ޑީސަލުން ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހު ހުށައަޅައިފި

ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯ އިން ގެނައި 8.9 މެގަވޯޓްގެ މާ ޖަނަރޭޓަރު ހަރުކޮށް، ކަރަންޓް ދޭން ފުށުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަށް ޓަކައި ޑީސަލުން ނަގާ ޓިއުޓީ ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ މަސްވެރިކަމަށް ނިކުންނަ ފަރާތްތަކުން ކުރަންޖެހޭ ހަރަދު ކުޑަކޮށްދީ، ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކުގައި ބޭނުންކުރާ ޑީސަލް އަދި އާންމުންނަށް ދޭ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑީސެލުން ނަގާ ޑިއުޓީ މައާފުކޮށްދިނުމަށް ކަމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓް އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުން ކަމަށެވެ.

ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން ކަމަށް ބުނެފައިވެ އެވެ.

މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ ކަނޑާލުކަީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކުރުމަށް ކަރަންޓު ސަބްސިޑީ ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް