ދިރާގު ޔޫތު ލީގުގެ ފުރަތަމަ މެޗު މާޒިޔާއަށް

މާޒިޔާއާއި އީގަލްސް އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް އިން އިންތިޒާމް ކޮށްގެން ބާއްވާ ދިރާގު 13 އަހަރުން ދަށުގެ ޔޫތު ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު އީގަލްސް ބަލިކޮށްފި އެވެ.

މާފަންނު މިނީ ދަނޑުގައި އިއްޔެ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 6-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި މާޒިޔާއިން ދެ ގޯލްޖެހި އެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އަބްދުﷲ ރިފާހް މާޒިޔާއަށް ގޯލް ހުޅުވާލަ ދިން އިރު، އޭގެ ދެ މިނެޓްފަހުން އަހުމަދު ނާދިން ނަސްރަތު ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފަ އެވެ.

މާޒިޔާގެ ދެވަނަ ގޯލަށް މިނެޓެއް ވެސް ނުވަނީސް އަހުމަދު ރާއިފް ނަސީމްގެ ގޯލުން އީގަލްސްއަށް އުންމީދު ގެނުވި އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާއިން އިތުރު ދެ ގޯލް ޖެހި އެވެ. އެ ދެ ގޯލް ކާމިޔާބުކޮށްދިނީ ޔޫޝައު ބިން އަލީ ނަޝީދާއި މުހައްމަދު އިޔާން ހަސަނެވެ.

މާޒިޔާއާއި އީގަލްސް އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފް ފެށިގެން އަނެއްކާ ވެސް ރާއިފްގެ ގޯލުން އީގަލްސް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. އެހެން ނަމަވެސް ދެވަނަ ހާފްގެ ފަހު ކޮޅުގައި މުހައްމަދު އުވައިޝްއާއި އިޔާންގެ އިތުރު ގޯލަކާ އެކު މާޒިޔާއިން މެޗުގެ ނަތީޖާ 6-2އަކަށް ބަދަލުކޮށްލި އެވެ.

ނުވަ އެކަޑެމީއަކުން ބައިވެރިވާ ޔޫތު ލީގު ޝަރަފުވެރިކޮށްދެއްވީ ފީފާގެ ކޮންސަލްޓެންޓް ޗޮކޭ ނިމާ އެވެ. އޭނާއާ އެކު އެފްއޭއެމްގެ އިސްވެރިންނާއި ފުޓުބޯޅައިގެ ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެ ލައްވާފަ އެވެ.

އެކަޑެމީތަކުގެ 13 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން އެފްއޭއެމް އިން އިއްޔެ ފެށި ޔޫތު ލީގަކީ އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ކެމްޕެއިންގެ ހާއްސަ މުބާރާތެކެވެ.

މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެ އެވެ. ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އެކަޑެމީއާއި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑެމީ އެވެ.

comment ކޮމެންޓް