ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރެއިން ކާމިޔާބުލިބިވަޑައިގެންނެވީ ސައުދަށް އެކަނި!

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުން -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ނިމިގެން މިދާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުން ވެސް ގޮނޑި ދިފާއު ކުރުއްވުމަށް އިއްޔެ އޮތް މަޖިލީހުގެ އިންތިހާބުގައި ނުކުންނެވި އެވެ. އެ މެމްބަރުންގެ ތެރެއިން ހަމައެކަނި ކާމިޔާބު ލިބިވަޑައިގެންފައި ވަނީ ވިލިނގިިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަށެވެ.

ވިލިނގިލި ދާއިރާގެ ގިނަ ވޯޓު ގުނާ ނިމިފައިވާ އިރު ސައުދަށް ވަނީ މިހާރު ގޮނޑި ކަށަވަރުވެފަ އެވެ. އެހެންނަމަވެސް، އޭނާ އަށް ގޮނޑި ލިބިވަޑައިގެންނެވީ ކުޑަ ތަފާތަކުންނެވެ. އެންމެ ގާތުން ސައުދުއާ ވާދަ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހާރޫން ރަޝީދެވެ.

ބާރަ މެމްބަރުންގެ ތެރެއިން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މިފަހަރު ވާދަ ކުރެއްވީ އޫނގޫފާރު ދާއިރާ އަށެވެ. އޭނާ ދިޔައީ އެ ދާއިރާއިން ތިން ވަނަ އަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މުހައްމަދު ވަހީދު އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑި ދިފާއު ކުރައްވަން ނުކުމެވަޑައިގެންނެވި އަބްދުﷲ ސިނާނަށް އެ ދާއިރާ އިން ލިބުނީ ދެވަނަ އެވެ. އެ ދާއިރާގެ ގޮނޑި ހޯދާފައި ވަނީ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ހައިތަމް އެވެ.

ދިއްދޫ ދާއިރާގެ އިންތިހާބުގައި ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު އަބްދުއްލަތީފް މުހައްމަދު ދިޔައީ ފުލަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދު އެވެ.

ހަނިމާދޫ ދާއިރާއިން ހުސައިން ޝަހުދީއަށް ލިބުނީ ދެ ވަނަ އެވެ. އެެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްޣަފޫރު މުސާ އެވެ.

އިހަވަންދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަ ކުރި އިރު މުހައްމަދު އަބްދުﷲ (މުހައްމާ) އެ ދާއިރާއިން ވަޑައިގެންނެވީ ތިންވަނައަށެވެ. އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝިފާއު އެވެ.

ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ވެސް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. ތިނަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްމުޣުނީ ކާމިޔާބު ކުރެއްވި އިރު ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ ސަނީފު އެވެ.

ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާޒު ރަޝީދުގެ އަތުން ބަލިވެވަޑައިގެންފަ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުއަށް ގެއްލުނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދާ ވާދަ ކުރައްވައިގެންނެވެ.

ތުލުސްދޫ ދާއިރާއިން މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) ވަޑައިގެންނެވީ ތިންވަނައަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި އިބްރާހިމް ނަސީމް އެވެ.

ގޮނޑި ގެއްލުނު 12 މެމްބަރުންގެ ގޮނޑިއާ މެދު ގާތްގަނޑަކަށް އެއް އަހަރު ވަންދެން ސުވާލު އުފެދިފައި އޮތުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި އެފަހުން އެ މެމްބަރުންނަށް ވަނީ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ވެސް ދީފަ އެވެ.

comment ކޮމެންޓް