މީރާއިން ކެއާ ސޮސައިޓީއަށް 52،000 ރުފިޔާ ހަދިޔާކޮށްފި

ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް މީރާގެ މުވައްޒަފުން 52000 ރުފިޔާ ހަދިޔާކުރުން -- ފޮޓޯ/މީރާ

ކެއާ ސޮސައިޓީގެ ފަރާތުން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާއެއް ހެދުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން 52،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މީރާއިން ބުނީ އެ އެހީ ކެއާ ސޮސައިޓީއަށް ފޯރުކޮށްދިނީ މީރާގެ ސީއެސްއާރުގެ ދަށުން ކަމަށެވެ.

އެ ފައިސާ ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރު މީރާގައި ކެއާ ސޮސައިޓީގެ ކުދިންނަށް ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފްލާގައި ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއާ ސޮސައިޓީގެ ޗެއާޕާސަން ތޯހާ ސަލީމާއި ކެއާ ސޮސައިޓީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ އެ ފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އެފަދަ އިޖުތިމާއީ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ކެއާ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމްގެ ވާހަކަފުޅުގައި، ކެއާ ސޮސައިޓީއަށާއި ކެއާ ޑިވެލޮޕްމަންޓް ސެންޓަރަށް މީރާގެ މުވައްޒަފުން ދެއްވި އެހީއަކީ އެ ސެންޓަރުގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިންމު ކަމެއް ހާސިލްކުރުމަށް ދޭ ބޮޑު އެހީއެއްކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

comment ކޮމެންޓް