ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރާ މައްސަލައިގައި ޖަވާބުދަރީވުމަށް 15 މިނެޓް

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރު ރިޒާ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާފައި ހުންނަ މެންބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް 15 މިނެޓް ދިނުމަށް ކޮމެޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ހުށަހަޅާފައިވަނީ މީގެ ކުރިން 2013 ވަނަ އަހަރުގައި އޭރު މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަ މެންބަރު ގާސިމް އިބްރާހިމް ވަކިކުރުމަށް ހުށަހެޅި މައްސަލައިގައިވެސް ވަގުތު ދިނުމަށް ފާސްކޮށްފައިވާ ގޮތަށެވެ.

އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ތާއިދު ކުރެއްވި ހުށަހެޅުމަކީ ޖުމްލަ ބަހުސައަށް ދެ ގަޑިއިރު ދިނުމަށްފަހު ޖަވާބުދާރީވުމަށް 15 މިނެޓް ދިނުމަށެވެ.

ދެ ގަޑިއިރުގެ ތެރެއިން ބައިކީ އޮތް އެއް ގަޑިއިރާއި 45 މިނެޓް ޕާޓީތަކާއި މިނިވަން މެންބަރުންގެ ނިސްބަތުން ބެހިގެން ދާގޮތަށް ދިނުމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.

އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރައްޔިތުންގެ ތެރެއިން ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިސަންގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލެއްގެ މައްޗަށެވެ.

comment ކޮމެންޓް