ރާޅު ގުޑި ކައިޓް ބޯޑިން ޓުއާއަށް ބަދަލުތަކެއް!

ރާޅު ގުޑި ކައިޓް ބޯޑިން ޓުއާގެ ތެރެއިން: އެ ހަރަކާތުގައި ބައިވެރިވުމަށް 70 އެތުލީޓުން ރަޖިސްޓަރީވެފައިވޭ --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

އެކަށީގެންވާ ވަރަށް ވައި ނުޖެހޭތީ "ރާޅު ގުޑި" ކައިޓް ބޯޑިން ޓުއާއަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އެތުލީޓުން މިއަދު ރަޖިސްޓަރީ ވެފައިވީ ނަމަވެސް، ކައިޓް ބޯޑިންގެ ހަރަކާތަށް އެކަށީގެންވާ ވަރަށް ވައި ނުޖެހޭތީ، އެ ހަރަކާތް އެހެން ދުވަހަކަށް ތާވަލުކުރުމަށް ވަނީ ނިންމައިފައެވެ.

ރާޅު ގުޑި ކައިޓް ބޯޑިން ޓުއާގައި 70 އެތުލީޓުން ރަޖިސްޓަރީ ވެފައިވާ ކަމަށް އެ ހަރަކާތް އިންތިޒާމްކުރާ މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސްއާއި ސްލޯޓޭޕް ޕްރޮޑަކްޝަންއިން މައުލޫމާތުދެއެވެ. ކުރިން އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 50 އެއްހާ އެތުލީޓުންނެވެ.

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އާސިމް މުހައްމަދު 'ސަން ސްޕޯޓްސް'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭގެ ވަގުތެއްގައި ކައިޓް ބޯޑިންގެ ބޮޑު ހަރަކާތް ދެން ބާއްވާނެ ތާރީހެއް ފައިނަލް ކުރާނެ ކަމަށެވެ.

"މޫސުން ތަން ނުދިނުމާއި ބޭނުންވާ ވަރަށް ވައި ނުދިނުމާ ގުޅިގެން އަޅުގަނޑުމެން ޕްލޭން ބީއަކަށް މި ދާންޖެހުނީ. އަޅުގަނޑުމެން ހުރިހާ ބައިވެރިން މިހާރު މިތިބީ މާފުށީ ބީޗްގައި. އަސްލު ހަގީގަތުގައި މިއީ ނިންމަން އޮތް ބީޗު. އަޅުގަނޑުމެން އެހެން ދުވަހަކަށް ކައިޓް ބޯޑިން ރީ ޝެޑިއުލް ކޮށްލާފައި މިވަނީ،

"އެ ދުވަސް ފައިނަލްކޮށްލާނަން މިރޭގެ ވަގުތެއްގައި، ހުރިހާ ބައިވެރިން އެއްވަލާފައި ކުޑަކޮށް ވާހަކަ ދައްކާލާފައި. ބައިވެރިން މިކަން ކުރަން ބޭނުންވާލެއް ބޮޑުކަމުން އަޅުގަނޑުމެން އަނެއްކާވެސް ރީޝެޑިއުލް މިކުރަނީ." އޭނާ ވިދާޅުވިއެވެ.

ކައިޓް ބޯޑިންގައި ވިލިމާލެއިން މާފުށްޓަށް ކުރާ ދަތުރު ނުބޭއްވުނު ނަމަވެސް، އެ ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ. ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކަށްފަހުއެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

މިއަދުގެ ހަރަކާތުގައި ބައިވެރިވުމަށް ވޯޓާ ސްޕޯޓްސްގެ ގިނަ އެތުލީޓުންތަކެއް ސިއްސުވާލި ހަސަން މާހިރު (ހަންޓޭ)ވެސް ބައިވެރިވިއެވެ. ހަންޓޭގެ އިތުރުން އޭނާ ތައާރަފްކޮށްދިން ބ. ގޮއިދޫ ވޯޓާ ސްޕޯޓްސްގެ ނުވަ އެތުލީޓަކު ބައިވެރިވިއެވެ.

comment ކޮމެންޓް