މީދޫއާއި އަލިފުށީގެ ކުރިމަތިލުން މީދޫން ކާމިޔާބުކޮށްފި

އަލިފުއްޓާއި މީދޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ މީދޫ ފުޓްބޯޅަ ޓީމު ފޭސްބުކް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ބުރުގައި އަލިފުއްޓާއި މީދޫ ވާދަކުރި މެޗު، މީދޫން ކާމިޔާބުކޮށްފިއެވެ.

މި މެޗު ކާމިޔާބުކޮށް މީދޫންވަނީ ރ. އަތޮޅުގެ ފައިނަލްގެ ޖާގައަކަށް އުންމީދު ބޮޑުކޮށްފައެވެ. މިހާތަނަށް މީދޫން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާއިރު އަލިފުއްޓުންވެސް މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. ރ. އަތޮޅުގެ އަތޮޅު ބުރުގައި ކުޅޭ އިންނަމާދޫ އަދި އުނގޫފާރަށް އަދި ޕޮއިންޓެއް ލިބިފައި ނުވިނަމަވެސް އެ ދެޓީމަށްވެސް ބާކީ ދެ މެޗު އެބައޮތެވެ.

މިއަދުގެ މެޗު މީދޫން 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު މެޗުގެ ހަމައެކަނި ގޯލް، މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ނާޖިހު މުހައްމަދެވެ.

މިއަދުގެ މެޗަށްފަހު މީދޫ ކުޅުންތެރިން ސަޕޯޓަރުންނާއެކު --- ފޮޓޯ/ މީދޫ ފުޓްބޯޅަ ޓީމު ފޭސްބުކް

މިއަދުގެ މެޗުގައި ދެޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސް ވަރަށް ބޮޑަށް ފޯރި ނެގިކަން ފާހަގަކޮށްލެވިފައިވެއެވެ. މެޗަށްފަހު ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގައިފައެވެ.

ރ. އަތޮޅު ބުރު ފުރަތަމަ އަލިފުށީގައި ބާއްވާ ގޮތަށް އެފްއޭއެމުން ނިންމި ނަމަވެސް ފަހުން ވަނީ މީދުއަށް ބަދަލުކޮށްފައެވެ. މުބާރާތުގެ ރ އަތޮޅު ބުރު މުއްދަތެއް ނެތް ގޮތަށް ފަސްކުރި ކަމަށް ކުރިން އެފްއޭއެމުން ކުރިން އިއުލާން ކުރި ނަމަވެސް މިމަހުގެ 12 ވަނަ ދުވަހު އެ އަތޮޅުގެ މުބާރާތްވަނީ ފަށައިފައެވެ.

comment ކޮމެންޓް