އާންމުންގެ ޒާތީ މައުލޫމާތު ހިމެނޭ އެޕުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

އާންމުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ އެޕެއް އުފައްދައި މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންތަކަކަށް ވިއްކި މައްސަލައިގައި ދެ މީހަކާ ދެކޮޅަށް ދައުވާ ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

"ހަކުޅި"ގެ ނަމުގައި އުފެއްދި ޒާތީ މައުލޫމާތު ހިމެނޭ އެޕްލިކޭޝަން ވިއްކާފައި ވަނީ ކެންޑިޑޭޓުން ކެމްޕޭން މެނޭޖްމެންޓަށް ބޭނުން ކުރާ އެޕެއްގެ ގޮތުގަ އެވެ. އެ އެޕުގައި ގިނަ އަދަދެއްގެ އާންމުންގެ ނަން، އެޑްރެސް، ތައުލީމީ ފެންވަރު، މުސާރައިގެ ފެންވަރު، ތާއީދު ކުރާ ޕާޓީ، ފަދަ މައުލޫމާތުތައް ހިމެނެ އެވެ. އަދި ބައެއް މީހުންގެ ފޮޓޯވެސް އެ އެޕުގައި ހިމެނެ އެވެ.

އެ އެޕު ވަނީ މިހާރު މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަމުން ގެންދަވާ ބައެއް ފަރާތްތަކަށް ވިއްކައިފަ އެވެ.

އާންމުންގެ މައުލޫމާތު އެ ފަރާތްތަކުގެ ހުއްދައާ ނުލައި ވިއްކުމަކީ، ގާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ލިބެދޭ ހައްގާއި އިންޓަނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 17 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބުނެ އެ އެޕު އުފައްދައި ވިއްކުމުގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އާންމުންނާ ގުޅޭ ކަންކަމުގައި ހިލޭ ސާބަހާ ގާނޫނީ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ.

އެ މައްސައިގައި ދައުވާ ކުރަން އެދިފައި ވަނީ މުހައްމަދު ޝުހޫދު ނަމަކަށް ކިޔާ މީހަކާއި ޑީއާރްޕީގެ ޓިކެޓުގައި މާފައްނު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަމުން ގެންދަވާ ކެންޑިޑޭޓު އަބްދުﷲ އަބްދުލްރަހީމްގެ މައްޗަށެވެ. އަބްދުﷲ އަބްދުއްރަހީމް އަކީ މީގެ ކުރިން މާފައްނު ހުޅަނގު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕީއައިއެލްސީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޒާތީ މައުލޫމާާތު އެ މައުލޫމާތެއްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކުރުމާއި ވިއްކުން ހުއްޓުމަށް ދައުވާ ރައްދުވާ ފަރާތްތަކުގެ މައްޗަށް އަމުރު ކުރުމަށެވެ. އަދި "ހަކުޅި" އެޕު ބޭނުން ކުރުމާއި ވިއްކުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

ޕީއައިއެލްސީއިން ބުނެފައި ވަނީ އެ އެޕުގެ މައްސަލަ ބެލުމަށް އެ ޖަމިއްޔާއަށް ގިނަ އަދަދެއްގެ ފަރާތްތަކުން އެދުނު ކަމަށެވެ. އެ ޖަމިއްޔާއިން އެދިފައި ވަނީ އެޕާ ގުޅޭ އިތުރު މައުލޫމާތު އެނގޭ މީހުން އެ މައުލޫމާތުތައް ހިއްސާ ކުރުމަށެވެ.

އާންމުންގެ ގިނަ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް މިފަދަ އެޕެއް އުފައްދައި، ކެންޑިޑޭޓުންނަށް އެ ވިއްކައި އަދި އެ ބޭނުންކުރަމުން ދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް