ޚަޝޮގްޖީ މަރާލާފައި ވަނީ ދުރާލައި ރާވައިގެން: އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން-- ފޮޓޯ: އަލްޖަޒީރާ

އަންކާރާ (އޮކްޓޯބަރު 23): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ނޫސްވެރިޔާ ޖަމާލް ޚަޝޮގްޖީ މަރާލާފައި ވަނީ ދުރާލައި ރާވައިގެންކަން އެނގޭނެ ހެކި އެބަހުރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި ޚަޝޮގްޖީ މަރާލުމުގައި ސައުދީ އަރަބިއާގެ 15 މީހަކު ބައިވެރިވި އެވެ. އަދި މިމަހުގެ ދެވަނަ ދުވަހު ޚަޝޮގްޖީ ކޮންސިއުލޭޓަށް ދިޔުމުގެ ކުރިން، ސައުދީ ތިން އޮފިޝަލަކު ވަނީ އިސްތަންބޫލަށް ގޮސް ކޮންސިއުލޭޓު ކައިރީ އޮންނަ ޖަންގަލި ބަލާ ހަދާފަ އެވެ.

ތުރުކީގެ ބައެއް އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ޚަޝޯގްޖީގެ ހަށިގަނޑު ފޮރުވާފައި ވަނީ ކޮންސިއުލޭޓު ކައިރީ އޮންނަ ޖަންގަލި ތެރޭގައި އެވެ. އެހެންކަމުން އެމައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ޖަންގަލި ތެރެވެސް ހޯދަން ފަށާފަ އެވެ.

މީގެ އިތުރުން އުރުދުޣާން ވިދާޅުވި ގޮތުގައި ޚަޝޮގްޖީ މަރާލުމުގެ ކުރިން ކޮންސިއުލޭޓުގެ ކެމެރާތައް ވަނީ ނިއްވާލާފަ އެވެ.

އަދި ޚަޝޮގްޖީ މަރާލި ހާދިސާގެ އޯޑިއޯ އާއި ވީޑިއޯ ރެކޯޑިންތައް ލީކުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް، އެފަދަ ރެކޯޑިންއެއް އޮތް ކަމަށް އުރުދުޣާން ވިދާޅުނުވެ އެވެ.

މީގެ އިތުރުން އުރުދުޣާން ވަނީ ސައުދީ އަރަބިއާއިން ޚަޝޮގްޖީގެ މަރާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ސައުދީގެ 15 މީހުންގެ ޓީމެއް ތުރުކީއަށް އައީ ކީއްވެ؟ ކާކުގެ އަމުރަށް؟ ސައުދީން ތަފާތު ބަޔާންތަކެއް ނެރުނީ ކީއްވެ؟ ޚަޝޮގްޖީގެ ހަށިގަނޑު ތުރުކީ މީހަކާ ހަވާލު ކުރި ކަމަށް އެބަ ބުނޭ. އެމީހަކީ ކޮބާ؟ ސައުދީން މިހުރިހާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ،" އުރުދުޣާން ވިދާޅުވި އެވެ.

އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ހުރި ސައުދީގެ ނޫސްވެރިޔެއް ކަމަށްވާ ޚަޝޮގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށްޓަކައި އެވެ. އޭނާ އެންމެ ފުރަތަމަ ކޮންސިއުލޭޓަށް ދިޔައީ މިދިޔަ މަހުގެ 28ގަ އެވެ. ނަމަވެސް ކޮންސިއުލޭޓުން ވަނީ އެލިޔެކިޔުންތައް ލިބޭނީ އޭގެ ހަފްތާއެއް ފަހުން ކަމަށް ބުނެފަ އެވެ.

އެހެންކަމުން ޚަޝޮގްޖީ ދެވަނަ ފަހަރަށް، މިމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ އެވެ. ޚަޝޮގްޖީއާ އެކު ކޮންސިއުލޭޓަށް ދިޔުމަށް ފަހު ބޭރުގައި މަޑުކުރި އޭނާގެ ލޯބިވެރިޔާ ވަނީ، ޚަޝޮގްޖީ އޭގެ ފަހުން ކޮންސިއުލޭޓުން ނުނިކުންނަ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް