ޝެފުންގެ ދުވަސް ފާހަގަކުރުމަށް ޝެފުންގެ ޖަމިއްޔާއިން ހާއްސަ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަހަރުވެސް ދުނިޔޭގެ ޝެފުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ޝެފުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ. އެ ހަރަކާތުގައި ރާއްޖޭގެ ގިނަ ޝެފުންތަކެއް ވަނީ ބައިވެރިވެފައެވެ.

މިއީ މި ހަރަކާތް މިގޮތަށް ރާއްޖޭގައި ބޭއްވުނު ހަތަރު ވަނަ އަހަރެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ކުރިޔަށް ގެންދިޔަ އެ ހަރާކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އެ ޖަމިއްޔާގެ ނައިބު ރައީސް އިސްހާގް ސޯލިހް "ސަން"އަށް ވާހަކަ ދައްކަމުން ވިދާޅުވީ، މިއީ ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެއް ކަމަށާއި މިއަދު ބޭއްވުނު އިވެންޓުގައިވެސް ކުޑަ ކުދިންނަށް ކާނާއަކީ ކިހާ މުހިންމު އެއްޗެއްކަން އަންގައިދީ ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވިގެން ދިޔަ ކަމަށެވެ.

އޭގެ އިތުރަށް އޭނާ ވިދާޅުވީ، "ވޯލްޑް ޝެފްސް އެސޯސިއޭޝަން"ގެ މެންބަރަށް އެ ޖަމިއްޔާ ވީ ފަހުން ރާއްޖޭގެ ޝެފުން ރިޕްރެޒެންޓުކުރުމުގެ ގޮތުން އެކިއެކި ކަންކަން ކުރަމުން އަންނަ ކަމަށާއި ވަކި ގޮތަކަށް ކާ އެއްޗެހި ބައްޓަން ކުރުމުގައި ޝެފުންގެ ދައުރު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަބަދުވެސް ފުޑްއަކީ ވަރަށް މުހިންމު އެއްޗެއް، އެކަމަކު ރަނގަޅު ބެލެންސްޑް ޑަޔަޓެއް މި ބައްޓަން ކުރެވެނީ އަސްލު ޝެފުން މެދުވެރިވެގެން، ތިން ވަރަކަށް މީލް އަބަދުވެސް އިންސާނުން ކޮންމެ ދުވަހަކުވެސް ނަގާނެ، ސިއްހަތަށް ފައިދާ ހުރި މީލްތައް ތައްޔާރުކުރާ ގޮތް ޝެފުން މެދުވެރިކޮށް އެބަ އިނގޭ،" އިސްހާގް ވިދާޅުވިއެވެ.

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޝެފުން ދެވަނަ ލެވެލްއަކަށް ގެނައުމަށް އަބަދުވެސް މަަސައްކަތް ކުރާ ކަމަށާއި ޝެފުންނަކީ ޓުއަރިޒަމް ދާއިރާގައިވެސް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ދާއިރާއަކަށް ވުމުން ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހި ޝެފުން ފެނިގެންދިޔުމަށް އުންމީދު ކުރާ ކަމަށެވެ.

"މީގެ ކުރިން ޝެފުންނަށް އެހާ ބޮޑު އަހަންމިޔަތެއް ދެވިފައެއް ނުވޭ، އެކަމު އުފާކުރަން ރާއްޖޭގައިވެސް ވަރަށް މޮޅު އަދި ތައުލީމީ ޝެފުންތަކެއް މިހާރު ތިިބީމަ،" އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ.

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އިސްހާގު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އެހެން ޖަމިއްޔާތަކަށް ދޭ އަހަންމިއްޔަތުކަން ޝެފްސް ގިލްޑަށް ނުލިބޭކަމަށާއި، ކުރިއާށް އޮތްތަނުގައި އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައިވެސް ތަމްރީނު ޕްރޮގްރާމްތައް ބާއްވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތްތާގައި ޝެފުންގެ ދުވަސް ރާއްޖޭގައި ކުލަގޮތަކަށް ފާހަގަކުރާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް