ރަނިން ރަންގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް!

ރަނިން ރަންގައި ބައިވެރިވާ ކެއާސޮސައިޓީގެ ދަރިވަރަކަށް ޓީޝާޓު ހަވާލު ކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީ އިން ބާއްވާ "ރަނިން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށް ޓީއެފްޖީ އިން ބުނެފި އެވެ.

ރަންގެ ބައިވެރިންނަށް ބިބް ދޫކުރުން މިހާރު ކުރިއަށްދާ އިރު، ޓީއެފްޖީ އިން ބުނީ ދުވުމުގައި ރެޖިސްޓްރީ ވާން ބޭނުންވާ އަންހެނުންނަށް އަދި ވެސް ފުރުސަތު އެބައޮތް ކަމަށާއި ބިބް ދޫކުރާ ވަގުތު ޓީއެފްޖީ އަށް ގޮސް ރެޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ބިބް އެކްސްޕޯ ކުރިއަށްދާނީ މިއަދު ހެނދުނު 10 އިން މިރޭ 20:00 އަށެވެ. ބިބް އެކްސްޕޯ އޮންނާނީ ޓީއެފްޖީ ބިލްޑިންގްގެ ފުރަތަމަ ފަންގިފިލައިގަ އަވެ. އެކްސްޕޯގެ ތެރެއިން ރަނިން ރަން އިވެންޓުގެ ޓީޝާޓު ވެސް ވިއްކާނެ އެވެ. ޓީޝާޓުގެ އަގަކީ 150 ރުފިޔާ އެވެ.

ރަނިން ރަންގެ ޓައިޓްލް ސްޕޮންސަރަކީ ކެއާ ސޮސައިޓީ އެވެ. ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީ އިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ވެސް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ.

ބިބް އެކްސްޕޯ ކުރިއަށް ދާއިރު އެތަނުގައި ޑޮނޭޝަން ފޮއްޓެއް ބަހައްޓާފައި ހުންނާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް އެފޮށި މެދުވެރިކޮށް ކެއާސޮސައިޓީ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

އިއްޔެގެ ބިބް އެކްސްޕޯގައި ކެއާ ސޮސައިޓީ ދަރިވަރުންގެ މެގަޑާންޒް އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ކެއާ ސޮސައިޓީގެ 13 ދަރިވަރަކު މި ހަރަކާތުގައި ބައިވެރިވި އިރު، މިއީ ކުދިންނަށް އުފާވެރި ވަގުތުކޮޅަކަށްވީ ކަމަށް ޓީއެފްޖީ އިން ބުންޏެވެ.

މެގަޑާންޒް އަކީ ޓީއެފްޖީގެ އިންޓަނޭޝަނަލް ފްރެންޗަައިޒްރެޑިކަލް ފިޓްނެސްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، އިއްޔެ ވަނީ ރަނިން ރަންގައި ބައިވެރިވާ ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ޓީޝާޓު ހަވާލުކޮށްފަ އެވެ. އެ ކުދިންގެ ޓީޝާޓޫ ސްޕޮންސާކޮށް، ކުދިންނާ ޓީޝާޓު ހަވާލުކޮށްދިނީ ޓީއެފްޖީގެ ސްޓާފް، ރުހާމް އެވެ.

ރަނިން ރަން އޮންނާނީ މާދަމާ ހުޅުމާލޭގަ އެވެ. މި ދުވުމުގައި ދުވަންޖެހޭނީ ހަތް ކިލޯ މީޓަރަށެވެ.

"ރަނިން ރަން" އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ.

ރަނިން ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް