އެމެރިކާއާ އެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ތާލިބާނުގެ ލީޑަރެއް ގަތަރަށް

މިދިޔަ މަހު ބޭއްވި ސުލްހައިގެ ވާހަކަތަކުގައި އެމެރިކާއިން ވަނީ އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދާނެ ކަމަށް ބުނެފައި -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ފެބްރުއަރީ 25): އެމެރިކާ އާއި ތާލިބާނުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް، ތާލިބާން އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި މުއްލާ އަބްދުލް ޣަނީ ބަރަދަރު ގަތަރަށް ދާނެ ކަމަށް އެޖަމާއަތުން ބުނެފި އެވެ.

ޕާކިސްތާނުގެ ޖަލުގައި އަށް އަހަރުގެ ހުކުމެއް ތަންފީޒުކޮށްފައިވާ ބަރަދަރު ދޫކޮށްލީ މިދިޔަ އަހަރެވެ. އޭނާ މިހާރު ހުންނަނީ ގަތަރުގައި ހުންނަ ތާލީބާނުގެ ސިޔާސީ އޮފީހުގެ ވެރިޔާގެ ގޮތުގަ އެވެ. ނަމަވެސް ޖަލުން ދޫކޮށްލި ފަހުން އޭނާ ދިރިއުޅެމުން އައީ ޕާކިސްތާނުގަ އެވެ.

މިދިޔަ މަހުވެސް އެމެރިކާ އާއި ތާލިބާނުން ވަނީ ގަތަރުގައި ސުލްހައިގެ ވާހަކަތައް ބާއްވާފަ އެވެ. އެބައްދަލުވުމުގައި އެމެރިކާ އިން ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ދެބައިކުޅަ އެއްބައި މީހުން އަންނަ އެޕްރީލް މަސް ނިމުމުގެ ކުރިން އަނބުރައި ގައުމަށް ގެންދިޔުމަށާއި ބާކީތިބި ސިފައިން އަށާރަ މަސް ތެރޭގައި އަނބުރައި ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އަދި ތާލިބާނުން ވަނީ އައިއެސް ޖަމާއަތާއި އަލްގާއިދާ ފަދަ ބައިނަލްއަގްވާމީ ޓެރަރިސްޓް އެއްވެސް ޖަމާއަތެއް އަފްޣާނިސްތާނަށް އަތްގަދަ ކުރުމުގެ ފުރްސަތު ނުދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ނަމަވެސް އަފްޣާން ސަރުކާރާ އެކު ސީދާ ގޮތެއްގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ތާލިބާނުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ތާލިބާނުން އެކަމާ ދެކޮޅު ހަދަނީ ބާރުގެ ބޭނުންކޮށްގެން އަފްޣާން ސަރުކާރު ވައްޓާލައި އެގައުމުގެ ވެރިކަމަށް އަތްގަދަ ކުރުމުގެ ބޭނުމުގައި ކަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ. ތާލިބާނުން ބުނަނީ އަފްޣާން ސަރުކާރާ ވާހަކަ ނުދައްކަނީ އެއީ އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރަކަށް ވާތީ ކަމުގަ އެވެ. ނަމަވެސް އެމެރިކާ ގަދަބާރުން އަފްޣާނިސްތާނަށް އަރައިއޮންނަ އިރު އަދި އެމެރިކާއިން ތާލިބާނުންނަކީ ޓެރަރިސްޓުން ކަމަށް ބުނަމުން ގެންދަނިކޮށް ތާލިބާނުން އެމެރިކާއާ ވާހަކަ ދައްކާއިރު އަފްޣާން ސަރުކާރާ ވާހަކަ ދެއްކުމަށް ދެކޮޅު ހެދުމަކީ ހުއްޖަތެއް އޮތްކަމެއް ނޫންކަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް