އަހަރުގެ އެންމެ މޮޅު ކީޕަރަކަށް އިމްރާން

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނު އިމްރާން މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަން އިިމްރާން މުހައްމަދު ހޮވިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދޭ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް"ގެ އެންމެ މޮޅު ކީޕަރުގެ އެވޯޑު އިމްރާން ހާސިލްކުރީ އޭނާއަށް ވުރެ ޒުވާން ކީޕަރުން ފަހަތައް ޖައްސާލުމަށް ފަހުއެވެ.

އިމްރާންގެ ފަރާތުން އެވޯޑާ ހަވާލުވީ ގައުމީ ޓީމުގެ އެއްނަންބަރު ކީޕަރު މުހައްމަދު ފައިސަލެވެ. އެނާ އާ އެވޯޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނައިބު ރައިސާ އައިޝަތު ނާޒިމާއެވެ.

އިމްރާންގެ ފަރާތުން މުހައްމަދު ފައިސަލް އެވޯޑާ ހަވާލުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިމްރާންގެ އިތުރުން އެ އެވޯޑަށް ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއުރޭޑިއަންޓްގެ މުހައްމަދު ފައިސަލް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ އެއް ނަމްބަރު ކީޕަރު ލިމްބޯ ކިރަން އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެއް ނަމްބަރު ކީޕަރު މަހްމޫދު އަލް ޔޫސުފް އަދި ގްރީން ސްޓްރީޓްސްގެ ކީޕަރު ޖުން ކޮޗީ އެވެ.

އިމްރާން އެންމެ މޮޅު ކީޕަރުގެ އެވޯޑް ހޯދިއިރު އޭނާ ވަނީ މި އަހަރު ނިއުރެޑިއަންޓުން ޕްރިމިއާލީގާއި ގައުމީ މުބާރާތް އަދި އެފްއޭކަޕް ހޯދިއިރު އެޓީމްގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ފާސިރު (ސެންޓޭ) އެވެ.

comment ކޮމެންޓް