ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކޮށްފި

ގުރަައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމަށް 42 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ރައްޔިތުން މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެންބަރު ރިޒާ ވަކިކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"މިގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައް ހިންގުމުގައްޔާއި ކޯޓާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭ ކަމަށް ގާނޫނު އަސާސީ އިން ލާޒިމު ކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ގާއިމު ނުވާ ކަމުގައި ރައްޔިތުންނާއި އދ. އާއި މުޅި ދުނިޔެއިން ފާހަގަކޮށް ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ލަފާދެއްވަމުން ނުދާ،" ކަމަށް ނާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ރިޒާ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި އެއީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްކަމަށް އެ މައްސަލާގައި ފާހަގަކޮށްފައި ވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމައާއި އިންސާފުން އެއްކިބާވެވަޑައިގެން އެކަން ކުރައްވާ ކަމަށް ރިޒާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައްޔާއި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މެންބަރު ރިޒާ ހުންނެވުމުގެ ސަބަބުން ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލު ކުރެވޭ ގޮތަށް ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރެއްވުމަށް ބޮޑެތި ފީ ނަންގަވާ ކަމަށާއި އެގޮތުން ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއްކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވީ ޖޭއެސްސީގެ މެންބަރުކަމުން އޭނާ ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ މިތާ ދައްކަމުން އެ ގެންދަވަނީ މުޅިންވެސް އެއްވެސް އަސްލެއް ގާނޫނީ އަސާސެއް ނެތް ހަގީގަތާއި ހިލާފު ރޯ ބުހުތާން ދޮގުކަމަށް ދިވެހި ރައްޔިތުންގެ އަރިހުގައި ވަރަށް ތެދެވެރިކަމާއެކު އަޅުގަނޑު ދަންނަވަން." އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވިއެވެ.

ވަކި މައްސަލައަކާ ގުޅިގެން އަޅުގަނޑުގެ މަޝްވަރާއެއް ނުވަތަ ލަފާއަކަށް މިއަދާ ހަމައަށްވެސް އައްސަވާފައެއް ނުވޭ،" ރިޒާ ވިދާޅުވިއެވެ.

ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިރު ޖޭއެސްސީގެ މެމްބަރަކަށް ހުރެ ކޯޓުތަކުގައި ވަކާލާތުކުރާ މައްސަލަ ފާހަގަކޮށްފައިވެއެވެ.

ރިޒާ ވިދާޅުވީ އޭނާ މަޖިލީހުގެ މެމްބަރަކަށްވުމުގެ ކުރިން އޭނާއަކީ ގަނޫނީ ވަކީލެއް ކަމަށެވެ. އަދި ޖޭއެސްސީގައި އޭނާ ހުރެގެން ވަކީލުކަން ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް އެއްވެސް ގާނޫނަކު ކަނޑައަޅާފައި ނުވާކަމަށް ރިޒާ ވިދާޅުވިއެވެ.

"ގާނޫނީ ވަކީލުކަން ކުރުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް އަޅުގަނޑުގެ މައްޗަށް ހުށަހެޅި މައްސަލާގައި ވިދާޅުވެފައި އޮތުމަކީ ހިނި އަންނަން ޖެހޭ ކަމެއް،" ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގައި އޭނާ ޖޭއެސްސީއިން ވަކިކުރަން އެ ކުރާ މަސައްކަތް ނުވެސް ހުއްޓުވާނެކަަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް