ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޮޑު ފެއާއެއް އިންތިޒާމްކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އަދި އެކިއެކި އެންޖީއޯތައް ގުޅިގެން މިއަދު އެ ފެއާ ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ދަނޑުގައެވެ.
މިއަދުގެ ފެއާގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ކެންސާ ސޮސައިޓީ އަދި މޯލްޑިވްސް މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން އަދި މޯލްޑިވްސް ބްލަޑް ސާވިސް ހިމެނެއެވެ.
އަދި އޭގެ އިތުރުން އައިޖީއެމްއެޗާއި، ޓްރީޓޮޕާއި އަދި އޭޑީކޭ ހޮސްޕިޓަލްވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ބޭއްވި ހަރަކާތް އަމާޒުކޮށްފައިވަނީ ސިއްހީ އެކިއެކި ކަންކަމަށް ސްކްރީން ކުރުމާއި ސިއްހަތާ ގުޅޭ އެކިއެކި މައުލޫމާތުތައް ދިނުމަށް ކަމަށެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލްކުރުން ހުއްޓާލުމުގެ މުހިންމު ކަމަށާއި ވެކްސިން ދިނުމާއި އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ފެއާގައި އޭޑީކޭއިންވެސް ދަނީ މަގުމަތީގެ އެކި އެކްސިޑެންޓްތަކާއި ކުއްލި ހާލަތުތައި އަމަލުކުރާނެގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދެމުންނެވެ.
އެ ފެއާ މިރޭ 10 ޖަހަންދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.