މައުސޫމް ހިއްސާވާ ސީޖީޓީއަށް 22 މިލިއަން ދޭން ކަސްޓަމްސްއަށް ހުކުމްކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަން، އަދި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހްމަދު މައުސޫމުގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަން ރުފިޔާ ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ދުންފަތާއި ސިނގިރޭޓުގެ ވިޔަފާރިކުރާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22.7 މިލިއަން ރުފިޔާ ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. މިއީ އެކުންފުނިން 2017 ވަނަ އަހަރު ރާއްޖެ އެތެރެކުރި ސިނގިރޭޓު ޝިޕްމަންޓަކަށް އެ ކުންފުނިން ދެއްކި ޑިއުޓީ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރި އިރު، ސީޖީޓީން ގެނައި ޝިޕްމެންޓަށް ޑިއުޓީ ދައްކަންޖެހެނީ ކުރިން ހުރި ވަރަށްތޯ ނުވަތަ ބޮޑުކޮށްކަމާ މެދު ސުވާލު އުފެދުނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސީޖީޓީން ޝިޕްމެންޓަށް ބިލް އޮފް ރައިޓިންގް ހުށަހެޅީ އެ ޝިޕްމެންޓް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ. އެހެންކަމުން ކަސްޓަމްސް އިން އޭރު ނިންމީ، ރާއްޖޭގެ ޑިއުޓީ ތަންފީޒުކުރެވޭނީ ރާއްޖޭގެ ސަރަހައްދަށް އެ ޝިޕްމަންޓް ވަނުމުން ކަމަށެވެ. އަދި ސީޖީޓީން ޖެހުނީ އެ ޝިޕްމަންޓަށް ޑިއުޓީ ބޮޑުކޮށް ދައްކާށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސީޖީޓީން ކަސްޓަމްސްގެ މައްޗަށް އެ ފައިސާ ހޯދުމަށް ދައުވާ ކުރި އިރު، އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރީގެ އަޑުއެހުންތަކުގައި ބުނަމުން ދިޔައީ ޑިއުޓީގެ ގޮތުގައި އޭރު ނެގި އަދަދުތައް ރަނގަޅުކަމަށާއި އެހެންކަމުން ސީޖީޓީއަށް އެ ފައިސާ އަނބުރާ ދޭން ނުޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް އާ ސަރުކާރު ވެރިކަމަށް އައި ފަހުން، ދައުލަތުން އެ މައްސަލައިގައި ދެކުނު ގޮތް ބަދަލުވެ، ދައުލަތުން ނިންމީ ސީޖީޓީން ބޮޑުކޮށް ދެއްކި ޑިއުޓީ (22.7 މިލިއަން ރުފިޔާ) އަނބުރާ ދޭން ޖެހޭ ކަމަށެވެ.

ފެން ކުންފުނީގެ ޗެއާމަން މައުސޫމުގެ ހިއްސާ، ސީޖީޓީ ކުންފުނީގައި އޮންނަ އިރު، އޭސީސީ އިން އާންމުކުރި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން ހިޔާނާތުގެ އެ ފައިސާގެ ތެރެއިން 5.7 މިލިއަން ޑޮލަރު ވަނީ ސީޖީޓީއަށް ޖަމާކޮށްފަ އެވެ.

ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެންދެން މައުސޫމް ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނާ ގޮތުގައި ސީޖީޓީގައި އޮންނަނީ މައުސޫމުގެ އިތުރުން މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު، މއ. ތިނަދޫ އުމަރު ޖަމާލް އަދި ސ. ހިތަދޫ މާހީ، އަހްމަދު ޒާހިރުގެ ހިއްސާއެވެ.

comment ކޮމެންޓް