މޫދު ކުޅިވަރަށް ހާއްސަ "ދިރާގު ޔޫތު ފެސްޓް 2017" ވަރަށް ކާމިޔާބު!

ދިރާގު ޔޫތު ފެސްޓް 2017ގެ ތެރެއިން -- ފޮޓޯ/ ދިރާގު

މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ހާއްސަކޮށްގެން ދިރާގުން މިއަދު ކުރިއަށްގެންދިޔަ "ޔޫތު ފެސްޓް 2017 ވޯޓަރ ސްޕޯޓްސް އެޑިޝަން" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ވިލިމާލޭ ވޯޓަރ ސްޕޯޓްސް ސަރަހައްދުގައި ކުރިއަށްދިޔަ އެ ފެސްޓިވަލްގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އެ ފެސްޓިވަލްގައި ބައިވެރިންނަށް މުޅިން ހިލޭ މޫދު ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.

ދިރާގު ޔޫތު ފެސްޓް 2017ގެ ތެރެއިން -- ފޮޓޯ/ ދިރާގު

އެ ފެސްޓިވަލްގައި ޖެޓްސްކީ ދުއްވުމާއި، ފްލައި ބޯޑިންގެ އިތުރުން ތަފާތު އެހެނިހެން މޫދު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން ހަރުބީ ބޮޑުބެރު ގްރޫޕާއި، މަޝްހޫރު ދިވެހި ބޭންޑު، "ޑިޓިއުން"ގެ އިތުރުން ޒުވާނުންގެ ހިތްތަކުން ޖާގަ ހޯދަމުންދާ ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އަހުމަދުގެ ހުށައެޅުންތައް ވެސް ފެސްޓިވަލްގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.

އެ ފެސްޓިވަލްގެ މަގްސަދަކީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ތަނަވަސް ކޮށްދިނުމަށް ދިރާގުން ގެނެސްދިން ފެސްޓިވަލެކެވެ.

ދިރާގު ޔޫތު ފެސްޓް 2017ގެ ތެރެއިން -- ފޮޓޯ/ ދިރާގު

އެ ފެސްޓިވަލްގެ ތެރެއިން ދިރާގުގެ އާ އެމްބެސެޑަރު ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން ދިރާގުގެ އާ އެމްބެސަޑަރަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރު ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލް ކޮށްފައިވާ އިބްރާހިމް ހުސެއިން (އިއްބަޑޭ) އެވެ.

ދިރާގުގެ އާ އެމްބެސެޑަރުކަން އިއްބަޑޭއާ ހަވާލު ކުރަނީ -- ފޮޓޯ/ ދިރާގު

މިއަދުގެ ފެސްޓިވަލްގައި ދިރާގުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޕްލޭނަރ "މަމެން" ވެސް ރަސްމީކޮށް ތައާރަފް ކޮށްފައެވެ. އެ ހިދުމަތް ބޭނުން ކޮށްގެން އެމީހަކު ބޭނުން ވަރަކަށް ރީޗާޖް، އެސްއެމްއެސް އަދި އިންޓަނެޓް ޕެކޭޖް އިހުތިޔާރު ކުރެވޭނެއެވެ.

އޭގެ އިތުރުން ދިރާގުން ވަނީ މިދިޔަ އޯގަސްޓް މަހު ފަހުކޮޅު ތައާރަފްކުރި ޑިޖިޓަލް ގޭމް 'އާރްބީ ކުއެސްޓް'ގެ ވަނަވަނައަށް ހޮވުނު ފަރާތްތަކާއި ފަސް ޑެއިލީ ޕްރައިޒް ވިނަރސް ވެސް ހޮވައިފައެވެ.

comment ކޮމެންޓް