ނިޒާމްބެގެ ގޯލާއެކު ފެހެންދޫން ތިމަރަފުށި ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ފެހެންދުއާއި ތިމަރަފުށި މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރި ފެހެންދޫ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ގޯލާއެކު ބ. ފެހެންދޫން، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފެހެންދޫން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. ހާއްސަކޮށް ދަނޑުގައި ފެހެންދޫގެ ސަޕޯޓަރުންގެ އަޑު ބާރުކަން ފާހަގަކޮށްލެވުނެވެ. މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ދެޓީމު ވާދަކޮށްފައިވާ އިރު، ފެނުނީ ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ގިނަ ހަމަލާތަކެއް ފެނިފައި ނުވި ނަމަވެސް ހާފް ނިމެން ދިޔަ އިރު، ދެޓީމުންވެސް ވަނީ އެޓޭކް ކުރަން މަސައްކަތް ކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ތިމަރަފުށީގެ ކުރިއަށް ކުޅެމުންދިޔަ އަބްދުﷲ ޒިޔާންއަށް ފަހި ފުރުސަތެއް ލިބުނު އިރު، އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ކުރިއަށް ޖެހި ދިފާއުކުރީ ފެހެންދޫގެ ގޯލްކީޕަރު އިބްރާހީމް ޒަޔާނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ފެހެންދުއާއި ތިމަރަފުށި މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރި ފެހެންދޫ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ ހަތަރު މިނެޓް ފަހުން ފެހެންދޫން ލީޑު ނެގިއެވެ. ތިމަރަފުށީ އޭރިއާ ތެރެއިން ނިޒާމްބެ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ މަތީ ދާގަނޑަށެވެ. އޭނާގެ ރީތި ނިންމާލުމަށް ތިމަރަފުށީގެ ގޯލް ބަލަހައްޓަމުން ދިޔަ އަޑެޓެންޖީ ލޯރެންސަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތެވެ.

ނިޒާމްބެއަކީ ކުރިން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. މި ސީޒަންގެ މާލޭ ލީގުގައި ނިޒާމްބެ މާޒިޔާއަށް ކުޅުނު ނަމަވެސް އޭނާ ޕްރިމިއާ ލީގުގައި ކުޅެމުންދަނީ އުފަން ރަށް، ފެހެންދުއަށެވެ.

މެޗުގައި ލީޑު ނެގުމަށްފަހު ފެހެންދޫން އިތުރު ހިތްވަރަކާއެކު ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ފެހެންދޫގެ ކަނާތްފަޅިން ކުރިއަށް ކުޅެމުންދިޔަ ހުސައިން ޝިފާޒްގެ ބާރު ދުވެލި ދެފަހަރެއްގެ މަތިން ފެނިގެން ގޮސްފައިވާ އިރު، އޭރިއާ ތެރެއަށް ބޯޅައާއެކު ވަނުމުގެ ކުރިން ދެ ފަހަރުވެސް އޭނާއަށް ހުރަސް އެޅީ ތިމަރަފުށީގެ ޑިފެންސުންނެވެ.

ދެވަނަ ހާފަށް ނުކުމެ ތިމަރަފުށިން ވަރުގަދަ ކުރިއެވެ. ހާއްސަކޮށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހުގެން ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ފަހަތުން ދިގު ބޯޅަތަކެއް ކުރިއަށް ޖެހިތަން ފެނިގެންދިޔަ އިރު، 60 ވަނަ މިނެޓުގައި އަލީ އިލްމާލް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތީ ކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓް ފަހުން އަހުމަދު ހައިލަމް ނަގައިދިން ބޯޅައިން އެޕްސަން ކޮއުސާއަށް ލިބުނު ބޯޅަ އޭނާ ބޮލުން ޖެއްސި ނަމަވެސް، އޭނާއަށް ބޯޅަ ގޯލާ އަމާޒުކޮށް ނުލެވުނެވެ.

އޭގެފަހުންވެސް ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ ތިމަރަފުއްޓުންނެވެ. އެޓީމަށް ވަނީ ރަނގަޅު ފުރުސަތުތަކެއްވެސް ލިބިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފުރުސަތެއް ލިބުނީ މެޗުގެ 84 ވަނަ މިނެޓުގައެވެ. އިލްމާލްއަށް އޭރިއާ ތެރެއިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލުމަށް ލިބުނު ފުރުސަތުގައި އޭނާ ތިރިތިރިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފްގައި ފެހެންދޫން ބޮޑަށް ޑިފެންސަށް ސަމާލުކަން ދީގެން ކުޅުނު އިރު، އެޓީމުން އެޓޭކް ކުރީ ލިބުނު ކައުންޓާ އެޓޭކް ފުރުސަތުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް މާޖިދަށް ލިބުނު ފުރުސަތުގެ އިތުރުން ހުސައިން ޝިފާޒަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.

މެޗުގެ ދެވަނަ ހާފްގައި ތިމަރަފުށިން ފެހެންދޫގެ ޑިފެންސަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައިވާ އިރު، މެޗު ނިމެންދެންވެސް ފެހެންދޫއިން ވަރުގަދައަށް ޑިފެންސް ކުރިކަން ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ކުޅުމުގައިވެސް ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ފެހެންދޫގެ އަހުމަދު ނާޒިމަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، އަނެއްކޮޅުން ތިމަރަފުށީގެ ކެޕްޓަން އަމީން ޝާހް ދުރުން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ފެހެންދޫގެ ގޯލް ކީޕަރު ޒަޔާނެވެ.

މެޗުގެ ފަހު މިނެޓްގައިވެސް ތިމަރަފުއްޓަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ފެހެންދޫ ކީޕަރު ޒަޔާންގެ އަތު ތެރެއިން ކައްސާލައިގެން ދިޔަ ބޯޅައެއް އެޕްސަންއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލުމުގެ ކުރިން ފެހެންދޫގެ ޑިފެންސުން ވަނީ އެ ހަމަލާ މަތަކޮށް ސާފުކޮށްލާފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ފެހެންދުއާއި ތިމަރަފުށި މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރި ފެހެންދޫ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭގެ މެޗުން ފެހެންދޫން ހޯދި މޮޅަކީ މިހާތަނަށް އެޓީމުން ދިވެހި ޕްރިމިއާ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ކުޅުނު ހަތަރު މެޗުން ފެހެންދުއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ތިމަރަފުއްޓަށް ހަތަރު މެޗުން ލިބެނީ އެއް ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު 4:00ގައި އޮންނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާ އިރު، މާދަމާ ރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. ފޯކައިދުއެވެ.

comment ކޮމެންޓް