"ބައިސްކޯފު"އާއެކު މާދަމާ މުނިފޫހިފިލުވުމުގެ ދާއިރާއަށް އީދެއް!

ދިވެހި ބައެއް ފަންނާނުންނާއި އެކު "ބައިސްކޯފު" އެޕްގެ ޕޯސްޓަރުވެސް...

މުޅި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް އަންނަ ސަޅި ކަމެކެވެ. ބޮޑު އިންގިލާބެކެވެ. "ބައިސްކޯފު" އެޕްލިކޭޝަންގެ ވާހަކަ ގިނަ ބަޔަކު މިހާރު އޮންނާނީ އަޑު އަހާފައެވެ. މާދަމަ ރޭ މި އެޕް ރަސްމީކޮށް ލޯންޗުކުރުން އެބަ އޮތެވެ.

އެ ހަފްލާވެސް އެހާމެ ހާއްސަވެފައި ސަޅިވާނެއެވެ. ރެޑް ކާޕެޓްގައި ދަރުބާރުގޭގައި މާދަމާ ރޭ 8:30 ގައި ފެށޭ އެ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފިލްމު އެވޯޑު ކެންސަލްވެގެން އެއްގޮތަކަށްވެސް ދެރަވާނެ ކަމެއް ނެތެވެ. މާދަމާ ރޭގެ ރެޑް ކާޕެޓް އެވޯޑު ހަފްލާއަކަށް ވުރެވެސް ޗާލު ވާނެކަމަށް "ބައިސްކޯފު" އެޕުގެ ފަރާތުން މައުލޫމާތު ދެއެވެ.

އަލަށް ތައާރަފްކުރާ އެޕްލިކޭޝަން "ބައިސްކޯފު"---

"ސަން"އާ ވާހަކަ ދައްކަމުން "ބައިސްކޯފު"ގެ ޓީމުން ބުނީ، އެ ހަފްލާގައި ބައިވެރިވާނީ ހަމަ އެކަނި ފިލްމީ ތަރިން ނޫން ކަމަށާއި ދިވެހި މިއުޒިކް އިންޑަސްޓްރީގެ އިތުރުން މީގެ ކުރިން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބައެއް ފަންނުވެރިންވެސް ފެންނާނެ ކަމަށް ބުންޏެވެ.

"ބައިސްކޯފު" އާއެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނަ އިރު އެ އެޕް ވާނީ ރާއްޖޭގައި އަލަށް ވުޖޫދުވާ ފުރަތަމަ "މަލްޓި އެންޓަޓެއިނިން" އެޕަށެވެ.

އެ އެޕުން ދިވެހި ލަވަތަކުން ފެށިގެން ގޮސް ޓީވީ ޗެނަލްތައްވެސް ލައިވްކޮށް ބަލާލެވޭނެއެވެ. ކުރީގެ ދިވެހި ފިލްމުތަކާއި، މަދަހަ، ރާއްޖޭގައި އުފައްދާފައިވާ ލަވަ އަލްބަމްތައް، އަދި ޓީވީ ޝޯތައް އެ އެޕް މެދުވެރިކޮށް ބަލާލެވޭނެ އިރު "ބައިސްކޯފު" ވާނީ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެޕަކަށެވެ.

"ބައިސްކޯފު" ގެ ޓީމުން އެޕް ލޯންޗުކުރަން ކެތްމަދުވެފައި ވާއިރު އެ ޓީމުން ބުނަނީ، އެޕް ލޯންޗުކުރާތާ ކުޑަ އިރުކޮޅެއް ފަހުން އެޕަލް އެޕްސްޓޯރާއި އަދި ގޫގުލް ޕްލޭއިން ޑައުންލޯޑުކުރެވޭނެ ކަމަށެވެ.

"ބައިސްކޯފު" އިން ފުރަތަމަ ސްޓްރީމް ކުރާ ދިވެހި ވެބް ސީރީޒް "ހުވާ" ގެ ޕޯސްޓަރެއް...

"ބައިސްކޯފު" ލޯންޗުކުރުމާއެކު ފުރަތަމަވެސް އެ އެޕުން ސްޓްރީމް ކުރާނެ ދިވެހި ވެބް ސީރީޒަކަށް ވާނީ ފާތިމަތު ނަހުލާގެ "ހުވާ" އެވެ. ބޮޑު ކާސްޓަކާއެކު ހަދާފައިވާ އެ ސީރީޒް ފަނަރަ ވަރަކަށް ދުވަސް ތެރޭގައި އެޕް މެދުވެރިކޮށް ބަލާލެވޭނެކަމަށް ނަހޫ ބުންޏެވެ. ނަހޫވެސް ހުރީ "ބައިސްކޯފު" އަށް އިންތިޒާރުގައެވެ. ސީރީޒް ދައްކާލުމަށް ކެތް މަދުވެފައެވެ.

ނަހޫ ސިފަކުރާ ގޮތުގައި "ބައިސްކޯފު" އެޕު ވާނީ މުޅި އެންޓަޓެއިންމެންޓު ދާއިރާ، އިނގިލިކުރިއަށް އައުން ފަދަ ކަމަކަށެވެ.

"ދުނިޔޭގެ އެހެން ތަންތަނާ ދޫނުކުރާ ވަރުގެ އެޕަކުން އަހަރެމެން އަމިއްލައަށް ކުރާ މަަސައްކަތް ދިވެހިންނަށް އަދި މުޅި ދުނިޔެއަށްވެސް ބަލާލަން ލިބުން ވާނީ ލިބޭ ވަރަށް ބޮޑު އުފަލަކަށް،"

"އަހަރެން މިހުރީ ލޯންޗިން ހަފްލާއަށް ވެސް ކެތްމަދުވެފަ، ސަބަބަކީ މުޅި މުނިފޫހިފިލުވުމުގެ ދާއިރާ އެއްތާކަށް ޖަމާވާނެތީ، އުފާވެރި އަދި ތާރީހީ މަންޒަރަކަށް ވާނެ،" އުފަލުން ހުރެ ނަހުލާ ބުންޏެވެ.

"ބައިސްކޯފު" އިން ފުރަތަމަ ސްޓްރީމް ކުރާ ދިވެހި ވެބް ސީރީޒް "ހުވާ" ގެ ޕޯސްޓަރެއް...

ނަހުލާގެ ވެބް ސީރީޒަކީ "ބައިސްކޯފު"ން ދައްކާ އެފަދަ ފުރަތަމަ ސީރީޒަށް ވާތީ، އެ ޓީމުންވެސް ތިބީ އުފަލުންނެވެ. ނަހުލާ ފަދަ މަގުބޫލު ޑައިރެކްޓަރެއްގެ ޑައިރެކްޝަނެއް ފުރަަތަމަ ދައްކާލަން ލިބުން ވާނީ ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމުގައި އެ ޓީމުން ދެކެއެވެ.

އެ ސީރީޒްގެ ޓްރެއިލަރ ލޯންޗުކުރުންވެސް މި ހަފްލާގައި އޮންނާނެއެވެ. އެގޮތުން މި ޓްރެއިލަރގައި "ހުވާ"ގެ ވަރަަށް ގިނަ ވާހަކަތައް އެނގިގެން ދާނެއެވެ.

ކުރިޔަށް އޮތްތާ ދިވެހި ވެބް ސީރީޒްތައްވެސް "ބައިސްކޯފު" އަށް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ރާއްޖެގައި ގުނާލެވޭ މޮޅު ޑައިރެކްޓަރުންގެ ބުރަ މަސައްކަތްތައް އެ އެޕުން ފެންނާނެ ކަން ކަށަވަރެވެ. މާދަމާ ރޭ ލޯންޗުކުރާ "ބައިސްކޯފު" އެޕާ އެކު މުޅި މުނިފޫހުފިލިވުމުގެ ދާއިރާ އަށް އަންނާނީ އީދެކެވެ.

comment ކޮމެންޓް