މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

ރ. އުނގޫފާރު ދަނޑުގައި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު މެޗެއްގައި ސަޕޯޓަރުން އެ ރަށު ޓީމަށް ތަރުހީބުދެނީ --- ފޮޓޯ: މީދޫ އެސްސީ/ މީސްމީޑިއާ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅު ބުރު ބާއްވާނެ ރަށަކާ މެދު ހިޔާލު ތަފާތުވުންތައް އުޅޭތީ، އެކަމާމެދު މަޝްވަރާކުރުމުގެ ގޮތުން މުއްދަތެއް ނެތްގޮތަށް އެ އަތޮޅު ބުރު ފަސްކޮށްފިއެވެ.

ރ. އަތޮޅު މުބާރާތް ފުރަތަމަ އަލިފުށީގައި ބާއްވާގޮތަށް އެފްއޭއެމްއިން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ފަހުން އެ ބުރު މީދުއަށް ބަދަލުކޮށްފައިވަނީ އެ އަތޮޅު ބުރުގައި ބައިވެރިވެފައިވާ އެހެން ޓީމުތަކުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހު ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެ ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެފްއޭއެމްއިން މިހާރު އަނެއްކާވެސް ވަނީ ނިންމައިފައެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އެ ބުރު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާކަން އެފްއޭއެމްއިން ވަނީ އެ ބުރުގައި ވާދަކުރާ އަލިފުއްޓާއި، މީދުއާއި، އުނގޫފާރު އަދި އިންނަމާދުއަށް އަންގައިފައެވެ.

ރ. އަތޮޅު ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ކޮންމެ ކައުންސިލަކުން ބައިވެރިވާނެ ދެ ކައުންސިލް މެންބަރުންގެ ނަން ފޮނުވުމަށް އެފްއޭއެމްއިން ވަނީ އެދިފައެވެ.

މިނިވަން ޗެމްޕިއަންޝިޕް މިއަދު ފެށުމަށް ކުރިން ތާވަލުކޮށްފައިވީ ނަމަވެސް، އެފްއޭއެމްއިން ވަނީ އަންނަ ބުދަ ދުވަހަށް މުބާރާތް ފަސްކޮށްފައެވެ. އަދި މިހާރު ވަނީ މަޝްވަރާކުރުމުގެ ގޮތުން މުއްދަތެއް ނެތްގޮތަށް ރ. އަތޮޅު ބުރު ފަސްކޮށްފައެވެ.

comment ކޮމެންޓް