ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ދެ ދައުރު އަދާކުރެއްވުމަށް ފަހު ތިން ވަނަ ދައުރަކަށް އިންތިހާބުވުމަށްޓަކައި އިންތިހާބުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ޖަޒުބާތު ޅެމަކުން ބަންޑުން ކޮށްލައިފި އެވެ.
އިދިކޮޅު ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަލް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ އަދުރޭއަށް މިމަހު ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކެންޑިޑޭޓް، ގާނޫނީ ވަކީލް މުސާ ސިރާޖާ ވާދަކޮށް 44 ވޯޓުގެ ތަފާތަކުންނެވެ.
ސާޅިސް ހަތަރު ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބުވުމުގެ ޖަޒުބާތު ބަންޑުން ކޮށްލައްވަމުން އަދުރޭ ހެއްދެވި ޅެމުގައި ބުނީ، އޭނާ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ދެ ދައުރުގައި ތަފާތު އެކި ރޮގުރޮގުން ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެއްވި މަސައްކަތްތައް މިއަދުވެސް ފެންނަން ހުނާނާނެ ކަމަށެވެ.
ދާއިރާގެ ނަން ތާރީހުގައި ރަންއަކުރުން ލިޔެދީފައިވާނެ ކަމަށާއި އެއީ ދާއިރާގެ ރައްޔިތުން ފަހުރަކަށް ދެކޭނެ ކަމެއް ނޫންތޯ އަދުރޭ ޅެންބައިތުން ސުވާލު ކުރެއްވި އެވެ.
"ލާމު ފޮނަދޫ ދާއިރާ ތާރީހުގައި ރަން އަކުރުން
ގައިމުވެސް ލިޔެވުނު ކަމީ، ނުމެ ވާނެތޯ ފަހުރަކަށް،" އެކި އެކި މުނާސަބަތުތަކާ ގުޅިގެން ކުރިންވެސް ޅެން ހައްދަވާ އަދުރޭގެ ޅެމުގައި ބުނެފައިވެއެވެ.
މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރާ އަދުރޭ ހެއްދެވި ޅެމުގައި ވިދާޅުވީ، އޭނާއަށް އަމާޒުވާގޮތަށް ހުތުރު އިލްޒާމް އަޅުވާ ބަދުނާމު ކުރުމަށް ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހައްގު ބަސް ބުނުމުގައި އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ޝުކުރުވެރިވަން މި ނަމުގައު އަދުރޭ ހެއްދެވި ޅެމުގައި ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ދުވަސްތެރޭ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް އަދުރޭ ޝުކުރު އަދާކުރާ ކަމަށެވެ.
"ކޮންމެ ކަމަކަށް ފެށުމަކާއި ނިމުމެއް އޮތުން މީ ކަށަވަރުން
އޮންނަ ހަމަކަން ވިސްނެވުން މީ އޮތް ކަމެއް ހަމަ އެންމެނަށް
ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުންގެ ''ގޭ'' ގައި ނެތަސް
ރައްޔިތުންނާ އެކު ހުރީމޭ މި ގޮތުގައި ހަމަ ދާއިމަށް" ޅެން ނިންމާލައްވަމުން އަދުރޭ ލިޔުއްވާފައިވެ އެވެ.