އަންނަ އަހަރު ވެސް ލޯފަން ކުދީންނަށް ދިރާގުން ހިލޭ ކޮންފަރެންސް ކޯލުގެ ހިދުމަތް ދޭން ނިންމައިފި

ބީވީއައިއެސްއެމް އަށް ދިރާގުން ފޯރުކޮށްދެމުންދާ ހިލޭ ކޮންފަރެންސް ކޯލު ކުރެވޭ ހިދުމަތް އަންނަ އަހަރުވެސް ދޭން ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ފޯރުކޮށްދެމުންދާ ހިލޭ ކޮންފަރެންސް ކޯލު ކުރެވޭ ހިދުމަތް އަންނަ އަހަރު ވެސް ދޭން ނިންމައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

ބީވީއައިއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ގުޑް ވިލް އެމްބެސެޑަރު މަރިޔަމް ވަހީދާ އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރެވޭ ތަފާތު ކަންތައްތަކުގެ ތެރެއިން ފޯރުކޮށްދޭ އެ ހިދުމަތަކީ 2016 ވަނަ އަހަރުން ފެށިގެން ދިރާގުން އެ ޖަމިއްޔާއަށް ދެމުންދާ ހިދުމަތެކެވެ.

ލޯފަން މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސޮލިއުޝަނެއްގެ ދަށުން ފޯރުކޮށްދޭ އެ ހިދުމަތުގެ ތެރެއިން ބީވީއައިއެސްއެމްގެ މެންބަރުންނަށް ހިލޭ ފޯން މީޓިންގެ ހިދުމަތް ފޯރުކޮށްދެވެ އެވެ.

އެގޮތުން ކުރިން އެ ޖަމިއްޔާ އިން ޖަލްސާ ބާއްވާލަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މަޝްވަރާ ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް ދިރާގުން ފޯރުކޮށްދޭ ހިދުމަތަކީ ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހައިން ބާއްވާ ލެވޭގޮތަށް ގާއިމް ކުރެވޭ ހާއްސަ ޑިޖިޓަލް ސްޕޭސް އެކެވެ.

އެ ހިދުމަތުގެ ސަބަބުން ޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭވުމަށް ފަސޭހަވުމާއި އެ ހިދުމަތް މެދުވެރިކޮށް މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރަން ފަސޭހަވެގެންދާ ކަމަށް ބީވީއައިއެސްއެމް އިން ބުނެ އެވެ.

އޭގެ އިތުރުން ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ ތަފާތު ތަމްރީން ޕްރޮގްރާމުތައް ވެސް ދިރާގުގެ އެ ހިދުމަތް މެދުވެރިކޮށް ހިންގަމުންދާ އިރު، މިހާތަނަށް އެ ހިދުމަތް ބޭނުން ކޮށްގެން ހިސާބު، ލެޓިން އަދި ޤުރުއާން ފަދަ ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

"ރާގުން ހިލޭ މިހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ރާއްޖޭގައި ލޯފަން ބޭފުޅުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި ލޯފަން ބޭފުޅުންނަށް ހިތްވަރުދީ މުޖުތަމައުުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ވީހާ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ދިރާގުން ބުނެ އެވެ.

comment ކޮމެންޓް