ދިވެހިންވެސް ވޯލްޑް ކަޕަށް: އެތައް ބަޔަކަށް ހައިރާންކަން!

ރަޝިއާގެ ކުޑަ ކުއްޖަކާއި އޭނާގެ ބައްޕަ ދިވެހި ދިދައާއެކު --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

ރަޝިއާގެ މޮސްކޯއިން:

ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕަކީ މިވަގުތު އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާ ފުޓުބޯޅައިގެ އެންމެ ބޮޑު އީދެވެ. ދިވެހިންނާ ދުރުގައި ކުޅޭ މުބާރާތެއް ނަމަވެސް ދިވެހިންނަކީ އެއްވެސް އިރެއްގައި ވޯލްޑް ކަޕާ ދުރު ބައެއް ނޫނެވެ. ހާއްސަކޮށް ވޯލްޑް ކަޕަކީ ދިވެހީންވެސް ކުލަޔާ ދަވާދުން ތައްޔާރުވާ ބޮޑު އީދެކެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިމި، ގަދަ 16ގެ ކުޅުން ފެށުމާއެކު ފޯރި ގަދަވެއްޖެއެވެ. ހާއްސަކޮށް މުބާރާތް ބާއްވާ ގައުމު ރަޝިއާއަށް އިތުރު ބަޔަކު އައިސް މުޅި ގައުމުގައި ވޯލްޑް ކަޕްގެ މަޖާގަނޑު ބޮޑުކޮށްލައިފިއެވެ. މުބާރާތަށް ރަަޝިއާ ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، ގައުމު އޮތީ ހުޅުވާލައިފައެވެ. ވަކި ނަސްލަކަށް ވަކި ހިސާބަކަށް ނިސްބަތްވާ މީހަކަށް ބެލުމެއް ނެތި މަރުހަބާ ކިޔަނީ ހިނިތުންވުމާއެކުގައެވެ.

ރަޝިއާގެ މެހެމާންދާރީއާ، ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވުމަށް ދިވެހިން، ދިގު ރާސްތާއެއް ދަތުރުކޮށް މި ގައުމަށް އަންނާނ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރަން ދައްޗެވެ. ހާއްސަކޮށް މިތަނަށް އަންނަ ވޯލްޑް ކަޕް ކުޅޭ ގައުމުތަކުގެ ސަޕޯޓަރުންނަށް އެއީ ދެ ފަހަރަކަށް ކޮށްލެވޭ ސުވާލެކެވެ. "އެހާ ދުރުން ވޯލްޑް ކަޕަށް؟" މި ސުވާލު ތަކުރާރުކޮށް އަހާލެވޭ ފަހަރު އާދެއެވެ.

ދިވެހިންގެ ތެރެއިން ދިޔަ މީހުން ދިދައާއެކު ސްޕާޓަކް ސްޓޭޑިއަމްގައި --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

ކޮކާކޯލާގެ ހާއްސަ ޕްރޮމޮޝަނުން ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަށް ރަޝިއާ ވޯލްޑް ކަޕްގެ މެޗެއް ބެލުމަށް ދިވެހިންނަށް ފުރުސަތު ދީފައިވާ އިރު، އެ ފުރުސަތާއެކު ނޫސްވެރިންވެސް ކޮކާކޯލާއިން ވަނީ ވޯލްޑް ކަޕްގެ ތަޖުރިބާއަށް ރަޝިއާއަށް ގެނެސްފައެވެ. ފާހަގަކޮށްލަން ޖެހެނީ މިއީ ހަމައެކަނި މެޗެއް ބެލުން ނޫން ކަމެވެ. ކޮކާ ކޯލާއިން ދޭ ފުރުސަތަކީ މުޅި ވޯލްޑް ކަޕްގެ ތަޖުރިބާއެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ވައްޓަފާޅިއާ ސަގާފަތުގެ ފުރިހަމަ "ރަހަ" ދިވެހިންނަށް ބަލައިލުމުގެ ފުރުސަތެވެ.

ކޮކާކޯލާގެ ފަރާތުން ރަޝިއާ ވޯލްޑް ކަޕަށް ގެނައި ފުރަތަމަ ބެޗުގައި 10 މީހުން ގެނެސްފައިވާ އިރު، ދެވަނަ ބެޗުގައި ނޫސްވެރިންނާއެކު 18 މީހެއް ގެނެސްފައިވެއެވެ. "އަތުން އެންމެ ލޯ ލާރިއެއްވެސް" ހަރަދު ނުވާނެ ފަދަ ގޮތަކަށް ދަތުރުގެ އިންތިޒާމްތައް ހަމަ ޖެހިފައިވާ އިރު، މޮސްކޯއަށް ފޭބި ހިސާބުން ދިވެހިންނަށް އާ ތަޖުރިބާތަކެއް ކުރެވެން ފެށިއެވެ.

ދިވެހިންގެ ޓީމު ސްޕާޓަކް ސްޓޭޑިއަމްއަށް ދިއުމުގެ ތެރެއިން ސަން ފޮޓޯ/ މުހައްމަދު ޝަމްޢޫން

އިންގްލެންޑާއި ކޮލަމްބިއާ ރޭ ގަދަ 16ގައި ވާދަކުރި މެޗަށް މޮސްކޯގެ ހުރިހާ ހިސާބަކުންވެސް ތައްޔާރީތައް ފެނިގެންދިޔައެވެ. ހާއްސަކޮށް މަގުތައް ފެނުނީ ރީނދޫ ކުލައިންނެވެ. "ވާމޯ ވާމޯ ކޮލަމްބިއާ" ގެ އަޑުތައް ސްޓޭޑިއަމްއާ ކައިރި ނޫން، ހޮޓަލުތަކުގައި ގުގުމާލާފައިވާ އިރު، ދިވެހިން ތިބި ހޮޓަލުގައިވެސް އެތައް ސަޕޯޓަރުންތަކެއް ތިއްބެވެ.

"ދިވެހި ރާއްޖެ، ޕެރަޑައިސް ދޯ... އެނގޭ، އެކަމަކު އަދި ނުދަން. ދާން ވަރަށް ބޭނުން. އަހަރެން ވަރަށް އުފާވެއްޖެ ކޮލަމްބިއާ މެޗު ބަލަން އެހާ ދުރުން އައިމަ..." އިއްޔެގެ މެޗުގެ ކުރިން ހޮޓަލުން ދިމާވި ކޮލަމްބިއާގެ ރައްޔިތަކު، އަހަރެމެން މިއީ ދިވެހިންނޭ ބުނުމުން އޭނާގެ އިހުސާސް ކިޔައިދިނެވެ.

ދަނޑަށް ދިއުމަށް ދިވެހިންގެ ޓީމުން ރަތް ޖާޒީގައި ތައްޔާރުވި އިރު، އެންމެވެސް އެންމެ ބޮޑަށް އިސްކަން ދިނީ ސްޕާޓަކް ސްޓޭޑިއަމްގައި ދިވެހި ދިދަ ވިހުރާލުމަށެވެ. މެޗުގެ ކުރިން ސްޓޭޑިއަމްގެ "ފޭންސް ފިއެސްޓާ" ސަރަހައްދުގައިވެސް ދިވެހިންގެ ދިދައާއެކު ހަރަކާތްތެރިވި އިރު، ގިނަ ސުވާލުތަކެއް އައެވެ.

"ކިހިނެތް ދިވެހިން ވާހަކަ ދައްކަނީ.. އިނގިރޭސިން ދޯ" ވޯލްޑް ކަޕްގެ ސްޓޭޑިއަމްތައް ކައިރީ މަގު ދައްކަން ހުރި ގައިޑަކު ސުވާލެއް ކޮށްލިއެވެ. އަބަދުވެސް ހިނިތުންވުމާއެކު ވާހަކަދައްކާ އެ ގައިޑުންގެ އެތައް ބަޔަކު ރާއްޖެއާ ގުޅޭ ސުވާލުތައް ކުރިއެވެ. ދިވެހިންގެ ވަކި ބަހެއް އޮންނަ ވާހަކަ އޭނާ ގާތު ބުނި ނަމަވެސް ގަބޫލު ނުކުރިއެވެ. ބުނީ ދިވެހިން ފަދަ ކުޑަ ގައުމަކަށް އަމިއްލަ ބަހެއް އޮންނަ ކަމަށް އޭނާއަށް ގަބޫލުނުކުރެވުނު ކަމަށެވެ. އެއް ބަޔަކަށް ރާއްޖެ ފަސޭހައިން އެނގުނު ނަމަވެސް ދިވެހި ރާއްޖެ މިއީ ކޮން ހިސާބެއްގެ ކޮން ގައުމެއްކަން ނޭނގޭ ބައެއް ގްރޫޕްތަކާވެސް ދިމާވިއެވެ. އެހެން ނަމަވެސް އެއީ މަދުންނެވެ. ރާއްޖޭގެ ރީތިކަން ނޭނގޭ ބަޔަކު މަދެވެ.

ރަޝިއާގެ ގައިޑުންނާއެކު ދިވެހީން --- ސަން ފޮޓޯ/ މުހައްމަދު ޝަމްޢޫން

ދަނޑަށް ވަދެ ލިބުނީވެސް އެންމެ ރަނގަޅު ސީޓުތަކެވެ. ހުރިހާވެސް ޝުކުރެއް ކޮކާކޯލާއަށެވެ. ގޮނޑީގައި އިށީންނުމުގެ ކުރިން ހުރިހާ އެންމެވެސް އެއް ކަމަކަށް އިސްކަން ދިނެވެ. ދިވެހިންގެ ދިދަ ދަނޑުގައި ވިހުރާލާ ދިދައާއެކު ފޮޓޯ ނަގާލުމަށެވެ. އެ ހިސާބުން ކައިރީގައި ތިބި އެތައް ބައެއްގެ ސަމާލުކަށް ދިދައަށް ހުއްޓުނުވެ. ހާއްސަކޮށް ދަނޑުގައި ކޮލަމްބިއާ ސަޕޯޓަރުން ގިނަ އިރު، އޭގެ ތެރެއިން އެތައް ބައެއް ދިދައާއެކު ފޮޓޯ ނެގިއެވެ.

އިނގިރޭސި ކުޅުންތެރިން މެޗަށްފަހު ދިވެހިން ތިބި ހިސާބުގައި --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

އޭޝިއާގެ އެތައް ބަޔަކު ވޯލްޑް ކަޕް ބެލުމަށް ރަޝިއާއަށް ދާ ނަމަވެސް ދިވެހިން ދިއުން އެ މީހުނަށް ހާއްސަވިއެވެ. މޮސްކޯގެ ރައްޔިތުންނަށްވެސް އެކަން އެގޮތެވެ. ވޮލިންޓްރީ ސާވިސްގައި މަސައްކަތް ކުރާ އެތައް ބަޔަކުވެސް ހައިރާން ކަމަކާއެކު "މޯލްޑިވްސް" ހޭ ދެ ފަހަރަކަށް އަހާލައެވެ. ދިވެހިންގެ ބަޔަކު ސީދާ ވޯލްޑް ކަޕަށް އެގައުމަށް ދިއުމަކީ އެމީހުންވެސް ހީކުރި ކަހަލަ ކަމެއް ނޫނެވެ.

މެޗުގެ ފޯރިއާއެކު ހުރިހާ ދިވެހިންވެސް ދަނޑުގައި ގުގުމަމުން ދިޔަ ހަޅޭކުގެ އަޑުގައި ޝާމިލުވެފައިވާ އިރު، ހުރިހާ އެންމެންގެ މޫނު މަތިންވެސް ފެނުނީ އުފާވެރިކަމެވެ. "މިއީ ވަރަށް އުފާވާ ވަގުތުތަކެއް.. މިވަރު ކަމެއް ލިބުނީމަ ވަރަށް އުފާވޭ،" ކޮކާކޯލާގެ ފަރާތުން ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ލިބުނު ނަސީބުވެރިއަކު ބުންޏެވެ.

ކޮކާ ކޯލާއިން ރަޝިއާއަށް ފޮނުވި 20 ދިވެހިން ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ކުޅޭ މެޗު ބަލައިލުމަށް ދަނޑަށް ވަނުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން ---

ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗު އަކަންޏެއް ނޫނެވެ. މުޅި ދަތުރަކީވެސް ބޮޑު ތަޖުރިބާއެކެވެ. އެތަކެއް ދިވެހީންގެ ހުވަފެކެވެ. ކޮކާ ކޯލާގެ ފަރާތުން ރާއްޖޭގެ ބަޔަކު ވޯލްޑް ކަޕަށް ގެނެސް ދިނުމުން، އެ ގެނެސްދޭ ދިވެހިން ތަމްސީލުކުރަނީވެސް ރާއްޖެއެވެ. ގައުމުން އެތައް ހިސާބެއް ދުރުގައި ވޯލްޑް ކަޕް ބޭއްވި ނަމަވެސް ދިވެހިން އަންނަން ތައްޔާރެވެ. ހާއްސަކޮށް ދިވެހީން އައުމަކީ އެތައް ގައުމެއްގެ ބަޔަކަށް ގަބޫލުކުރަން ދަތިވި ހަގީގަތެކެވެ.

comment ކޮމެންޓް