އެމްއޭސީއެލުގެ ޔޫތު ކޮމިއުނިޓީން އީދު ދުވަހު ހުޅުމާލޭގައި ފޯރިގަދަކޮށްލަނީ

މިފަހަކަށް އައިސް އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ ހުޅުމާލެ އެވެ. ބޮޑު އާބާދީ އެއް އޮންނަ ހުޅުމާލޭގައި ފޯރިގަދަކޮށް އީދު ފާހަގަކުރުމަށް ހަރަކާތްތައް ރާވާފައިވާ އެއްބަޔަކީ އެމްއޭސީއެލް ޔޫތު ކޮމިއުނިޓީ އެވެ.

އެމްއޭސީއެލް ޔޫތު ކޮމިއުނިޓީން އެޗްޑީސީއާ ގުޅިގެން އީދު ފާހަގަކުރުމަށް، އީދު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރަށް ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން، ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އީދު ދުވަހުގެ ހެނދުނު ނުވަޔަކުން ފެށިގެން އިރުއޮއްސި ހަޔަކަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

އެމްއޭސީއެލްގައި މަސައްކަތްކުރާ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދަން ރާވާފައިވާާ ހަރަކާތްތަކާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެމުން ޔޫތުކޮމިއުނިޓީގެ މެންބަރު އަދުހަމް ޔޫނުސް ބުނީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އީދު ހަރަކާތްތައް ފެށުމާއި ހަމައަށް އޮންނާނެ ކަމަށެވެ.

އެމްއޭސީއެލްގެ ޔޫނު ކޮމިއުނިޓީގެ ފަރާތުން އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާނެ ހަރަކާތްތައް

  • ފިޓް ޒޯންގެ ފަރާތުން ބާއްވާ ޒުމްބާ
  • ފެންކުޅި އާއި ފައިގަ ތަޅާ
  • ވޯޓާ ވޯ
  • އެރޭނެބާ؟
  • ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް
  • ފްރީ ޖެޓް ސްކީ ރައިޑްސް (ސީޑޫ) ގެ ފަރާތުން
  • ބާބެކިއު
  • ޑީޖޭ/ބޮޑުބެރު

މި ހަރަކާތްތަކުގެ ތެރެއިން ފެންކުޅި އާއި ފައިގައި ތަޅާ ކުޅުމުގައި ބައިވެރިވެވޭނީ 10 މީހުންގެ ޓީމަކަށް ކަމަށާއި، އެ މީހުންނަކީ 16 އަހަރުން މަތީގެ މީހުންނަށް ވާންޖެހޭނެ ކަމަށް އަދުހަމް ބުންޏެވެ.

އޭނާ ބުނީ އީދު ދުވަހު އޮންނަ ހަރަކާތްތަކުގައި ބައިވެރިވެވޭނީ، އެމްއޭސީއެލް ޔޫތު ކޮމިއުނިޓީ ފޭސްބުކް ޕޭޖުގައި ޝާއިއު ކޮށްފައިވާ ފޯމު ފުރުމަށްފަހު ފޭސްބުކް މެދުވެރިކޮށް އިންބޮކްސް ކުރުމުން ކަމަށެވެ.

"ވީހާވެސް ގިނަ ބޭފުޅުން މި ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން. މި ހަރަކާތް ކުރިއަށް މިގެންދެވެނީ ވަރަށް ގިނަ ބަޔެއްގެ އެހީ އާއެކު، ސްޕޮންސަރުންނާއި، ޕާޓްނަރުންނަށް އެމްއޭސީއެލް ޔޫތު ކޮމިއުނިޓީގެ ނަމުގައި ޝުކުރު އަދާކުރަން،" އަދުހަމް ބުންޏެވެ.

comment ކޮމެންޓް