އާސަންދައާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އާސަންދައާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިދެއްވުމަށްފަހު ޝިދާތާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން އާސަންދައާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ "ޑިސްޕެޗް" ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި މި ކައުންޓަރގެ ޚިދުމަތް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއެވެ.

އައިޖީއެމްއެޗްގައި ހުޅުވި އާސަންދައާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރު---

އެ ކައުންޓަރުގެ ސަބަބުން އާސަންދައާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އައިޖީއެމްއެޗްއިން ވެސް ލިބިގެން ދާނެކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ ކައުންޓަރުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އާސަންދައާއި އެންސްޕާގެ ފޯމުތައް ދޫކުރުމާއި، ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

އެ ކައުންޓަރުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00ން ރޭގަނޑު 09:00 އަށް ލިބެން ހުންނާނެ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދައާއި އެންސްޕާއިން ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

އެ ގޮތުން ނާޒުކު ޙާލަތުތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫކަމެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު އެއްތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

comment ކޮމެންޓް