އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 35 މައްސަލައެއް އަނބުރާ ފޮނުވަން އަންގައިފި

ބަންޑާރަނައިބު ރިފުއަތާއި (ކ) އެެކޮނަމިކް މިނިސްޓަރު ފައްޔާޒު -- ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ 35 މައްސަލައެއް މުރާޖާ ކުރުމަށް ފަހު، އަލުން ހުށަހަޅަން، އެ މައްސަލަތައް އަނބުރާ ފޮނުވަން ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރޭގައި ހިމެނޭ ފައިސާ ދައުލަތަށް ހޯދުމަށް ހުށަހަޅާފައިވާ 39 މައްސަލައެއްގެ ވާގިއާތަކަށާއި މިހާތަނަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު އޭގެ ތެރެއިން 35 މައްސަލައެއް މުރާޖާކުރުމަށް ފަހު އަލުން ހުށަހަޅަން، އެ 35 މައްސަލަ އަނބުރާ ފޮނުވަން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ.

އެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ، އެ 35 މައްސަލަ މުރާޖާ ކުރުމަށް ފަހު، ކޮރަޕްޝަނުގެ ފައިސާ ހޯދުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންގެ އެހީއާ އެކު އެ މައްސަލަތައް ފުރިހަމަ ކުރުމަށް ފަހުވީ އެންމެ އަވަހަކަށް އަލުން ސިވިލް ކޯޓަށް ހުށަހަޅައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ހިނގައި ދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އޭސީސީ އިން ތަހުގީގުކުރަން ފެށީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 10 އޮގަސްޓް 2017 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ. އެހެން ނަމަވެސް އެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު 1.2 ބިލިއަން ރުފިޔާ ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް