އިނގުރައިދޫ ބަނދަރުގެ 90 ޕަސެންޓް މަސައްކަތް ނިންމާލައިފި

ރ. އިނގުރައިދޫ ބަނދަރު -- ފޮޓޯ/ އެމްޓީސީސީ

ރ. އިނގުރައިދޫގައި ހަދާ ބަނދަރުގެ 90 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އިނގުރާއިދޫ ބަނދަރު ހަދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިންނެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ އަންނަ ޖުލައި މަހު ނިންމާގޮތަށެވެ.

އެ މަޝްރޫއު ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން އެމްޓީސީސީ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހެޑް ރިޓަޔާޑް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށާއި މިހާރު ކުރިއަށްދާ ގޮތަށް ނަމަ މަސައްކަތް ނިންމަން އޮތް ތާރީހަށް ނިމޭނެ ކަމަށެވެ.

ހުޝާމް ވިދާޅުވީ އެ ރަށު ފަޅުގައި ތިލަކޮށް ހުރި ސަރަހައްދުތައް ފުންކޮށް ނިންމާފައިވާ ކަމަށާއި ޖެޓީ ހެދުމުގެ މަސައްކަތުގެ 81 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަނދަރު ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތުގެ 25 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އާބާދީގައި ޖުމްލަ 1952 މީހުން އުޅޭ އިނގުރައިދޫގައި ސަރުކާރުން ހަދާ ބަނދަރަކީ ޖުމްލަ 46،848،453.85 (ސާޅީސް ހަ މިލިއަން އަށްސަތޭކަ ސާޅީސް އަށްހާސް ހަތަރު ސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ފަސް ލާރި) އެވެ.

comment ކޮމެންޓް