ދުނިޔޭގެ އެންމެ ރީތި 50 ބީޗުގެ ތެރޭގައި ފުޅަދޫ އަދި ދިގުރަށު ބީޗު

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ 34 ވަނާގައި ހިމެނުނު އދ. ދިގުރަށު ބީޗް ފެންނަ ފޮޓޯއެއް ---

ކެނެޑާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި، ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ތެރޭގައި ރާއްޖޭގެ ބ. ފުޅަދޫ އަދި އދ. ދިގުރަށުގެ ބީޗު ހިމެނިއްޖެ އެވެ.

ކެނެޑާގެ މަޝްހޫރު ވިޔަފާރި މެގަޒިން ޕުރޮފިޓް އިން ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް ކެނެޑާގެ އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކުންފުނީގެ ގޮތުގައި ހޮވާފައިވާ ފްލައިޓްނެޓްވޯކުން އެކުލަވާލި އެ ލިސްޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޓެރަވަލް ޕްރޮފެޝަލްސްގެ ހިޔާލާ އެކު އެކުލަވައިލައިފައިވާ ލިސްޓެކެވެ.

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ 22 ވަނައިގައި ހިމެނުނު ބ. ފުޅަދޫ ބީޗް ---

އެގޮތުން، އެ ލިސްޓަށް ދުނިޔޭގެ މަޝްހޫރު 600 އަށް ވުރެ ގިނަ ޓްރެވަލް ޖާނަލިސްޓުންނާއި އެޑިޓަރުން އަދި ބުލޮގަރުންނާއި އެޖެންސީތަކުން ލިބުނު ހިޔާލާއި ތަޖުރިބާ ހިއްސާ ކޮށްފައިވާ އިރު، ކޮންމެ ބީޗަކަށް ވެސް އެ ބީޗެއް ތަޖުރިބާ ކުރި މީހެއްގެ ބަސް ކޮޅެއް ހިމަނާފައިވެ އެވެ.

ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ތެރޭގައި ރާއްޖޭގެ ބ. ފުޅަދޫ ހިމެނިފައި ވަނީ 22 ވަނައިގަ އެވެ. އަދި އދ. ދިގުރަށު ބީޗު ހިމެނިފައި ވަނީ 34 ވަނައިގަ އެވެ.

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ އެއްވަނަ ލިބުނު ޓާކްސް އެންޑް ކެއިކޮސް އައިލެންޑްސްގެ ގުރޭސް ބޭ ބީޗުގެ ފޮޓޯއެއް --

ފުޅަދޫ ބީޗު ސިފަކޮށް މަޝްހޫރު އޮންލައިން ޓެރަވަލް އެޖެންސީއެއް ކަމަށްވާ ފައިވް ސުޓާ އެލަޔަންސްގެ ކޮންޓެންޓް މެނޭޖަރު އަދި ލަގްޒަރީ ހޮޓެލް އެކްސްޕާޓެއް ކަމަށްވާ ރޭޗަލް ވިއާ ވިދާޅުވީ، ފުޅަދޫ އަކީ ލަގްޒަރީ ދުވަސްތަކެއްގެ މަންޒިލެއް ކަމަށެވެ.

"މިއީ ލަގްޒަރީ ދުވަސްތަކާއި ދިއްލިފައި އޮންނަ ޓްރޮޕިކު ބީޗެއްގައި ރޭތައް ހޭދަ ކޮށްލަން ބޭނުންވާނެ އޮތް މަންޒިލެއް. ވެލިން ހޭކިފައިވާ ފައިގެ ދަށުން ބަބުޅާ ރާޅުތައް ހޭކިގެންދާއިރު ތިމާއަށް ވިސްނައިލެވޭނެ، [ދުނިޔެ މަތީގެ ސުވަރުގެ]" އަކަށް އާދެވުނީ ކިހިނެއްތޯ،" ފުޅަދޫ ބީޗު ސިފަކޮށް ރޭޗަލް ވިދާޅުވެފައިވެ އެވެ.

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ ދެވަނަ ލިބުނު އޮސްޓްރޭލިއާގައި އޮންނަ ވައިޓްހެވަން ބީޗުގެ ފޮޓޯއެއް ---

ދިގުރަށް ސިފަކޮށްފައި ވަނީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ގުޅޭ ގޮތުން ލިޔަމުން އަންނަ މަޝްހޫރު ބުލޮގެއް ކަމަށްވާ އަރަބިއަން ނައިޓްސްގެ ލިޔުންތެރިޔާ އަދި ލައިފްސްޓައިލް ރައިޓަރެއް ކަމަށްވާ ލިންޑުސޭ ޕެރީ އެވެ.

އޭނާ ބުނި ގޮތުގައި، މަޑު ހުދު ވެލިތަކުން ވަށާލެވި ހުދު ސާފު ފެނުން ފައި ހޭކިދާ ދިގުރަށަކީ ހުވަފެން ބަލާ މީހުންގެ ރަށެއް ކަމަށެވެ.

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ ތިން ވަނަ ލިބުނު ސީޝެލްސްގެ އަންސެ ލޭޒިއޯ ނަމަކަށް ކިޔާ ބީޗުގެ ފޮޓޯއެއް ---

ފްލައިޓްނެޓްވޯކުގެ އެންމެ ފުރިހަމަ 50 ބީޗުގެ އެއްވަނައިގާ ހިމެނެނީ އެޓްލާންޓިކް ކަނޑުގައި އޮންނަ އިނގިރޭސި ވިލާތުގެ ސަރަހައްދެއް ކަމަށްވާ ޓާކްސް އެންޑް ކެއިކޮސް އައިލެންޑްސްގެ ގުރޭސް ބޭ ބީޗް އެވެ.

އޮސްޓްރޭލިއާގައި އޮންނަ ވައިޓްހެވަން ބީޗަށް ލިސްޓުގެ ދެވަނަ ލިބުނު އިރު، ލިސްޓުގެ ތިންވަނާގައި އޮތީ، ސީޝެލްސްގެ އަންސެ ލޭޒިއޯ ނަމަކަށް ކިޔާ ބީޗެކެވެ.

comment ކޮމެންޓް