ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާން ކުރީ އިއްޔެއެވެ. ޓީމު އިއުލާން ކުރުމާއެކުވެސް އެންމެން ބެލީ، އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ހިމެނުނު ތޯއެވެ.
ވާނީވެސް އެހެންތާއެވެ. އަޝްފާގަކީ ގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ގައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ރަން ޓީމުގެ ރަން ތަރިއެވެ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ދިވެހިންގެ ނަން ލިޔެލައި ދިން "ހީރޯ"އެވެ.
ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ. 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ދެން ސާފް ޗެމްޕިއަންޝިޕަށް ނުދާނެކަން އިއުލާންކޮށްފައިވާ ދަގަނޑޭ، މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ނުދާނެކަމަށް އޭރުވެސް ވަރަށް ބޮޑަށް ބެލެވުނެވެ. އޭނާ އެހެން ނިންމާފައިވެސް އޮތުމުންނެވެ.
ގައުމީ ޓީމުން އިއުލާން ކުރި 30 ކުޅުންތެރިންގެ ލިސްޓްގައި ދަގަނޑޭ ހިމެނިފައިނުވާ އިރު، ދަގަނޑޭ ބުނެފައި ވަނީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕަށް ދާން އޭނާ ތައްޔާރުވި ކަމަށެވެ. އަދި އޭނާ ސްކޮޑުގައި ހިމެނުމަށް މަސައްކަތް ކުރި ނަމަވެސް، ކޯޗުގެ އެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށްވެސް ދަގަނޑޭ އޭނާގެ މީސްމީޑިއާގައި ބުނެފައިވެއެވެ.
އުމުރުން 32 އަހަރުގެ ދަގަނޑޭގެ ކުޅުމަށް ބަލައި، ހުނަރަށް ބަލައި، އަދިވެސް ވަކި މޮޅު ކުޅުންތެެރިއަކު ނެތެވެ. ލީގު މެޗުތަކުންނާއި މި ހިނގަމުންދާ ސީޒަންގެ ރެކޯޑުން އެކަން ސާބިތުވެއެވެ. މިހާތަނަށް އޭނާ ވަނީ ސީޒަންގައި 25 ގޯލް ޖަހައިފައެވެ. ސުވާލަކީ ދަގަނޑޭއާ ނުލާ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް އެޅި ފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅުތޯއެވެ؟
ދަގަނޑޭގެ އުމުރު - ޓީމަށް ނުނެގުމުގެ އެއް ސަބަބު
ދަގަނޑޭ ޓީމުގައި ނުހިމުނު ސަބަބާ ގުޅިގެން ކޯޗު ޕީޓާ ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ދަގަނޑޭގެ މިހާރު އުމުރަކީ 32 އެކެވެ. އެހެން ނަމަވެސް އަންނަ މަހު ހަ ވަނަ ދުވަހު އޭނާއަށް 33 އަހަރު ފުރޭނެއެވެ.
"އަހަރެން އަޝްފާގާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އޭނާގެ ހުނަރާ މެދުވެސް ސުވާލެއް ނެތް. އެކަމަކު ބައެއް ފަހަރު އުމުރާއެކު ކުޅުންތެރިން ބަދަލު ކުރަން ޖެހޭނެ. މުސްތަގުބަލަށް ބެލުން ވަރަށް މުހިއްމު. އަޝްފާގާ އަހަރެން ދެފަހަރަށް ބައްދަލު ކުރިން. ސާފް ޗެމްޕިއަންޝިޕަށް އަލުން ދާން އޭނާ ނުނިންމާ. އެ ނިންމުމަކީ އެފްއޭއެމްއާއި އަހަރެން އަދި އަޝްފާގުގެވެސް ނިންމުން،" ސެގަޓް ބުންޏެވެ.
ސެގަޓް ބުނީ އޭނާ ބޭނުން ވަނީ އާޖީލެއް ބިނާ ކުރުމަށް ކަމަށާއި، ދަގަނޑޭ ގައުމީ ޓީމުން ރިޓަޔާ ކުރަން ތައްޔާރުވާ ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ މުޅިން އާ ޖީލެއް ބިނާކުރަން. އަޝްފާގު މިހާރު ހުރީ ގައުމީ ޓީމުން ރިޓަޔާ ކުރަން ތައްޔާރަށް. އޭނާއަށް ލިބޭނެ ރިޓަޔާ ކުރާނެ މެޗެއް. އޭނާއަށް ފުރިހަމަ އިހުތިރާމް ލިބެން ޖެހޭ. ފެޑަރޭޝަނުން ވަކި ދުވަހެއް ނިންމާނެ. މިއީ ފުޓުބޯޅައިގައި އާއްމު ކަމެއް. އަޝްފާގު ރިޓަޔާ ވިޔަސް، އެއީ އޭނާއަށް ފުރިހަމަ އިހްތިރާމް ކުރަން ޖެހޭ ނިންމުމެއް. އޭނާ އަކީ ރާއްޖޭގެ ފުޓުބޯޅައިގައި މުހިއްމު ނަމެއް،" ސެގަޓް ބުންޏެވެ.
މިހާރު އިއުލާން ކޮށްފައިވާ ގައުމީ ޓީމުގެ ސްކޮޑުގައި އެ އުމުރުގެ ބައެއް ކުޅުންތެރިން ތިބި ކަމަށް ބުނެ، ނޫސްވެރިން ސުވާލު ކުރުމުން ކޯޗު ބުނީ، ކުޅޭ މަގާމާއި ސްޓައިލްގެ ގޮތުން ބައެއް ކުޅުންތެރިންނަށް އެ ފުރުސަތު ދިން ކަމަށެވެ.
"ޓީމުގެ އެންމެ ދުވަސްވީ ކުޅުންތެރިއަކީ އާރިފް. އޭނާއަށް 32 އަހަރު. އޭނާ ކުޅެނީ ފޯވަޑަކަށް ނޫން. އޭނާ ކުޅޭނީ މިޑްފީލްޑަރަކަށް. ނޫނީ ޑިފެންޑަރަކަށް. ޑިފެންޑަރަކަށް ކުޅެވިދާނެ ތަންކޮޅެއް ދުވަސް ވިޔަސް. ތަޖުރިބާވެސް އެންމެ ބޭނުންވާނީ އެ މަގާމަށް ކުޅޭ ކުޅުންތެރިޔާއަށް. އާރިފް ޓީމުގައި ހުރުމުން އޭނާ ޑިފެންޑަރަކަށް ބޭނުން ކުރެވޭނެ. އަހަރެމެން ބޭނުންވޭ އިސްކޮޅުން ދިގު، ޑިފެންސިވް ކުޅުންތެރިން،" ސެގަޓް ބުންޏެވެ.
ސެގަޓް ބުނީ ގައުމީ ޓީމުގެ ފޯވަޑްލައިންގެ މުސްތަގުބަލު އުޖާލާ ކަމަށެވެ. ރިހާމް އަބްދުލްޣަނީ (ބޮބީ)ގެ އިތުރުން ނާއިޒް ހަސަން (ދާދު) އަދި އަސަދުﷲ އަބްދުﷲއާއި އަލީ ފާސިރު (ސެންޓޭ) އަށްވެސް ފޯވަޑް ލައިންގެ ހުރިހާ މަގާމަކަށް ކުޅެވޭނެ ކަމަށާއި، އެ ކުޅުންތެރިންނަށް މުސްތަގުބަލު އެބައޮތް ކަމަށް ސެގަޓް ބުންޏެވެ. ސެގަޓް ބުނީ މިހާރު ޓީމުގައި ތިބި ފޯވަޑުންނަކީ ތަފާތު މަގާމުތަކަށް ކުޅޭނެ ކުޅުންތެރިން ކަމަށާއި، އެއީ މުހިއްމު ކަމެއް ކަމަށެވެ.
އުމުރަކީ ހަމައެކަނި ސަބަބެއް ނޫން - ކޯޗުގެ އެހެން އިޝާރާތްތަކެއް
ސެގަޓް ގައުމީ ޓީމާ ހަވާލުވެ އޭނާ ފުރަތަމަވެސް ނިންމީ ވަރުގަދަ ނިންމުމެކެވެ. ސަބަބުތަކާއެކު ދަގަނޑޭ ޓީމުން ބޭރުކޮށްލުމެވެ. ނިންމުމުގެ ދިފާއުގައި ސެގަޓް ބުނި މައިގަނޑު ވާހަކައަކީ ޑިސިޕްލިންގެ ވާހަކައެވެ. ގައުމީ ޓީމަށް، ގައުމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިންގެ ވާހަކައެވެ. މިފަހަރުވެސް ދަގަނޑޭ ނުނެގުމުގައި އެ ވިސްނުން ސެގަޓް ގެންގުޅުނުކަން ދޭހަވާ ގޮތަކަށް އޭނާ ވަނީ ރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކައިފައެވެ.
"އަހަރެން ނިންމީ ކުޅުންތެރިން އަނބުރާ ނުގެނައުމަށް. ހާއްސަކޮށް އުނދަގޫ ހާލަތްތަކުގައި. މިސާލަކަށް ބަކާ، އޭނާ ބޭނުންވޭ 100 ޕަސެންޓް ކުޅެން. އޭނާ ކިބައިގައި އެބަހުރި ދަނޑުމަތީގެ އިތުރުން، ދަނޑު ބޭރުގެވެސް ޑިސިޕްލިން. އެހެންވެ އޭނާ އަނބުރާ ގެނައީ ފުރަތަމަ. އަހަރެން ބޭނުންވާ ކަންތައް ވަރަށް ސާފްކޮށް އެނގޭ. ގައުމީ ޓީމުގެ ހާލަތީ އެ ގައުމެއްގެ ފުޓުބޯޅައިގައި އެންމެ މުހިއްމު ކަންތައް. ހިތާ ރޫހުން ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިން ބޭނުވީ. ކުޅެން ފެން ބޮވައިގެންފައިވާ ކުޅުންތެރިން އެކަނި އަހަރެން ބޭނުންވަނީ. ކުޅޭނަން.... ނުކުޅޭނަން... މިހެން ކިޔާނެ ކުޅުންތެރިންތެރިން ބޭނުމެއް ނޫން،" ސެގަޓް ބުންޏެވެ.
ގައުމީ ޓީމު ނެގުމުގައި އެންމެ މުހިއްމު ކަމަކަށް ބެލީ ލީގުގެ ކުޅުމަށް ކަމަށް ސެގަޓް ބުނެފައިވާ އިރު، ލީގުގައި މޮޅަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ޖާގަ ގެއްލުނެވެ. އެކަމަށް ސެގަޓް ދިން ޖަވާބަކީ، އޭނާގެ ވިސްނުމާއި ސްޓައިލަށް ބައެއް ކުޅުންތެރިން ފިޓް ނުވުމެވެ.
"އަހަރެން ވަރަށް ކައިރިން ކުޅުންތެރިންނަށް ބަލައި، ކުޅުންތެރިންނާ މަޝްވަރާވެސް ކޮށްފަ ޓީމު ނެގީ. ޓީމާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް. ފުރަތަމަ 66 ކުޅުންތެރިންނަށް ބަލައި، ހަ ޓީމަކުން އެ ކުޅުންތެރިން ނެގީ. އުމުރުން 17-37 އަހަރުގެ ކުޅުންތެރިންނަށް ބެލީ. ކުޅުންތެރިންނަށް ހުރި ފުރުސަތުތަކަށް ބެލީ. އުހަށް ދެވެން އޮތް ކުޅުންތެރިންނަށް ވިސްނީ. ކުޅުންތެރިންގެ ހުނަރަށް ބެލީ. ކުޅުންތެރިންގެ ކެރެކްޓާއަށް ބެލީ. ޓީމު ވޯކް ހުރި ވަރަށް ބެލީ، އަދި އެންމެ މުހިއްމު ކަމަކަށް ބަލަނީ ކުޅުންތެރިން ޕްރެޝަރު ހެންޑަލް ކުރުވަން،" ޓީމު ނެގުމުގައި ބެލި ކަންތަކާ ގުޅިގެން ސެގަޓް ބުންޏެވެ.
ދަގަނޑޭ ކުޅެން ބޭނުންވެ ނުނެގުން، އެންމެ ރަނގަޅު ނިންމުންބާ؟
އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ އެއީ އޭނާގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް ކަމަށެވެ. އެހެން ނަމަވެސް މިހާރު ދަގަނޑޭ ހުރި ފޯމުގައި އޭނާ އަނެއްކާވެސް ކުޅެން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކުނެވެ.
އެފްއޭއެމްގެ އެންމެ މުހިއްމު ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕް ހޯދުން ނޫން ނަމަވެސް، ދަގަނޑޭ ޓީމާއެކު ގެންދިއުމަށް ގިނަ ސަޕޯޓަރުން ބޭނުންވާނެކަން ޔަގީނެވެ. ދަގަނޑޭ ޓީމަށް ނުނެގުމުން ކޯޗަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ އިރު، އޭނާ ކުޅެން ބޭނުންވި ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.
ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ސަމާސާވެސް ކުރާ ކަމަށާއި، ދަގަނޑޭއަކީ ވަރަށް ގަޔާވާ މީހެއް ކަމަށެވެ. އެކަމަކު އެ ވިސްނުމުގައި، ނޫނީ އެ ގާތް ކަމުގައި ދަގަނޑޭ ޓީމަށް ނުގެނެވޭނެ ކަމަށާއި، މަސައްކަތް ކުރަނީ ކުރިމަގަށް ކަމަށްވެސް ސެގަޓް ބުންޏެވެ. ސެގަޓް އިތުރަށް ބުނީ ދަގަނޑޭއަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި، މިހާރު ބިނާ ކުރާ ޓީމަކީ ބަސް އަހާ، ޑިސިޕްލިން ރަނގަޅު ޓީމަކަށް ހަދާނެ ކަމަށެވެ. އަދި ފުރިހަމައަށް ޕްރޮފެޝަނަލް ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސެގަޓް ބުންޏެވެ.
ދަގަނޑޭ ސާފް ޗެމްޕިއަންޝިޕަށް ދާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެފައިވާ އިރު، ކޯޗު ބުނީ އޭނާއާ ދަގަނޑޭ، އަދި އެފްއޭއެމްގެ އިސްވެރިން އެއް މޭޒެއްގައި ތިބެ އެކަމަށް މަޝްވަރާ ކުރި ކަމަށެވެ. އަދި ދަގަނޑޭ ސާފް ޗެމްޕިއަންޝިޕަށް ދާނެ ކަމަށް އޭނާ ނުނިންމާ ކަމަށްވެސް ސެގަޓް ބުންޏެވެ.
ދަގަނޑޭ ސާފް ޗެމްޕިއަންޝިޕަށް ނުދިއުމަށް ސީދާ ނިންމިކަން ކޯޗު ނުބުނެއެވެ. ސެގަޓް ބުނީ އޭނާއާއި ދަގަނޑޭ ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަ، އިހުތިރާމަށްޓަކައި ސިއްރުކުރާ ކަމަށެވެ. ދަގަނޑޭ ކުޅެން ބޭނުންވެ، އޭނާ ކުރިން ނިންމި ނިންމުން އަނބުރާ ނުގެންދާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވެސް ވިދާޅުވިއެވެ.
"ކޯޗު ބައްދަލު ކުރި ދަގަނޑޭއާ. އަޅުގަނޑުވެސް އިނިން އެ މީޓިންގައި. އޭނާ ނުބުނޭ ކުޅޭނެ ވާހަކައެއް. އަޅުގަނޑުމެން މީޓިންއެއް ރޭވިން. އަޝްފާގު ކުރިން ނުކުޅެން ނިންމާފަ އޮތީ. ފަހުން ކުޅެން ނުނިންމާ،" ޖަވާ ވިދާޅުވިއެވެ.
ލީގުގައި ދަގަނޑޭ ހުރީ ވަރުގަދަ ފޯމެއްގައެވެ. އޭނާ ކުޅެން ބޭނުން ނަމަ، ގައުމީ ޓީމާއެކު އަބަދުވެސް އޭނާ ގެންދަންވާނެ ކަމަށް ދިވެހި ގިނަ ސަޕޯޓަރުން ދެކެއެވެ. ދަގަނޑޭއަކީ ރާއްޖޭގައި އަދިވެސް ދެވަނައެއް ނެތް މޮޅު، ހުނަރުވެރި ކުޅުންތެރިއެކެވެ. ދަގަނޑޭއަކީ ހަމައެކަނި ކުޅުންތެރިއެއްވެސް ނޫނެވެ. އޭނާ އަކީ ދިވެހި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ.
ގައުމީ ޓީމުގެ، ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލަށް ކޯޗު ސެގަޓް ބޮޑެތި ނިންމުންތަކެއް ނިންމަމުންދާ އިރު، އޭނާއަށް ފާޑުވެސް ކިޔައެވެ. ސަނާވެސް ކިޔައެވެ. ކޮންމެއަކަސް ކޯޗު އޭނާ ގައުމީ ޓީމާ ހަވާލުވެ ފުރަތަމަވެސް ބުނީ ދަގަނޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް އަޅާ ބިންގަލުގެ ފުރަތަމަ ހަރުފަތް ކަމަށެވެ. ސެގަޓް އޭނާ ބޭނުން ވަނީ ހަމައެކަނި ކުޅުންތެރިއެއްގެ ގޮތުގައި ނޫން ކަމަށާއި، ޓީމު ލީޑު ކުރާނެ މީހެއްގެ ގޮތުގައި ކަމަށް ސެގަޓް ބުންޏެވެ.
ދަގަނޑޭ ސާފް ޗެމްޕިއަންޝިޕަށް ދިއުމަށް ބޭނުންވެ ހުއްޓާ އޭނާ ސްކޮޑަށް ނުނެގުމަކީ ގިނަ ސަޕޯޓަރުން އެކަމަށް ސުވާލެ އުފައްދާނެ ކަމެކެވެ. އެއީ ފުޓުބޯޅަ އާއިލާގެ އިތުރުން، މުޅި ދިވެހި ގައުމުވެސް އެކަމަށް ސުވާލު ކުރާނެ ކަމެކެވެ. ކޯޗުގެ ޖަވާބު އޭނާ ދީފިއެވެ.
ގައުމީ ޓީމުގެ މުސްތަގުބަލު އޮތީ، ދަގަނޑޭއާ ނުލާތޯ ނޫނީ އޭނާވެސް ހިމެނިގެންތޯ؟ މިއީ ދިވެހިންގެ ތެރޭގައި އޮތް ސުވާލެވެ.