ޓެކްނިކަލް ޑިރެކްޓަރު ވަންލީ މަގާމު ދޫކޮށްލައިފި

ތުރުކީވިލާތުގެ ޖޭން ވަންލީ--ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ޖޭން ވަންލީ ދޫކޮށްލައިފި އެވެ.

ތުރުކީވިލާތުގެ ވަންލީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގަ އެވެ. ވަންލީ އޭނާގެ މަގާމު ދޫކޮށްލާފައިވާކަން އެފްއޭއެމް އިން "ސަން ސްޕޯޓްސް"އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ ވަންލީ މަގާމު ދޫކޮށްލާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ވިސްނުމަކުން ކުރިއަށް ދިއުމަށް އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ވަންލީ ހޭދަކުރި ދުވަސްވަރުގައި އޭނާގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް ކުރިމަގަށް ޕްލޭންތަކެއް ހެދުމަށް ވަންލީ މަސައްކަތް ކޮށްފައިވާ އިރު، އޭނާގެ ބެލުމުގެ ދަށުން ކޯޗުން ތަމްރީނު ކުރުމުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ހިންގާފައިވާކަން ވެސް ފާހަގަކޮށްލެވުނެވެ.

ވަންލީއަކީ މީގެކުރިން ވެސް ރާއްޖޭގެ ފުޓުބޯޅާގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އެގޮތުން ވަންލީ ވަނީ ވީބީގެ ކޯޗުކަމުގެ މަގާމުގައި 2010 އިން 2012 އަށް މަސައްކަތް ކޮށްފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ކްލަބަށް ބޮޑެތި ކާމިޔާބުތަކެއް ހޯދައިދީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރަކަށް އެ ޓީމު ހަދައިފަ އެވެ.

ރާއްޖޭގައި ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ވަންލީ މަސައްކަތް ކުރި ނަމަވެސް އޭނާ އަކީ ފުޓްބޯޅައިގެ ޓެކްނިކަލް ދާއިރާގެ ހާއްސަ މީހެކެވެ. ދެހާސް ދެ ވަނަ އަހަރުގެ ވޯލްޑްކަޕާއި 2003 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕުގައި އޭނާ މަސައްކަތް ކުރީ ތުރުކީ ޓީމުގެ އެނަލިސްޓެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް