ރާއްޖޭގައި މަރުގެ އަދަބެއް ނުދޭނެ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 65 އަހަރު ކުރިން ކަމަށާއި އަދި އޭގެ ފަހުން އެކަން ކޮށްފައި ނުވާ ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން އާނ ބަސް ބުނެފައިވާ ކަމަށެވެ.

މިހާރު ސްވިޒަލޭންޑުގެ ޖެނިވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި އެ ގަރާރުގެ ޑްރާފްޓަަށް ވަނީ ވޯޓަށް އަހައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

މަރުގެ ބައެއް މައްސަލަތަކުގައި މަރަށް މަރުހިފަން ނިންމައި ހުކުމްކޮށްފައި ތިބި މީހުން ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު