ނުވަ އެކަޑެމީއަކާއެކު އެފްއޭއެމް ޔޫތު ލީގު އަންނަ މަހު ފަށަނީ

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޖުމްލަ ނުވަ އެކަޑެމީއަކާއެކު އެފްއޭއެމް 13 އަހަރުން ދަށުގެ ޔޫތު ލީގު އަންނަ މަހު ހަތްވަނަ ދުވަހު ފަށާގޮތަށް ތާވަލުކޮށްފިއެވެ.

އެފްއޭއެމްއިން ފަށާ ލީގު ކުރިއަށްދާނެ ގޮތާ ގުޅިގެން އެ އިދާރާގެ އެސިސްޓެންޓް ޓެކްނިކަލް ޑައިރެކްޓަރު، އަދި މަޝްހޫރު ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ވިދާޅުވީ، މެޗުތައް ކުރިއަށްދާނީ ކޮންމެ ހުކުރު ހޮނިހިރު ދުވަހަކު ކަމަށެވެ.

"ލީގު ކުރިއަށްދާ ގޮތުން ކޮންމެ ހުކުރު ހޮނިހިރަކީ ޒުވާން ކުޅުންތެރިންނަށް މެޗު ކުޅޭ ދުވަސްތައް. މިނީ ދަނޑުގައި ކުރިއަށްދާނީ. ކުރިން ވެއްޖެއްޔާ ހަމައެކަނި އައިސް ޕްރެކްޓިސް މި ކުރަނީ. ހަމައެކަނި އިންޓަ ސްކޫލް މި ކުޅެނީ. ކުޅުންތެރިންނަށް މެޗުތަކެއް ލިބެން އެބަޖެހޭ. މި ލެވެލްއިން އެންމެ ސީނިއާ ލެވެލްއަށް ކުޅުންތެރިން ނެރުމަށް މި ލީގުން ފައިދާކުރާނެ،" ސާންތި ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ނުވަ އެކަޑެމީ:

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑެމީ
  • މޯލްޑިވްސް ސޮކާ މޭޓްސް އެކަޑެމީ
  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެކަޑެމީ
  • ކްލަބު އީގަލްސް އެކަޑެމީ
  • އާލީ ޓަޗް ފުޓުބޯލް އެކަޑެމީ
  • ހުޅުމާލޭ ސްޕޯޓްސް ސްކޫލް
  • ބީޖީ ސްޕޯޓްސް އެކަޑެމީ
  • އޭއެމް ސްޕޯޓްސް އެސޯސިއޭޝަން އެކަޑެމީ
  • އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑެމީ

އެކަޑެމީތަކަށް އަމާޒުކޮށްގެން 13 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން އެފްއޭއެމްއިން ފެށުމަށް ތައްޔާރުވަމުންދާ މުބާރާތަކީ އެ އިދާރާއިން ގެންގުޅޭ ޝިއާރު ކަމަށްވާ "ޓުވާޑްސް ފިއުޗާ"ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް