"ބްރެޒިލުން އަންނަނީ ނޭމާއާ ނުލާ ކުޅުމަށް ހޭނެމުން"

ބްރެޒިލްގެ ތަރި ނޭމާ --- ފޮޓޯ: ގެޓީ

ބްރެޒިލުން އަންނަނީ ޓީމުގެ ތަރި ނޭމާއާ ނުލާ ކުޅުމަށް ހޭނެމުން ކަމަށް ކޯޗު ޓިޓޭ ބުނެފި އެވެ.

ރަޝިއާގައި ޖޫން މަހު ފަށާ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބްރެޒިލަށް ދިމާވި އެންމެ ބޮޑު މާޔޫސް ކަމަކީ މިދިޔަ މަސް ތެރޭގައި ޓީމުގެ ތަރި ނޭމާއަށް އަނިޔާވުމެވެ.

އަނިޔާ އިން ރަނގަޅު ވުމަށް ޓަކައި ނޭމާ ސާޖަރީއެއް ހަދާފައިވާ އިރު، މިހާރު ކުރިއަށްދަނީ އޭނާގެ ރިކަވަރީ މަސައްކަތެވެ. ނޭމާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފައި ވަނީ ނޭމާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށެވެ.

މި ހަފްތާ ތެރޭގައި ބްރެޒިލުން ޖަރުމަނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ބްރެޒިލަށް ކާމިޔާބުކޮށްދިނީ ފޯވަޑް ގެބްރިއަލް ޖީސަސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓިޓޭ ބުނީ ޓީމުން ނޭމާ ނެތްތަން ދެއްކި ނަމަވެސް ނޭމާއާ ނުލާ ބްރިޒިލުން ވަރުގަދަ ފުޓުބޯޅައެއް ކުޅުމުން އުފާކުރާ ކަމަށެވެ.

"ޓީމުން ނޭމާ ނެތްތަން ދެއްކި. އެކަމަކު މިހާރު ނޭމާއާ ނުލާ ކުޅެން ދަސްކުރަމުން ދަނީ ބްރެޒިލުން. ހާއްސަކޮށް މެޗުގައި ފެނުނު ވަރުގަދަ ކުޅުމަށް އުފާކުރަން،" ޓިޓޭ ބުންޏެވެ.

ޓިޓޭ ބުނީ ނޭމާއަކީ ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށާއި އޭނާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާއާ ނުލާ ވެސް ބްރެޒިލުން ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކަމުންދާތީ ހިތްހަމަ ޖެހޭ ކަމަށް ވެސް ޓިޓޭ ބުންޏެވެ.

އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަން އަތުން ބްރެޒިލް ބަލިވީ 7-1ގެ ނަތީޖާއަކުންނެވެ. އެ މެޗާ ގުޅިގެން ޓިޓޭ ބުނީ ބްރެޒިލް ކުޅުންތެރިންނަށް އަދި ވެސް އެ ހަނދާންތަކާ ދުރަށް ނުދެވޭ ކަމަށާއި ޖަރުމަނާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި އެކަން ފެނުނު ކަމަށެވެ.

"ޖަރުމަން ބަލިކުރެވުމަކީ ކުރީ މެޗުގެ ހަނދާންތަކާ ދުރަށް ދެވޭނެ ކަމެއް ނޫން. އެ ހަނދާންތައް ހުރިހާ ކުޅުންތެރިން ވެސް ހަނދާން ހުންނާނެ،" ޓިޓޭ ބުންޏެވެ.

އެކުވެރިކަމުގެ މެޗުގައި ޖަރުމަންގެ މައްޗަށް ކުރިހޯދައި، ބްރެޒިލުން ވަނީ ޖަރުމަނުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުމެއް ގެނުވައިފަ އެވެ. ބްރެޒިލާ ދެކޮޅަށް ނުކުތް އިރު ޖަރުމަނުން އެންމެ ފަހުން ކުޅުނު 22 މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ.

comment ކޮމެންޓް