވަނަ މަޖިލިސްގައި އެ ދާއިރާތައް ކާމިޔާބު ކޮށްފައި ވަނީ އެހެން ސިޔާސީ ޕާޓީތަކުންނެވެ.

މީގެ އިތުރުން، އަށާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުވެފައި ނުވާ ވަރަށް ގިނަ ގޮނޑިތަކެއް އެމްޑީޕީން ވަނީ މިފަހަރު އިންތިހާބުގައި ކާމިޔާބުކޮށްފަ އެވެ.

އެމްޑީޕީން 2014ގެ މަޖިލިސް އިންތިހާބުގައި ކާމިޔާބުކުރި ދާއިރާތަކުގެ ތެރެއިން، މިފަހަރު ނާކާމިޔާބުވެފައި ވަނީ ހަމައެކަނި ތިމަރަފުށި ދާއިރާ އާއި ފެލިދޫ ދާއިރާ އެވެ.

ސައްހަ ވޯޓުގެ ޕަސަންޓަށް ބަލައި، ވޭތިވެދިޔަ ދެ އާންމު އިންތިހާބު އަޅާ ކިޔާ އިރު، އެމްޑީޕީއަށް ވޯޓު މަދުވެފައި ވަނީ، ޖުމްލަ ތިން އަތޮޅަކުންނެވެ. އެއީ އެމްޑީޕީން މިފަހަރު ވާދަ ނުކުރާ، މަހިބަދޫ ދާއިރާ ހިމެނޭ އދ. އަތޮޅާއި ދ. އަތޮޅު އަދި ލ. އަތޮޅެވެ. މި ތިން އަތޮޅުން އެމްޑީޕީއަށް މިފަހަރު ލިބުނު ވޯޓުގެ އަދަދުން 2014 ވަނަަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ އަޅާބަލާ އިރު ނިސްބަތުން މަދެވެ. ނަމަވެސް، ބާކީ ހުރި ރާއްޖޭގެ 17 އަތޮޅުން އެމްޑީޕީއަށް ލިބުނު ވޯޓު ސައްހަ ވޯޓްގެ އިންސައްތައިން ވަނީ ބޮޑުތަނުން ކުރި ހޯދައިފަ އެވެ.

65 ގޮނޑިއާ އެކު، 48.5 ޕަސެންޓް ވޯޓް!

ދެހާސްސާދަ ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގުލިބެގެންވާ 240،653 މީހުންގެ ތެރެއިން ވޯޓުލީ، 189،642 މީހުންނެވެ. އެ އިންތިހާބުގެ 187،522 ސަައްހަ ވޯޓުގެ ތެރެއިން އެމްޑީޕީއަށް ލިބުނީ، 77،178 (40.7 ޕަސެންޓް) ވޯޓެވެ.

ނަމަވެސް މަޖިލިސް އިންތިހާބު 2019ގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީއަށް ލިބުނީ 96،347 ވޯޓެވެ. އެއީ އިންތިހާބުގެ 210،239 ސައްހަ ވޯޓުގެ 45.83 ޕަސަންޓެވެ. މިއީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ އަޅާބަލާ އިރު، ހަތަރު ޕަސަންޓް އިތުރުވުމެކެވެ. އިންތިހާބުގެ ބާކީ 113،892 ވޯޓު (54.17 ޕަސަންޓް) ބެހިގެން ދިޔައީ އިންތިހާބުގައި ވާދަކުރި އެހެން ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށާއި އަމިއްލަ ކެންޑިޑޭޓުންގެ މެދުގަ އެވެ.

ނަވާރަ ވަނަ މަޖިލިސް އިންތިހާބުގައި ވޯޓު ބެހިފައިވާ ގޮތް: އެމްޑީޕީއަށް 45.80 ޕަސަންޓް ވޯޓު ލިބުނު އިރު، ބާކީ 54.1 ޕަސަންޓް ލިބުނީ، އެހެނިހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެންޑީޑޭޓުންނަށް -- ސަން އިފޯގްރެފިކްސް/ މުސްތަފާ މުހައްމަދު ރަޝީދު

އެމްޑީޕީ 2014 ވަނަ އަހަރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު ކުރިމަތިލި އިންތިހާބާއި މިހާރު ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮވެ ވާދަކުރި 19 ވަނަ މަޖިލިސް އިންތިހާބު އަޅާކިޔާ އިރު، ލިބުނު ވޯޓުގެ ޕަސަންޓް ވަނީ އިތުރުވެފަ އެވެ. ނަމަވެސް މި ނަތީޖާއިން ދައްކާގޮތުން އަދި ވެސް އެމްޑީޕީއަށް މުޅި ރާއްޖޭގެ އަގުލަބިއްޔަތު ޖަހައިގަނެވޭ ގޮތެއް ނުވެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް މިފަހަރު ކާމިޔާބުވުމަކީ އަދި ރާއްޖޭގެ އަގުލަބިއްޔަތު ލިބުން ކަމަށް މާނަނުކުރެވޭނެ އެވެ.

އެމްޑީޕީއިން ތަފާތު ދައްކަންވީ ވަގުތު!

ދެހާސްއަށް ވަނަ އަޖަރު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު ކުރިމަތިލި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް އެކަށީގެންވާ އަގުލަބިއްޔަތު ނުލިބުނެވެ. ނަތީޖާއެއްގެ ގޮތުން މަޖިލިސް ތެރެއިން އެމްޑީޕީއަށް ބޭނުންވި ވަރަށް އެއްބާރުލުން ލިބޭ ގޮތް ނުވީ އެވެ. އޭރު އެމްޑީޕީން ކޮންމެ ކަމަކަށް ދެއްކި "ބަހަނާ" އަކީ ވެސް މިއެވެ.

މިފަހަރު އިންތިހާބަށް ކުރިމަތިލި އިރު، އެމްޑީޕީގެ އެންމެ އިސްފަރާތް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ އެކު ރާއްޖެ ކުރިއަށް ގެންދެވޭނީ ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ މެމްބަރުން އިންތިހާބު ކޮށްގެން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވިގޮތަށް، ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް "ރަނުން ރަނަށް، އަކުރުން އަކުރަށް" ފުއްދުމަށް ޓަކައި ރައްޔިތުން މިވަނީ، އެމްޑީޕީއަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ދީފަ އެވެ. އެވެސް ސާފު އަގުލަބިއްޔަތެވެ.

ރާއްޖޭގެ އެއްވެސް އިންތިހާބަކުން އެމްޑީޕީއަށް އެކަނި ސާފު އަގުލަބިއްޔަތެއް އަދި މިހާތަނަށް ލިބިފައި ނުވާއިރު، މިއީ މުސްތަގުބަލުގައި އެ އަގުލަބިއްޔަތު ހޯދުމަށް އެމްޑީޕީއަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މިއީ އެ ޕާޓީ އިން ތަފާތު ދައްކަންވީ ވަގުތެވެ.

ފަސް އަހަރު ފަހުން، އެމްޑީޕީ އެނބުރި ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީ ވެސް މިއޮތީ "ބޮޑުތަނުން" ނަގައިފަ އެވެ. އެމްޑީޕީން މަޖިލިސް އިންތިހާބު ކެމްޕެއިންގައި ވިއްކި "އެޖެންޑާ 19" ހުރަހެއް ނެތި ތަންފީޒުކުރުމަށް ފުރުސަތު ލިބިފަ އެވެ. ދެން ދައްކާނެ އިތުރު "ބަހަނާއެއް" އެއް ވެސް ނެތެވެ.

ރައްޔިތުންނަށް ވީހާ ވައުދެއް ފުއްދުން ނޫން ގޮތެއް ސަރުކާރަށް ނެތް އިރު، މަޑު ނިންޖެއްގައި އަދި އޮތް އިދިކޮޅުގެ ގޮވެލިފައްޗަކީ ވެސް މިއެވެ. އެއާ އެކު އިދިކޮޅުން ނަގާ ބިރަކީ އަގުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި އެމްޑީޕީ ނަގާފާނެ ކަމުގެ ކަންބޮޑުވުމެވެ. މީގެ ދުވަސްކޮޅެއް ކުރިން، ގަދަފަދަ ބާރުހުރި ސަރުކާރެއްގައި އޮތް މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްއިން ބުނަނީ، ރައްޔިތުން ދިން މެޖޯރިޓީއިން ބޭނުންހާ އެއްޗެއް ހަދައިގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްއާ ކޯލިޝަންއެއްގައި އޮތް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަނީ 65 ގޮނޑި އެމްޑީޕީއަށް ލިބުނަސް އެއީ ހިތުހުރި ގޮތަށް ކަންކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށެވެ. އަބްދުއްރަހީމް ވެސް އެ ވިދާޅުވާ ގޮތަށް ހަގީގަތަކީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ ވިޔަސް ބޭނުން ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކު އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެކަން ކަށަވަރު ކުރުމުގައި އެބޭފުޅުން ދެމި ތިއްބަވާނެ އެވެ.

comment ކޮމެންޓް