އިނގުރައިދު އާއި މާލޭއާ ދެމެދު ޑުރަގް ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، ހަތް މީހަކު ހައްޔަރުކޮށްފި

ފުލުހުން މީގެކުރިން ހިންގި 2 އޮޕަރޭޝަނެއްގައި އަތުލާގަނެފައިވާ މަސްތުވާތަކެތި --- ފައިލް ފޮޓޯ: ފުލުހުން

ރ. އިނގުރައިދު އާއި މާލެއާ ދެމެދު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް އަތުލައިގަނެ، ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެމީހުން އަތުލައިގަތީ ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓް އަދި ނޯތް ޑިވިޝަންގެ ފުލުހުން ގުޅިގެން އިނގުރައިދު އާއި މާލޭގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ އޮޕަރޭޝަންގައި އަތުލައިގަތް ނެޓްވޯކާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ނެޓްވޯކު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ ވެސް ފުލުހުން ވަނީ އަތުލައިގަނެފައެވެ.

އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އެކްޓިން ހެޑް ރަޖްނީ ޝުއައިބު ވިދާޅުވީ، އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ޖުމްލަ ހަ ގެ އެއް ބަލައި ފާސްކޮށް 622 ގުރާމްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއް އާލާތްތަކެއް ހޯދައިފައިވާ ކަމަށެވެ.

ފާސްކުރިގެ ތަކުގެ ތެރެއިން ނެޓްވޯކްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ، އިނގުރައިދޫ، ފަސީމާގެ، އަހުމަދު އާލިމް،26 އަތުލައިގެންފައިވަނީ ހ. ހެޕީވިލާ ގެއިންނެވެ. އެ ގެއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގަނެފައެވެ.

ޝުއައިބް ވިދާޅުވީ، ހ. ހެޕީވިލާ ގެއިން މަސްތުވާތަކެތި ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި އެއް ފިލްމު ހުސްކުރި ދަޅު އަދި މަސްތުވާތަކެތި ހޭކިފައި ހުރި އެއް ކޮތަޅު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 578 ގުރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާއަށްވުރެ ގިނަ ވާނެ ކަމަށް ޝުއައިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ނެޓްވޯކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ އާލިމް އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އަދި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝުއައިބު ވިދާޅުވި އެވެ.

އޭނާއާއެކު ހ. ހެޕީވިލާ ގެއިން އިތުރު މީހަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ. އެއީ ރ. އިނގުރައިދޫ، ޕެރިސްވިއު، މުހައްމަދު އިރުފާން، 23 އަހަރެވެ.

އޮޕަރޭޝަންގެ ދަށުން ދެވަނަ ގެ އެއްގެ ގޮތުގައި ފާސްކުރީ ގ. ޑްރީމް އޮފް ގާޑަން އެވެ. އެ ގެއިން ވަގުތީ ބަރުދަނުގައި 18 ގުރާމް ހުރި މަސްތުވާތަކެތި ހޯދައިފައިވާއިރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނަކީ ރ. އިނގުރައިދޫ، ފިނިހިޔާގެ، އިބްރާހިމް ޝަފީގު،26 އާއި ހަމަ އެގޭ އަލީ ފާތިހު،22 އެވެ.

ޝުއައިބު ވިދާޅުވީ، އެމީހުންގެ ތެރެއިން އިބްރާހިމް ޝަފީގަކީ އެ މައްސަލާގައި ހިމެނޭ އާލިމްއާ ގުޅިގެން ނެޓްވޯކް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށެވެ.

އެގޮތުން ޝަފީގަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުސް އެޅުމާއި އަދި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށް ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގެ ދަށުން ތިން ވަނަ ގެ އެއްގެ ގޮތުގައި ފާސްކުރީ މއ. ފިޔަޖަހައިގެ އެވެ. އެގެއިން ފުލުހުން ވަނީ ރ. އިނގުރައިދޫ، ޓޫ ފުރެންޑްސް، މުހައްމަދު މިސްބާހު،20 ހައްޔަރުކޮށްފަ އެވެ.

ޝުއައިބް ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ އޭނާ އަކީ ނެޓްވޯކްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ އާލިމްއާ ބައިވެރިވެގެން، މާލެ އާއި އިނގުރައިދޫގައި މަސްތުވާތަކެތި ބެހުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހާ ކަމަށެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ބަންދުކުރުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބަލައި ފާސްކުރީ ހ. އޮއިސްޓާ ގްރައުންޑް ފުލޯ ކަމަށެވެ. އެ ގެއިން މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ހުސް ޕެކެޓާއި ސެލޯފިންގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއި އެހެނިހެން އާލާތްތައް ފުލުހުން ވަނީ ހޯދައިފައެވެ.

ޝުއައިބު ވިދާޅުވީ، އެ ގެއަކީ އެކިކަހަލަ ކުށުގެ އަމަލުތައް ހިންގުމަށްޓަކައި ޑުރަގް ނެޓްވޯކްގައި ހިމެނޭ ފަރާތްތައް ބޭނުންކުރަމުންދިޔަ ތަނެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މާލެ އާއި އިނގުރައިދޫގައި ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގައި އިނގުރައިދޫން ދެ ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރީ ދެ މީހުންނެވެ.

ފުލުހުން ބުނީ، އިނގުރައިދޫން ބަލައި ފާސްކުރި ދެ ގެއިން 26 ގުރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ނެޓްވޯކާ ގުޅުންހުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން އިނގުރައިދޫން ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ އެރަށު، ކެތި، އާއިޝަތު އިލްހާމާ، 26 އަހަރު އަދި ހަމައެރަށު ކޮށާރުގެ، މުހައްމަދު ޖަޒްލާން، 24 އަހަރެވެ.

ޝުއައިބު ވިދާޅުވީ، އެ މީހުންގެ ތެރެއިން އިލްހާމާ އަކީ އެރަށަށް މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ ރައްކާކުރުމަށްފަހު ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމަށެވެ. އަދި ޖަޒްލާނަކީ ވެސް އެރަށަށް އެތެރެކުރާ މަސްތުވާތަކެތި ވިއްކުމުގައި ހަރަކާތްތެރިވާ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް އަވަހަށް އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.

comment ކޮމެންޓް