2019-20 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައިވެސް ފިނި މޫސުމުގެ ވިންޓާ ބްރޭކް ނަގާނެ ކަމަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.
ޕްރިމިއާ ލީގުގެ ވިންޓާ ބްރޭކްގެ ވާހަކަތައް މީގެ ކުރިންވެސް ދެކެވިފައި އޮތް ނަމަވެސް ޔަގީން ކަމާއެކު ޕްރިމިއާ ލީގުގެ ވިންޓާ ބްރޭކަކީ ކޮންމެ ސީޒަނެެއްގެ ފެބްރުއަރީ މަސް ކަމަށް އިނގިރޭސި އެފްއޭއިން ނިންމީ މި ދިޔަ ހަފްތާ ތެރޭގައެވެ.
ސީޒަންގެ މެދުތެރެއިން ފެބްރުއަރީ މަހުގެ ދެ ހަފްތާގެ މެޗުތައް އެއްކޮށް ނުކުޅޭނެ އިރު، ފުރަތަމަ ދެ ހަފްތާގަވެސް ކުޅޭނީ މަދު މެޗެކެވެ.
މިހާރުވެސް ސްޕެނިޝް ލީގާއި ސެރެއާ އޭ ގައިވެސް ވިންޓާ ބްރޭކް ނަގަމުންދާ އިރު، އިނގިރޭސި ލީގުގެ މެޗުތައް ތޮއްޖެހުމުގެ ޝަކުވާ ޓީމުތަކުން އުފުލަމުން ދެއެވެ. ވަކިން ހާއްސަކޮށް ޗެމްޕިއަންސް ލީގު ކުޅޭ ޓީމުތަކަށް ވަރަށް ކައިރި ކައިރިން މެޗުތައް ކުޅެން ޖެހޭތީ ގިނަ ޓީމުތަކަކުން ވަނީ ޝަކުވާ ކޮށްފައެވެ.
"އެންމެނަށްވެސް އެނގޭ އިނގިރޭސި ފުޓުބޯޅަ ކަލަންޑަރު އޮންނަނީ ތޮއް ޖެހިފަކަން. އޭގެ އުނދަގޫ ޓީމުތަކަށް ކުރިމަތިވޭ. ވިންޓާ ބްރޭކްގެ ބަދަލާއެކު ކްލަބުތަކަށާއި، މުޅި އިނގިރޭސި ފުޓުބޯޅައަށް އޭގެ ފައިދާ ކުރާނެ،" އިނގިރޭސި އެފްއޭއިން ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުން ވިންޓާ ބްރޭކް ނެގި ނަމަވެސް، އޭގެ ދަށުން އިނގިރޭސި ފުޓުބޯޅަ ލީގުގެ އެއްވެސް ލީގެއްގައި ވިންޓާ ބްރޭކް ނުނަގާނެއެވެ.