ފިތުނައިގެ އަސްލަކަށް މިސްކިތްތަކުގެ އިމާމުން ވެގެން ނުވާނެ: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިތުނައިގެ އަސްލަަކަށް މިސްކިތްތަކުގެ އިމާމުންވެގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އިމާމުންނާއި ހާތިމުން ތަމްރީންކުރުމުގެ މަހާސިންތާ ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ، ބައެއް އިމާމުންގެެ ފަރާތުން ފެންނަމުންދާ ނޭދެވޭ ކަންތައްތަކުގެެ ސަބަބުން މިސްކިތްތަކަށް ވަންނަ މީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ.

"ދާދި މިދާކަށް ދުވަހު ރާއްޖޭގެ ރަށެއްގައި އަޅުގަނޑުމެން ހުރިހާ އެންމެންނަށް އެނގޭނެ އަސުރު ނަމާދު ކުރާ ވަގުތު. ފުލުހުން މެދުވެރިކޮށް އަސުރުނަމާދު ހަވީރު 05:30 ގައި ކުރަންޖެހުމަކީ ހިތާމަހުރި ކަމެއް. ސަބަބަކީ ކޮބާ މިސްކިތުގެ އިމާމު؟ މިއީ ބޮޑެތި މައްސަލަ، މިހުންނަނީ. މި ދަރަޖައަށް ދީނީ ހުކުމްތަކުގެ އަޅުގަނޑުމެންގެ އިމާމުންގެ ވިސްނުމަށް ދާކަމަށްވަންޏާ މިއީ ބޮޑެތި މައްސަލަ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

އެފަދަ އިމާމުންނަކީ، އިމާމުކަމުގެ ކުފޫ ހަމަވާ މީހުންނޫން ކަމަށް ޑރ. ޒިޔާދު ވިދާޅުވި އެވެ. އަދި ދީނީ ކުދިކުދި މައްސަލަތައް ބޮޑެތި މައްސަލަތަކަށް ހަދައި، މިސްކިތްތަކުގެ އިމާމުންނާއި މިސްކިތްތަކަށް ދާ މީހުންނާ ތަޅާފޮޅާ ހިސާބަށް ގޮސް، ގައުމީ ދިފާއި ބާރު އެ ދެމެދަށް ވަންނަން ޖެހުމަކީ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރު އެ އިޝާރާތް ކުރައްވަނީ ކޮން މައްސަލަ އަކަށް ކަމެއް ސާފެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ، އިމާމުންގެ މަސައްކަތަކަށް ވާންޖެހޭނީ މުޖުތަމައުން ފިތުނަ ނައްތާލުން ކަމަށާއި އަދި ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެން ނުވާނެކަމަށެވެ.

"ތިބޭފުޅުން ތިއަދާކުރައްވަނީ ރަސޫލާގެ މަސައްކަތް ފުޅު. ތިބޭފުޅުން ތިއަދާކުރައްވަނީ އެކަލޭގެފާނުގެ ރިސާލަތު. އެކަލޭގެފާނު އުއްމަތަށް ދެއްވި މެސެޖު. ނަބީބޭކަލުންގެ މަސައްކަތް ޕުޅު. އެއިން އެއްވެސް ބޭކަލެއް ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ 25 ބޭފުޅުންގެ ތެރެއިން ހުރިހާ ބޭފުޅުން ވެސް ސިޔަރަތު ދިރާސްކޮށްލައްވާ. އެއިން އެއްވެސް ބޭފުޅަކީ ފިތުނައަށް ޖާގަ ދެއްވި ބޭފުޅެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިސްކިތްތަކުގައި ހުޅުޖަހާ ހިސާބަށް ބައެއް ހާލަތްތަކުގައި މައްސަލަތައް ދާ ކަމަށާއި، ނަމަވެސް ރާއްޖޭގައި އެކަން ފެންނަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ދަރަޖައަށް ކަންތައްތައް ދަނީ، ދީނީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިސްކިތްތަކުގެ އިމާމުންނާއި، އެ މިސްކިތްތަކަށް ދާ މީހުންނާ ނުގުޅުމުގެ ސަބަބުން ކަމަށް ޑރ. ޒިޔާދު ވިދާޅުވި އެވެ.

comment ކޮމެންޓް