ކެއާ ސޮސައިޓީއަށް ތެރަޕިސްޓުން ގެނައުމަށް މީރާއިން 60،000 ރުފިޔާގެ އެހީ ދީފި

މީރާއިން ކެއާ ސޮސައިޓީއަށް ފައިސާ ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކެއާ ސޮސައިޓީ

ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީގެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ފުރަތަމަ ފަހަރަށް ގެނައުމަށްޓަކައި މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީއަށް 60,000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އިއްޔެ ހެނދުނު މީރާގައި ކެއާ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި އެ ފައިސާ ކެއާ ސޮސައިޓީއާ ވަނީ ހަވާލުކޮށްފަ އެވެ.

މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާ އިން ބުންޏެވެ.

ފައިސާ ހަދިޔާ ކުރުމަށް ބޭއްވި ހަފްލާގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ އިސް މުވައްޒަފުން ބައިވެރިވި އެވެ.

މީރާއިން ކެއާ ސޮސައިޓީއަށް ފައިސާ ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކެއާ ސޮސައިޓީ

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ޖެނެރަލް ޔަޒީދު ވިދާޅުވީ އެފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުން ވަރަށް މުހިއްމުކަމެއް ދީގެން އެމީހުންގެ އަމިއްލަ މުސާރައިން ހޭދަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އިޖުތިމާއީ މި ފަދަ އެތައް ހަރަކާތްތަކެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ޔަޒީދު ވިދާޅުވީ އެ ހަރަކާތް ހިނގުމަށް ޓަކައި މީރާގެ ބަޖެޓުން ހަރަދުކޮށްފައި ނުވާ ކަމަށެވެ. އަދި މީރާގެ މުވައްޒަފުން ދައްކައިދިން އިޖްތިމާޢީ ޒިންމާނެގުމުގެ ހަރަކާތްތައް މިސާލެއްކަމަށް ބަލައި އެހެން ފަރާތްތަކުން ވެސް އެ ފަދަ ކަންކަމުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޔަޒީދު ވިދާޅުވި އެވެ.

އެ ހަފްލާގައި ކެއާ ސޮސައިޓީގެ ފަރާތުން ވާހަކަ ދެއްކެވި އެ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު، ނައުޝާން މުހައިމިން ވިދާޅުވީ، މީރާގެ މުވައްޒަފުން ވެ ދެއްވި އެހީގެ ސަބަބުން ސްޕެޝަލައިޒްޑް ތެރަޕިސްޓެއްގެ ފަރާތުން ފުރަތަމަ ފަހަރަށް ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވެފައިވާ ތެރަޕީ ސެޝަންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް