ވިކްޓަރީ ބަލިކޮށް، އީގަލްސްއަށް މުހިއްމު މޮޅެއް

ވިކްޓަރީއާއި ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސްއިން މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އީގަލްސްއިން މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅެފައިވާ ތިން މެޗުން އެޓީމަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެޓީމަށް ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، އެ ދެ ޕޮއިންޓް އީގަލްސްއިން ހޯދައިފައި ވަނީ ނިއު ރޭޑިންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅެގެންނެވެ. މިހާތަނަށް ލީގުގައި އީގަލްސް ބަލިވެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ވިކްޓަރީއާއި ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

މެޗުން މޮޅުވުމުން އީގަލްސްއަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓާއެކު ވިކްޓަރީ ފަސްވަނައިގައި އޮތީ އީގަލްސްއަށްވުރެ ޖެހި ގޯލް މަދުވުމުންނެވެ.

މިރޭގެ މެޗަށް އީގަލްސްއިން ނުކުމެފައި ވަނީ ޓީމުގެ ޓޮޕް ފޯވަޑް، ބްރެޒިލްގެ ލުއިޒް އެޑުއާޑޯއާ ނުލައެވެ. އޭނާ ހުރީ ސަސްޕެންޝަނުގައެވެ. އޭނާ ނެތުމުން އީގަލްސްގެ ފޯވަޑް ލައިނުން މިރޭ ފެނިފައި ވަނީ މުހައްމަދު ނާއިމްގެ އިތުރުން އަހުމަދު ރިޒުވާން އަދި އިބްރާހީމް ރާއިފް (ހަންނަ) އެވެ.

މެޗުގެ ކުރީކޮޅުގައި އީގަލްސްއިން ވަނީ ގިނަ ޕާސްތަކެއް ޖަހައިގެން ވިކްޓަރީގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތް ކޮށްފައެވެ. އެގޮތުން ނާއިމްއަށް ލިބުނު ފުރުސަތާއި ހަންނައަށް ލިބުނު ފުރުސަތުގައިވެސް އެ ދެކުޅުންތެރިންނަށްވެސް ރަނގަޅަށް ބޯޅައިގައި ޖެއްސޭ ގޮތެއް ނުވިއެވެ.

ވިކްޓަރީއާއި ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

މޮޅަށް ކުޅެމުންދިޔަ އީގަލްސްއިން 19 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އޭރިއާ ތެރޭގައި ހުރި ނާއިމްއަށް ހަންނަ ދިން ބޯޅަ އޭނާ ހުސްކޮށް އަރާ ފޮނުވާލި ނަމަވެސް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ ދިފާއުކޮށްފައެވެ. އެހެން ނަމަވެސް ރީބައުންސް ބޯޅަ ރިޒޭ ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ވިކްޓަރީއަށް ފަހި ފުރުސަތެއް ލިބިފައިވާ އިރު، އަހުމަދު ރަޝީދު (އައްމަޑޭ)އަށް ލިބުނު ފުރުސަތުގައި އޭނާ ކުރިއަށް ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ހުސައިން ސިފާއުއެވެ. އޭގެ މިނެޓެއް ފަހުން އީގަލްސްއިން ލީޑު ފުޅާކުރިއެވެ.

އަމިއްލަ ހާފް ތެރެއިން އީގަލްސްގެ ޑެނިއަލް ޑިކްސަން ބޯޅައާއެކު ކުރިއަށް ޖެހި، ވިކްޓަރީގެ ކަނާތް ފަޅިން އޭރިއާ ތެރެއަށް ވަނީ ފަސޭހަކަމާއެކު ދެ ޑިފެންޑަރުން ނައްޓާލުމަށްފަހުގައެވެ. ގޯލްގެ ކުޑަކަނުން އޭނާ ބޯޅަ ގޯލް ތެރެއަށް ވައްދާލީ ބާރު ހަމަލާއަކާއެކު ވިކްޓަރީ ގޯލްކީޕަރުގެ އަތުގައިވެސް ބޯޅަ ޖައްސާފައެވެ.

ފުރަތަމަ ހާފްގައި އީގަލްސްގެ މިޑްފީލްޑު ތެރެއިން އަދި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ރީތި ކޮންބިނޭޝަން ފުޓުބޯޅައެއް ފެނިފައިވާ އިރު، އެޓީމު މަޑު ޖެހިލީ 31 ވަނަ މިނެޓުގައި ވިކްޓާރީ ނަތީޖާގެ ފަރަގު ކުޑަކުރުމުންނެވެ. ވިކްޓަރީގެ މިޑްފީލްޑު ތެރެއިން ކުރިއަށް ދިން ބޯޅަ، އީގަލްސްގެ ޑިފެންޑަރު ބޮލިގައި ޖެހިފައި އަމިއްލަ އޭރިއާ ތެރެއަށް ދިޔަ އިރު، އެ ބޯޅަ ހިއްގައިމު ކަމާއެކު ނިންމާލީ އައްމަޑޭއެވެ. އައްމަޑޭ އެ ބޯޅަ ނިންމާލީ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ބޯމަތިން ބޯޅަ ގޯލަށް އޮއްސާލައިގެންނެވެ.

ހާފް ނިމެންދަނިކޮށްވެސް އައްމަޑޭއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، ހުސްކޮށް އޮވެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ. އޭގެ މިނެޓެއް ފަހުން އަނެއްކާވެސް އީގަލްސްއަށް ފުރުސަތެއް ލިބުނެވެ. އީގަލްސްއަށް ލިބުނު ފުރުސަތުގައި ރިޒޭ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅާ ދިފާއުކުރީ ގޯލްކީޕަރު އިމްރާނެވެ.

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ވިކްޓަރީންނެވެ. އެހެން ނަމަވެސް ހާފްގެ ކުރީކޮޅުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލައެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 70 މިނެޓުގައި ވިކްޓަރީން ފުރުސަތެއް ތަނަވަސް ކުރިއެވެ. އީގަލްސްގެ އޭރިއާ ބޭރުން ހުސައިން ނިހާން (ނިހާޓު) ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވިކްޓަރީއާއި ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ފޮޓޯ/ އެފްއޭއެމް

ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން ގޮސް، އީގަލްސްއިން އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. މެޗުގެ 75 ވަނަ މިނެޓުގައި އީގަލްސްއަށް ތިންވަނަ ގޯލް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ރިޒޭއެވެ.

މެޗުގެ ފަހު ކޮޅުގައި އިތުރު ހަމަލާތަކެއް ފެނިފައި ނުވާ އިރު، އީގަލްސްއިން ވަނީ ލީޑު ދަމަހައްޓާފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން ފަށާނީ މެދު ކެނޑުމަކަށް ފަހުގައެވެ. ޖުލައި 26ގެ ބަންދަށް ލީގު މެދު ކަނޑާލުމަށްފަހު ދެން މެޗުތައް ފަށާނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.

ލީގުގެ ފަސް ވަނަ ހަފްތާގެ މެޗުތައް:

29 ޖުލައި 2018

16:00 ތ. ތިމަރަަފުށި - ފ. ނިލަންދޫ

21:00 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ވިކްޓަރީ ސްޕޯޓްސް ކްލަބު

30 ޖުލައި 2018

16:00 ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު

21:00 ށ. ފޯކައިދޫ - ބ. ފެހެންދޫ

31 ޖުލައި 2018

21:00 ކްލަބު އީގަލްސް - ކްލަބު ގްރީން ސްޓްރީޓްސް

comment ކޮމެންޓް