އޭޝިއާ ޓްރާންސްފާ މާކެޓްގެ އެއްވަނަ އިންޑިއާއަށް!

އިންޑިއަން ސުޕަ ލީގުގެ ކެރެލާ ބްލާންސްޓާސްއަށް ކުޅެމުން އަންނަ ޑިމިޓްރީ ބާބަޓޯވް --- ފޮޓޯ/ ސުޕަ ލީގު

އޭޝިއާގެ ޓްރާންސްފާ މާކެޓްގައި އެންމެ ގިނަ ބިދޭސީ ކުޅުންތެރިން ގެންދިޔަ ގައުމަކަށް އިންޑިއާ ވެއްޖެއެވެ.

މި ލިސްޓްގެ އެއްވަނައަށް އިންޑިއާ އެރީ އޭޝިއާ ފުޓުބޯޅައިގެ ގަދަބާރުތައް ކަމަށްވާ ޖަޕާން އަދި ޗައިނާ ފަދަ ގައުމުތައްވެސް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. 2017 ވަނަ އަހަރު އެންމެ ގިނަ ބިދޭސީ ކުޅުންތެރިން އެތެރެކުރި ގައުމަކީ އިންޑިއާކަމަށް އޭއެފްސީން ނެރުނު ލިސްޓްގައިވާއިރު، އިންޑިއާއިން ވަނީ މިދިޔަ އަހަރު 158 ބިދޭސީ ކުޅުންތެރިން އެގައުމަށް ގެންގޮސްފައެވެ.

ލިސްޓްގެ ދެވަނައިގައި އޮތީ 152 ކުޅުންތެރިން ގެންދިޔަ ޖަޕާނެވެ. ޖަޕާނުގެ ފަހަތުން ލިސްޓްގައި އޮތް ޗައިނާއަށް މިދިޔަ އަހަރު ގެންގޮސްފައިވަނީ 143 ކުޅުންތެރިންނެވެ.

މިދިޔަ އަހަރު އިންޑިއާއަށް ގެންދިޔަ ބިދޭސީ ކުޅުންތެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 32.8 ޕަސެންޓު އިތުރު ވެފައިވާ އިރު، އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އެގައުމުގައި ކުޅެމުން އަންނަ އިންޑިއަން ސުޕަ ލީގުގެ ނުފޫޒު ގަދަވުމެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން އައިލީގުގެ ޓީމުތަކަށްވެސް ކޮންމެ ޓީމަކަށް ބިދޭސީ ހަ ކުޅުންތެރިން ކޯޓާ އިންޑިއާގެ ފުޓުބޯޅަ އިދާރާއިން ވަނީ ދީފައެވެ.

ޗައިނާއަށް ގެންދާ ބިދޭސީ ކުޅުންތެރިންގެ އަދަދު 10 ޕަސެންޓް ދަށްވެފައިވަނީ އެގައުމުގެ ފުޓުބޯޅަ އިދާރާއިން ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދުތަކަށް ގެނައި ހަރުކަށި ބަދަލުތަކާއެކުގައެވެ. މި ލިސްޓްގައި ދެން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ އޭޝިއާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ އަދި ތައިލެންޑެވެ.

އިންޑިއާ ސުޕަ ލީގުގެ ހަތަރުވަނަ ސީޒަން މިހާރު ކުރިއަށްދާ އިރު، އެ ލީގު ފާހަގަކުރެވެނީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ފެންނަމުންދާ ލީގެއްގެ ގޮތުގައެވެ. އަދި ގިނަ ބަޔަކު ބަލަމުންދާވެސް ލީގެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ އަހަރުގެ ސީޒަންގެ 'ވިއުއާޝިޕް' 216 މިލިއަނަށް އަރާފައިވާ އިރު، މިސީޒަންގެ ފުރަތަމަ ތިން ހަފްތާގެ 'ވިއުއާޝިޕް' ވަނީ 81 މިލިއަނަށް އަރައިފައެވެ.

comment ކޮމެންޓް