އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑު އިންޑިއާއަށް

ނިލާންޝީ- ފޮޓޯ: ގިނިސް ވޯލްޑް ރެކޯޑް

ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު ޓީނޭޖާގެ ރިކޯޑު އިންޑިއާގެ ޒުވާން އަންހެން ކުއްޖަކު ހޯދައިފިއެވެ.

އުމުރުން 16 އަހަރުގެ ނިލާންޝީ ޕަޓޭލްއަށް މި ރެކޯޑު ހާސިލްވީކަން އަންގައި، ގިނިސް ވޯލްޑް ރެކޯޑުން އޭނާއަށް މިހާރު ވަނީ އެކަމުގެ ރަމްޒީ ލިޔުންވެސް ދީފައެވެ.

ނިލާންޝީގެ އިސްތަށިގަނޑުގެ ދިގުމިނުގައި 170.5 ސެންޓި މީޓަހު ހުންނައިރު އޭނާގެ އެކުވެރިން އޭނާއަށް މުހާތަބު ކުރަނީ "ރިއަލް ލައިފް ރެޕަންޒިލް"ގެ ނަމުންނެވެ.

"އެފަހަރަކު އިސްތަށިގަނޑު ކޮށާލީމަ އެހާ ހިތްހަމައެއް ނުޖެހުނު. ދެން އޭގެ ފަހުން އެއްވެސް ވަރަކަށް އިސްރަށިގަނޑު ކޮށާ ނުހަދަން. އުމުރުން ހަ އަހަރުން ފެށިގެން އެގޮތަށް މި ހުންނަނީ،" ދިގު އިސްތަށިގަނޑުގެ ރެކޯޑާ ގުޅޭގޮތުން ނިލާންޝީ ގިނިސް ވޯލްޑް ރެކޯޑަށް ބުނެފައިވެއެވެ.

ނިލާންޝީގެ ބޮލުގެ އިސްތަށިގަނޑު ހަފްތާ އަކު އެއްފަހަރު ދޮންނައިރު، އިސްތަށިގަނޑުގައި ފުނާއެޅުމަށް ގަޑިއެއްހައި އިރު ހޭދަވެއެވެ. ފުނާއެޅުމުގައި އެންމެ އެހީވަނީ މަންމައެވެ.

"މީހުން ހީކުރަނީ ދިގު އިސްތަށިގަނޑަކާ އެކީ އުޅެން އުނދަގޫ ވާނެޔޭ. އެހެންނެއް ނޫން. އަހަރެން ކުޅިވަރުވެސް ކުޅެން. އާންމުކޮށް ހުޅިއެއް ޖަހައިގެން އުޅެނީ. އަނެއްބައިފަހަރު ގަތާލާފައި ބާއްވަނީ،"

comment ކޮމެންޓް