މާބައިދޫގައި އީދުގެ ކުޅިވަރުތައް ފެށީ ފޯރިގަދަ މާލި ޕެރޭޑަކާއެކު!

ރޭގެ މާލި ޕެރޭޑުގެ ތެރެއިން: އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި-- ފޮޓޯ: އިކްރާމް މުހައްމަދު

(ލ. މާބައިދޫއިން):

އަޟްހާ އީދުގެ ކުޅިވަރުތައް ބޭއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުވަމުން ދާއިރު، މިފަހަރު އެންމެ ބޮޑު ތައްޔާރީތަކެއް ވަމުންދާ އެއް ރަށަކީ ލ. މާބައިދޫއެވެ. މާބައިދޫގެ ކައުންސިލާއި ރައްޔިތުން ގުޅިގެން އީދަށް ގިނަ ގުނަ ހަރަކާތްތަކެއް ރާވާފައިވާ އިރު، ރޭ އެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތް ވަނީ ފަށާފައެވެ. އެއީ މާލި އެރުވުމުގެ ކުޅުވަރެވެ.

ރޭ މާބައިދޫގައި ބޭއްވި މާލި އެރުވުމުގެ ހަރަކާތް ފެށީ އެ ރަށުގެ ބަނދަރު ކައިރީގައި އޮންނަ ސްޓޭޖު ސަރަހައްދުގައެވެ. ފޯރިގަދަ ބޮޑުބެރު ލަވަތަކާއެކު އެ މާލި ޕެރޭޑު ވަނީ ރަށުގެ މައި މަގުތަކުގައި ހިނގާފައެވެ.

ރޭގެ މާލި ޕެރޭޑުގެ ތެރެއިން: އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި-- ފޮޓޯ: އިކްރާމް މުހައްމަދު

މާލި ކުޅިވަރަކީ އެ ކުޅިވަރެއްގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވާ ކުޅިވަރެކެވެ. މާބައިދޫއިން ވެސް ފެނިގެން ދިޔައީ، މާލި އެރުވި ވަގުތައި ރަށުގެ ރައްޔިތުން މަގުތަކަށް ނުކުމެ އެކަމަށް ހުސްވެގެން ތިބި މަންޒަރެވެ. ބައެއް މީހުން ދިޔައީ މާލި ޕެރޭޑާއެކު ރަށް ވަށާ ހިނގަމުންނެވެ. އަނެއްބައި މީހުން އެ ކުޅިވަރު ބެލީ ގެތަކުގެ ދޮރުމަތީގައި އާއި ޖޯލިފަތިތަކުގައި ތިބެގެންނެވެ.

މާލި ކުޅިވަރު ކުރިއަށް ގެންދިޔަ ވަގުތު ފެނިގެން ދިޔައީ ހިތްގައިމު އުފާވެރި މަންޒަރެކެވެ. އެއްބަޔަކު ދިޔައީ ފޯރިގަަދަ ބޮޑުބެރުގެ ލަވަތައް ކިޔަމުންނެވެ. މާލިތައް ދިޔައީ އެ ލަވަތަކަށް ނަށަމުންނެވެ. އަދި ހަރަކާތް ބަލަން ގޮސް ތިބި ކުޑަކުދިން ބިރުގަންނަވައި، ސަކަަރާތް ޖަހަމުންނެވެ. އެއީ ވެސް އެ ކުޅިވަރުގެ ބައެކެވެ.

ރޭގެ މާލި ޕެރޭޑުގެ ތެރެއިން: އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި-- ފޮޓޯ: އިކްރާމް މުހައްމަދު

މާބައިދޫގައި ކުރިއަށްދާ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެގޮތުން މާލި ނެގުމުގެ ހަރަކާތުގައި މާލީގެ ގޮތުގައި ތިބީ މުޅިންހެން ދެ ޖިންސުގެ ޒުވާން ކުދިންނެވެ. ލަވަ ކިޔައި ބޮޑުބެރު ޖެހުމުގައި ކުޑަ ކުދިންވެސް ބައިވެރިވިއެވެ.

ރަށުގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުގައި، ޒަމާނަށް އަންނަ ބަދަލާއެކު މާލި ނެގުމުގެ ކުޅިވަރަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެހެން ނަމަވެސް، އޭގެ އަސްލު ގެއްލޭ ވަރަށް ބަދަލު އައިސްފައި ނުވެއެވެ.

"ކުޑަކުޑަ ތަފާތުކަމެއް މި އުޅެނީ. އެއީ ދެން ޒަމާން ތަހުޒީބުވާ ވަރަކަށް ކުޑަ ތަފާތެއް އަންނާނެ ނޫންތޯ،" "ސަން"އާ ވާހަކަ ދެއްކި މާބައިދޫގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ޖީލުތަކަށް ވެސް ކުޅިވަރު ދެމިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އެކަމުގައި ރަށުގެ ޒުވާނުން މިހާރު އިސްކޮށް ހަރަކާތްތެރިވުމެވެ.

"ކުދިވެރިން، ޅަ ކުދިން މިހާރު މުޅިންވެސް އުޅެނީ. މުސްކުޅިން ބައިތިއްބާފައި،" އޭނާ ބުންޏެވެ.

ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ވެސް މާބައިދޫގައި ދެ ޖިންސުގެ މީހުން ގުޅިގެން އެ ކުޅިވަރު ބާއްވާ ކަމަށް އޭނާ ބުންޏެވެ.

ރޭގެ މާލި ޕެރޭޑުގެ ތެރެއިން-- ފޮޓޯ: އިކްރާމް މުހައްމަދު

ރޭގެ މާލި ޕެރޭޑުގައި ފަތުގެ މާލިތައް ފެނިގެން ދިޔައެވެ. އަދި ކަފައިންނާއި ކޮތަޅު އަދި އެހެނިހެން ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މާލިތައް ފެނިގެން ދިޔައެވެ.

"މިއީ މިތާ ހުރި ފަޅު ރަށްރަށުންނާއި، ދެން މި ރަށުގައި ވެސް ހުންނާނެ ފަޅު ތަންތަން. ވިނަގަނޑުތަކުން ނޮޅާފައި މިހިރީ." މާއްޔެއްގެ ގޮތުގައި ކުޅިވަރުގައި ބައިވެރިވި ޒުވާނަކު ކިޔައިދިނެވެ.

މާބައިދޫގައި މިއަދު ހެނދުނު އީދު ނަމާދަށް ފަހު ރަށުގެ ރައްޔިތުންނަށް ހެނދުނުގެ ސައެއް ބާއްވާނެ އެވެ. އަދި އެއަށް ފަހު "ބަނޑި ކުޅުން" އޮންނާނެއެވެ.

ކުލަ ޖެހުމުގެ ކަންތައްތައް އަސުރު ނަމާދާ ހަމައަށް ކުރިއަށްދާނެއެވެ. އަދި އީދު ދުވަހު ހަވީރު، ރަށުގެ ޒުވާނުންގެ ޓީމުތައް ބައިވެރިކޮށްގެން "ވަން ޑޭޭ" ފުޓްސަލް ކަޕެއް ބާއްވާނެއެވެ.

އީދު ދުވަހުގެ އެންމެ ބޮޑު ހަރަކާތަކަށް ވެގެންދާނީ އެ ރޭ ބާއްވާ މިއުޒިކް ޝޯއެވެ. އެ ޝޯގައި ލަވަ ހުށަހަޅާނީ އެތައް ބައެއްގެ ލޯބި ހޯދާާފައިވާ މާބައިދޫގެ ބޭންޑެއް ކަމަށްވާ ބޮކި ބޭނުންޑުންނެވެ. ސްޓޭޖު ސަރަައްދުގައި އޮންނަ އެ ޝޯ ފަށާނީ އެ ރޭ 21:00 ގައެވެ.

އީދު ބަންދުގައި މި ނޫން އިތުރު ފޯރިގަދަ ކުޅިވަރުތައް މާބައިދޫގައި ކުރިއަށްދާއިރު ސަން ޓީވީއިން އެ ކުޅިވަރުތައް ލައިވްކުރާނެއެވެ.

comment ކޮމެންޓް