"ޑިސްކަވާ ސްކޫބާ ޑައިވް"ގެ ނަމުގައި ފީނުމުގެ ހަރަކާތެއް ފަށައިފި

ފީނުމުގެ ހަރަކާތުގައި ހުރިހާ ބައިވެރިން ފޮޓޯ އަށް ހުއްޓިލައިގެން- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ޑިސްކަވާ ސްކޫބާ ޑައިވް"ގެ ނަމުގައި ފީނުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.

މާލޭ ފަތާ ޓްރެކް ހިމެނޭ ހިސާބުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފަތުވެރިކަން ބިނާވެފައި ވަނީ މޫދު ހަރަކާތްތަކަށް ކަމަށް ކަމަށެވެ.

ޒަމީރު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުވެރިންގެ އަދަދު އިތުރު ވަމުން އަންނަ އިރު އެކި ކަހަލަ މާކެޓްތައް ފުޅާ ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން ވެސް ފީނުމުގެ މާކެޓް އިތުރަށް ފުޅާ ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ހިނގަމުންދާ ފީނުމުގެ ހަރަކާތުގެ ތެރެއިން.- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

"ރާއްޖެ އަށް މިހާރު ވެސް އެތައް ފަތުރުވެރިންތަކެއް އެބަ ޒިޔާރާތްކުރޭ. އެ ޒިޔާރާއްކުރާ ފަތުރުވެރިންގެ ތެރެއިން ހަ އިންސައްތަ އަކީ ފީނުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިން. ފީނުމުގެ މާކެޓްތައް އިތުރަށް ފުޅާކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 1000 ޑައިވް މާސްޓަރުން އުޅޭ ކަމަށާއި ޓޫރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން މިހާރު ވެސް ޑައިވް ސެންޓަރުގެ ގޮތުގައި 200 ސެންޓަރު ހިންގާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިސްކަވާ ސްކޫބާ ޑައިވް"ގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ފީނުމުގެ ދާއިރާ އަށް ދަރިވަރުން އިތުރަށް ޝައުގުވެރިކަން އުފައްދައި އެކަމަށް އަހުލުވެރި ކުރުވުން ކަމަށެވެ.

މިއަދު ހިނގަމުންދާ ފީނުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މިއަދު ހެނދުނު 9:00 އިން ހަވީރު 5:30 އަށް މާލޭ ފަތާ ސަރަހައްދުގައި ކުރިއަށް ގެންދާ އެ ހަރަކާތަކީ ޓޫރިޒަމް މިނިސްޓްރީ އާއި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާ ގުޅިގެން ކުރިއަށް ގެންދާ ހަރާކާތެކެވެ.

އެ ހަރަކާތުގައި މާލޭގެ ހަތް ކޮލެޖަކުން 50 ދަރިވަރުން ބައިވެރިވެ އެވެ.

comment ކޮމެންޓް